Roadha Mihaaru
ޝެފުން: މިއީ އިންޑަސްޓްރީއަށް ލިބުނު ކުރިއެރުމެއް

ހޯފެކްސް ގައި ބައިވެރިވި ރާއްޖޭގެ ދެ ޝެފުން ރިހި މެޑަލް ގެނެސްފި

22 މެއި 2017

ހޮންގް ކޮންގްގައި ބާއްވާ "ހޯފެކްސް" މަހާސިންތާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު 10،000 އަށް ވުރެ ގިނަ ޒިޔާރަތްކުރެ އެވެ. މި މަހު އަށްވަނަ ދުވަހު ފެށި ހޯފެކްސް ގައި ވެސް ކާބޯތަކެއްޗާއި ހޮޓެލް، ރެސްޓޯރަންޓް، އަދި ކެއްކުމާ ގުޅޭ އުފެއްދުތައް ދައްކާލަން އެތައް ހާސް ބަޔަކު ހަރަކާތްތެރިވި އެވެ. އޭގެ ތެރޭ ރާއްޖޭގެ ދެ ކައްކާއެއް ވެސް ހިމެނެ އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ހޮންގް ކޮންގްގައި ބާއްވާ "ހޯފެކްސް" މަހާސިންތާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު 10،000 އަށް ވުރެ ގިނަ ޒިޔާރަތްކުރެ އެވެ. މި މަހު އަށްވަނަ ދުވަހު ފެށި ހޯފެކްސް ގައި ވެސް ކާބޯތަކެއްޗާއި ހޮޓެލް، ރެސްޓޯރަންޓް، އަދި ކެއްކުމާ ގުޅޭ އުފެއްދުތައް ދައްކާލަން އެތައް ހާސް ބަޔަކު ހަރަކާތްތެރިވި އެވެ. އޭގެ ތެރޭ ރާއްޖޭގެ ދެ ކައްކާއެއް ވެސް ހިމެނެ އެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ ދާއިރާއަށް ހާއްސަ ހޮފެކްސްގައި ޝެފް އަހްމަދު ފަތީން އާއި އިސްމާއިލް ނާސިރު ބައިވެރިވީ ބެސްޓްބައި މޯލްޑިވްސް އާއި މޯލްޑިވްސް ހޮޓެލް އެންޑް އެގްޒިބިޝަންސް (މެކްސް)ގެ އެހީ އާއި އެކުގަ އެވެ. އެ ދެ ފަރާތުން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ބޭއްވި ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގައި ވަނަ ހޯދީ ބަނޑޮސް ރިސޯޓުގެ ޝެފް އަހުމަދު ފަތީން އާއި އެޗްއައިއެޗްގެ ދެ ޝެފުން ކަމަށްވާ އިސްމާއިލް ނާސިރާއި އިންދްރަ ކުމާރު ލިމްބޫ އެވެ. ބީބީއެމް އިން މި ތިން ޝެފުން ހޯފެކްސް 2017 އަށް ފޮނުވީ، އެތަނުން ޝެފުންނަށް އަގުހުރި ތަޖުރިބާއާއި މައުލޫމާތު ލިބޭނެ ކަމުގެ އުންމީދުގަ އެވެ.

ހޯފެކްސް ނިމި އެނބުރި ރާއްޖެއަށް އައިސް ޝެފް ނަސީރު އަދި ފަތީން ދެއްކި ވާހަކައިން އެނގުނީ ބީބީއެމް ގެ އުންމީދު ފުރިހަމަވި ކަމެވެ. ލިބުނު ތަޖުރިބާގެ ސަބަބުން ދެ ޝެފުންނަށް ކުރިއެރުން ލިބި، އަގުހުރި ފިލާވަޅުތަކެއް ދަސްވި ކަމަށް ބުންޏެވެ.

ބީބީއެމް ގެ ޖެނެރަލް މެނޭޖާ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ޝެފް ނަސީރާއި ފަތީނަށް މަރުހަބާ ކިޔަނީ. ފޮޓޯ: ޖާދުﷲ ތައުފީގް

ބީބީއެމް ގެ ޖެނެރަލް މެނޭޖާ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ޝެފް ނަސީރާއި ފަތީނަށް މަރުހަބާ ކިޔަނީ. ފޮޓޯ: ޖާދުﷲ ތައުފީގް

"ބީބީއެމް އަކީ މި ދާއިރާއަށް މިކަހަލަ އެކި ފުރުސަތުތައް ދީގެން ޝެފުން ކުރިއަރުވާ ފަރާތެއް... ވަރަށް ޝުކުރުވެރިވޭ އަޅުގަނޑަށް މި ފުރުސަތު ލުބުނީމަ،" ޝެފް ފަތީން ބުންޏެވެ. "އަޅުގަނޑަށް މި ލިބުނު ތަޖުރިބާގެ ބޭނުން އެހެން ޝެފުންނަށް ވެސް ހިފޭނެ. ހޯފްކްސްގައި ބޭއްވި ކަލިނަރީ މުބާރާތުގައި ބައިވެރިވީ ދިވެހި ކެއުމުން އިންސްޕަޔާ ވެގެން ޑިޝް އެއް ހަދަން ވެގެން. ނެގަޓިވް ކޮމެންޓްއެއް ނުލިބޭ، އެކަމު ޑިޝް ނިންމަން ގިނަ ވަގުތު ނެގީމާ ސިލްވާ މެޑަލް އެއް ލިބުނީ."

ނަސީރު ބުނި ގޮތުގައި އޭނާއަށް ތަފާތު ތަޖުރިބާތައް ކުރަން ލިބުނު މި ފުރުސަތަކީ ވަރަށް ފައިދާ ހުރި ކަމެކެވެ.

"ތަފާތު ޝެފުންނާ ދިމާވެ، އެމީހުނާ ތަފާތު އެކި މަޝްވަރާތައް ކޮށް މައުލޫމާތު ލިބުނު. މި ގޮތަށް ކޮންމެ ދިވެއްސަކަށް ލިބޭ ކުރިއެރުމަކީ އިންޑަސްޓްރީ އަށް ވެސް ލިބޭ ކުރިއެރުމެއް. ހަމަގައިމުވެސް އަޅުގަނޑަށް ލިބުނު ތަޖުރިބާ އާއި މައުލޫމާތު ރާއްޖޭގެ ޝެފުންނަށާ އަދި އިންޑަސްޓްރީގެ އެހެން މީހުނަށް ހިއްސާ ކުރާނަން،" އޭނާ ބުންޏެވެ.

ހޮސްޕިޓަލިޓީ ދާއިރާގެ ފަންނާނުނަށް ދެ ޝެފުން ވެސް އިލްތިމާސް ކުރީ މި ކަހަލަ ބޮޑެތި ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށެވެ. ފުރުސަތުތައް މަދު ކަމަށާ، ލިބޭ ހަނި ފުރުސަތުތަކުގެ ބޭނުން ހިފައި ދިވެހީން ގިނަވި ވަރަކަށް އިންޑަސްޓްރީ ފުޅާވާނެ ކަމަށް ބުންޏެވެ.

ދެހާސްވަނަ އަހަރުން ފެށިގެން ބީބީއެމް އިން ދަނީ ފުޑް އެންޑް ހޮސްޕިޓަލިޓީ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން އިސްކަން ދެނީ ގިނަ ދިވެހިން ދާއިރާއަށް ނެރޭށެ އެވެ. އަދި އެ މީހުންގެ ފަންނީ ގާބިލުކަން ވަރުގަދަ ކުރާށެވެ.

ބީބީއެމް ގެ ޖެނެރަލް މެނޭޖާ ހުސްނީ ރައުފް ބުނީ އެ ކުންފުނިން ގާތްގަނޑަކަށް 300 ދިވެހިންނަށް ތަމްރީނުތަކާ އަގު ހުރި ފުރުސަތުތައް ދެވިފައި ވާނެ ކަމަށެވެ.

ބީބީއެމް އާއި މެކްސްއިން މި އަހަރު ޕޭސްޓްރީ މާސްޓަ ކްލާހެއް އިންތިޒާމް ކުރި: ހޯފެކްސްއަށް ފޮނުވި ދެ ޝެފް، ނަސީރައި ފަތީން، ސެލެބްރިޓީ ޝެފް އެޑަވިން އާއި އެކު. ފޮޓޯ: މެކްސް

ބީބީއެމް އާއި މެކްސްއިން މި އަހަރު ޕޭސްޓްރީ މާސްޓަ ކްލާހެއް އިންތިޒާމް ކުރި: ހޯފެކްސްއަށް ފޮނުވި ދެ ޝެފް، ނަސީރައި ފަތީން، ސެލެބްރިޓީ ޝެފް އެޑަވިން އާއި އެކު. ފޮޓޯ: މެކްސް

ހުސްނީ ބުނި ގޮތުގައި ދިވެހިންނަށް މިކަހަލަ ފުރުސަތު ތަކުރަރުކޮށް ދިނުމުން، އެ ފަންނުގެ ތެރޭ ދައުރުވާ އެންމެ ފަހުގެ މައުލޫމާތުތައް ޓްރެންޑްތައް އެނގޭނެ އެވެ.

"ހޮޓެލް އޭޝިއާ ކަލިނަރީ ޗެލަންޖާ، ހޯފެކްސް ކަހަލަ ބޮޑެތި ބައިނަލްއަގްވާމީ މަހާސިންތާތަކުގައި ދިވެހިން ބައިވެރި ކުރެވިއްޖެ. ދެން އޮތީ ޑުބާއީގައި ބާއްވާ ބޮޑެތި އިވެންޓްތަކަށް ވެސް މި ދާއިރާގެ ދިވެހިން ފޮނުވުން. ދުނިޔޭގެ ހުރި އެންމެ ފަންނީ މީހުންނާ ދިމާވެ، މައުލޫމާތު ބަދަލުކޮށް، އަދި ވާދަ ކުރުމުގެ ފުރުސަތުތައް އިތުރު ކުރެވޭތޯ މަސައްކަތް ކުރާނަން،" ހުސްނީ ބުންޏެވެ.

ބީބީއެމް އިން މިދިޔަ ފެބްރުއަރީ މަހު ސެލެބްރިޓީ ޝެފް އެޑްވިން ލިއޯ އާ އެކު މާސްޓާ ކްލާހެއް ބޭއްވި އެވެ. އެއީ ހޮޓެލް އޭޝިޔާ އެގްޒިބިޝަނަށް ޝެފުން ތައްޔާރު ކޮށްދޭށެވެ. މި އަހަރު ތެރޭ ވެސް މި ކަހަލަ އެހެން ހާއްސަ މާސްޓާ ކްލާސްތައް ބާއްވާނެ ކަމަށް ބީބީއެމް އިން ބުންޏެވެ. ހޮޓެލް އޭޝިޔާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ކުރިއަށް ދާނީ މި އަހަރުގެ ސެޕްޓެމްބަރ 17 އިން 20 އަށް ދަރުބާރުގޭގަ އެވެ.