20 ނޮވެމްބަރ 2022
އިޓާލިއަން ޕިއްޒާ އާއި ހައިދަރުއާބާދީ ބިރިޔާނީ އާއި ޖަޕާނުގެ ސޫޝީ އަދި ތުރުކީގެ ދޯނާ ކެބާބް ގޮތަށް ރާއްޖޭގެ ނަމާ އެކު ވެސް ކިޔާނެ ދިވެހި ނަމެއް އުފަންވާނެ ދުވަހަކަށް އިންތިޒާރުކުރައްވާ ކަމަށައި މި ހުނަރުވެރިކަން ދިވެހި ޝެފުންގެ ކިބައިގައި ހުރި ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އިޓާލިއަން ޕިއްޒާ އާއި ހައިދަރުއާބާދީ ބިރިޔާނީ އާއި ޖަޕާނުގެ ސޫޝީ އަދި ތުރުކީގެ ދޯނާ ކެބާބް ގޮތަށް ރާއްޖޭގެ ނަމާ އެކު ވެސް ކިޔާނެ ދިވެހި ނަމެއް އުފަންވާނެ ދުވަހަކަށް އިންތިޒާރުކުރައްވާ ކަމަށައި މި ހުނަރުވެރިކަން ދިވެހި ޝެފުންގެ ކިބައިގައި ހުރި ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ބޭއްވި "ޝެފް އެވޯޑްސް 2022" ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު ޓޫރިޒަމަށް އައިސްފައިވާ ކުރިއެރުމާ އެއްވަރަށް ކަލިނަރީ ދާއިރާއިން ދިވެހިން އުފެއްދިފައި ނެތް ކަމަށެވެ. އެކަމަކު ރާއްޖޭގެ ޓޫރިޒަމަށް ލިބިފައިވާ މަގުބޫލު ކަމުގެ އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ބަޔަކަށް ވާނީ ޝެފުން ކަމަށް ރައީސް ވިދާޅުވި އެވެ.
ކަލިނަރީ ދާއިރާގެ ފަންނުވެރިންގެ ޚިދުމަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމަށް ބޭއްވި އެވޯޑް ހަފްލާގައި ރައީސް ވަނީ ރާއްޖޭގެ 50 އަހަރުގެ ޓޫރިޒަމްގެ ތާރީހުގައި ކަލިނަރީ ދާއިރާއިން ހާއްސަ އެވޯޑެއް ތައާރަފްކޮށް ޝެފުންގެ އަގު ވަޒަންކުރި ކަމަށްޓަކައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ވެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ކަލިނަރީ ދާއިރާގެ އަގު ވަޒަންކޮށް ދިން "ޝެފް އެވޯޑްސް 2022" ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ދިވެހި ޝެފުންގެ ހުނަރުވެރިކަމަށް ތައުރީފްކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް، "ވަން އައިލެންޑް ވަން ރިޒޯޓް ކޮންސެޕްޓަށް" ބްރޭންޑުވެ މަގުބޫލް ވެފައިވާ ކަމަށާއި ދިވެހި ޝެފުން މި ދާއިރާއަށް ނުކުމެ، "ދިވެހި ރަހަތައް، ވިލާތުގެ އަރުތަކަށް ހެޔޮވަރު ކޮށްދެވިއްޖިއްޔާ، ކަލިނަރީ ދާއިރާގެ މުޅިން އައު ބްރޭންޑެއް އުފަންވުމުގެ ފުރުސަތު ވެސް އެބައޮތް" ކަމަށެވެ. ދިވެހިންގެ ރަހަތަކާއި، ވިލާތުގެ ރަހަތައް ގުޅުވައިގެން މުޅިން އާ ރަހަތަކެއް އުފަންކުރުމުގެ އީޖާދީ ވިސްނުން ދިވެހިންގެ ކިބައިގައި ހުންނާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި ރާއްޖޭގެ ޓޫރިޒަމްގެ ތާރީޚުން ދިވެހިންނަށް އެކަން ވެސް ވާނެކަން އެނގޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދިވެހި ޝެފުން ބައިވެރިވެ، ހޯދާ ރަން ވަނަތަކަކީ، މި ގާބިލްކަން ދިވެހިންގެ ކިބައިގައި ހުރިކަމުގެ ހެއްކެކެވެ. ބޭނުންވަނީ އެކަމުގައި އިސްނަގާނެ ދިވެހި ޝެފުން ކަމަށާއި އެވޯޑް ހާސިލްކުރެއްވި ބޭފުޅުންގެ ކިބައިގައި، އެ ހުނަރާއި ފަންނު ހުންނާނެކަން ޔަގީން ކަމަސް ރައީސް ވިދާޅުވި އެވެ.
"އޭރުން ނަން ހިނގާނީ ހަމައެކަނި އިޓާލިއަން ޕިއްޒާ އާއި، ހައިދަރުއާބާދީ ބިރިޔާންޏެއް ނޫން. އޭރުން ޖަޕާނުގެ ސޫޝީ އާއި، ތުރުކީގެ ދޯނާ ކެބާބްއާ ވިދިގެން ކިޔާނެ ދިވެހި ނަމެއްވެސް އޮންނާނެ. މިއީ އަޅުގަނޑު ހިތުން ކުރަން ހަމަ ވަރަށް ރަނގަޅު ކަމަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.
"ދިވެހި ޝެފުންގެ އެފަދަ އިސްނެގުމަކަށް އަޅުގަނޑު ވަރަށް އިންތިޒާރު ކުރަން. އިރާދަކުރެއްވިއްޔާ، މާ ދުރުނޫން މުސްތަޤްބަލެއްގައި އަޅުގަނޑުމެންނަށް އެކަން ޙާޞިލްވުމަށް އަޅުގަނޑު އުންމީދުކުރަން."
ކަލިނަރީ ދާއިރާގެ އަގު ވަޒަންކޮށް ދިން "ޝެފް އެވޯޑްސް 2022" ރަސްމިއްޔާތުގައި ދާއިރާގެ ބޭފުޅުން ބައިވެރިވަނީ. -- ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމްގައި ޝެފުންގެ ދައުރު މުހިންމުކަން ފާހަގަކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓޫރިޒަމް ތައާރަފްވި އިރު ވެސް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓޫރިސްޓުންނާ ކަމުދާނެ ކެއުންތައް ތައްޔާރުކުރަން އޭރު ނޭނގުމެވެ.
"...އެކަށީގެންވާ ކެއްކުންތެރިން ރާއްޖޭގައި އެއިރަކު ނެތްކަން. އަދި ވިލާތުގެ ކެއްކުންތައް ކައްކަން ދަންނަ މީހުންވެސް، އޭރު ރާއްޖޭގައި ތިބިހެނެއް ހިޔެއްނުވޭ. ތިބިއްޔާ ތިބީ ވަރަށްމަދު ބައެއް،" ރައީސް ވިދާޅުވި އެވެ.
އެކަމަކު މިހާރު ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ކޮންމެ އަހަރަކު އެތައް ބައިވަރު ބައިނަލްއަގުވާމީ އެވޯޑެއް ހާސިލްކުރަމުން އަންނައިރު ރިޒޯޓަކާ މެދު ޓޫރިސްޓުންގެ ހިތްތަކުގައި މަގުބޫލުކަމާއި ޝައުގުވެރިކަން އުފައްދައިދޭ އެންމެ ފުރަތަމަ ކަމަކީ ހުނަރުވެރި ޝެފުންގެ ރަހަ ހެޔޮވަރުކުރުންތައް ކަމަށް ރައީސް ވިދާޅުވި އެވެ.
ކަލިނަރީ ދާއިރާގެ އަގު ވަޒަންކޮށް ދިން "ޝެފް އެވޯޑްސް 2022" ރަސްމިއްޔާތުގައި ޝެފަކަށް ހަނދާނީ ފިލައެއް ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑު ދެކޭގޮތުގައި، މި ހުރިހާ ކާމިޔާބީއެއްގެ އެންމެ މުހިންމު އެއް ހިއްސާދާރަކީ، ރިޒޯޓުތަކުގައި ކެއްކުމާއި، ކާބޯތަކެތި ތައްޔާރުކުރައްވާ ޝެފުން. ފަރުދާގެ ފުރަގަހުގައި އެ ބޭފުޅުން ކުރައްވާ މަސައްކަތްތައް، ގިނަ ބަޔަކަށް ފަހަރެއްގައި ނުފެނި އޮވެދާނެ. އެހެންނަމަވެސް، އެ ރިޒޯޓަކާ މެދު ފަތުރުވެރިންގެ ހިތްތަކުގައި މަގުބޫލުކަމާއި ޝައުގުވެރިކަން އުފައްދައިދޭ އެންމެ ފުރަތަމަ ކަމަކީ، ހުނަރުވެރި ޝެފުންގެ ރަހަ ހެޔޮވަރުކުރުންތައް،" ރައީސް ވިދާޅުވި އެވެ.
މިހާރު ކެއްކުމުގެ ހުނަރު ވެސް ވަކި ފަންނެއްގެ ގޮތުގައި ތަރައްގީވެ ފުޅާވަމުން އައި ދުނިޔޭގެ ފެންވަރުގެ ދިވެހި ކެއްކުންތެރިން ވެސް އެބަތިބި ކަމަށާއި ރިސޯޓްތަކުގެ ކަލިނަރީ ދާއިރާގެ އެންމެ މަތީ ފަންތީގައި ވެސް ދިވެހި ޝެފުން މިހާރު އެބަތިބިކަން ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް ޓޫރިޒަމަށް އައި ކުރިއެރުމާ އަޅާބައިރު ދިވެހި ޝެފުން މަދު ކަމަށާއި ދާއިރާއަށް ދިވެހި ޒުވާނުން ނުކުންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ޝެފުން: މިއީ އިންޑަސްޓްރީއަށް ލިބުނު ކުރިއެރުމެއް
އިންޑިއާގެ ޓޫރިސްޓުން މަދުވެ ބޮޑު ގެއްލުމެއް: އިބޫ
ޓޫރިޒަމްގެ މީހުންނަށް 2ދުވަހުގެ ޗުއްޓީ ލިބޭގޮތް ހަދަނީ
ޓޫރިޒަމް ދާއިރާގެ ޖަމިއްޔާ ޓީމުގެ ތާއީދު ރައީސަށް
ރައީސްގެ އަމާޒަކީ ފަސް މިލިއަން ޓޫރިސްޓުން
ޓޫރިޒަމްގެ އެންމެ ބިޔަ އެއް މަޝްރޫއު ވ. އަތޮޅުގައި
ޖާބިރަށް ދިން ފަޅުގައި ލަގްޒަރީ ރިސޯޓެއް ހަދަނީ
އައްޑޫގެ މަޝްރޫއުތައް ނިމޭއިރު 7،000 އެނދު
ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައި ޓައިޓަލްތައް ދީފި
ސައުދީގެ ޓޫރިޒަމް މިނިސްޓަރާ ރައީސް މަޝްވަރާކުރައްވައިފި