Roadha Mihaaru
ހޮޓެލް އޭޝިއާ ފެއާއަށް ދިން ދަރުބާރުގެ އަތުލައިފި

ހޮޓެލް އޭޝިއާ ފެއާ އަށް ދަރުބާރުގެ ދިނުމަށް ފަހު އަތުލައިފި

06 ސެޕްޓެމްބަރ 2018

ހޮޓެލް އޭޝިއާ ފެއާގެ މި އަހަރުގެ އިވެންޓު ބާއްވަން ދަރުބާރުގެ ދިނުމަށް ފަހު އެތަން އަތުލާފައިވާ ކަމަށް، އެ އިވެންޓު އިންތިޒާމުކުރާ މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން ބުނެފި އެވެ.

ފަރާ އަހުމަދު ފަރާ އަހުމަދު

ހޮޓެލް އޭޝިއާ ފެއާގެ މި އަހަރުގެ އިވެންޓު ބާއްވަން ދަރުބާރުގެ ދިނުމަށް ފަހު އެތަން އަތުލާފައިވާ ކަމަށް، އެ އިވެންޓު އިންތިޒާމުކުރާ މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން ބުނެފި އެވެ.

ކެއްކުމުގެ ހުނަރު ދައްކައިލުމުގެ ބޮޑު މުބާރާތެއް ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒު ބާއްވަން ހަމަޖެހިފައި އޮތީ މި މަހު 10 ން 12 އަށް ކުރީ ފަހަރެކޭ އެއްގޮތަށް ދަރުބާރުގޭގަ އެވެ.

މައުރަޒުގެ ބައިވެރިންނަށް މެކްސްއިން ފޮނުވި ނޯޓިސްއެއްގައި ބުނެފައި ވަނީ، ދަރުބާރުގެ "ލިބެން ނެތް" ވާހަކަ ހައުސިން މިނިސްޓްރީން ކުއްލިއަކަށް އެންގުމުން، އިވެންޓް ލަސްކުރަން ޖެހިފައިވާ ކަމަށެވެ.

"މިހާ ބޮޑު ފިޔަވަޅެއް އަޅައި، އިވެންޓް ކެންސަލް ކުރަން ޖެހުމަކީ އަޅުގަނޑުމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ޝޮކެއް. އަދި އަޅުގަނޑުމެންނަށް އޭގެން ވަރަށް ގެއްލުން ދައްކާނެ ކަމެއް،" މެކްސް އިން ފޮނުވި ނޯޓިސް ގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ، މި އަހަރުގެ ހޮޓެލް އޭޝިއާ ފެއާ ދަރުބާރުގޭގައި ނުބޭއްވޭނެ ކަން އެންގީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އޭރު، މައުރަޒު ބޭއްވުމުގެ ތައްޔާރީތައް ވެސް ވެފައިވާ ކަމަށް މެކްސްއިން ބުންޏެވެ. އަދި ދަރުބާރުގެ ލިބެން ނެތީ، "މަޖުބޫރު ހާލަތެއް" ދިމާވެގެން ކަމަށް ސަރުކާރުން އަންގާފައިވާ ކަމަށް މެކްސްއިން ވަނީ ބުނެފަ އެވެ.

ސަރުކާރުން މިހާރު ވަނީ މި މައުރަޒު ބާއްވާނެ އެހެން ތަނެއް ހޯދުމަށް މެކްސް އަށް ލަފާދީފަ އެވެ. ނަމަވެސް، މެކްސް އިން ބުނީ މިހާ ގިނަ ބަޔަކު ބައިވެރިވާ މައުރަޒެއް ބާއްވާނެ އެހެން ތަނެއް މާލެއިން ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަން ބޭއްވުމަށްޓަކައި ދަރުބާރުގެ އަލުން ދޫކުރުމަށް މެކްސްގެ ފަރާތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގައި ވަނީ އެދިފަ އެވެ.

އެކަމަކު މެކްސް އިން ބުނީ، އަދިވެސް އެދެވޭ ޖަބާވެއް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ނުލިބޭ ކަމަށެވެ.

މި މައުރަޒު ދެން ބާއްވާނެ ދުވަހެއް މެކްސް އިން ހާމައެއް ނުކުރެ އެވެ.

ހަތްސަތޭކަ އަށް ވުރެ ގިނަ މީހުންނާއި 75 ރިސޯޓުން ބައިވެރި ވުމަށް ހަމަޖެހިފައި އޮތް މި މައުރަޒު ރާއްޖޭގައި ބާއްވާތާ 14 އަހަރު ވެއްޖެ އެވެ. ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލަންޖަކީ ހޮސްޕިޓަލިޓީގެ ހިދުމަތްދޭ ފަރާތްތަކާއި ސަޕްލައިކުރާ ފަރާތްތައް އަދި ޖަމާއަތުގެ މެދުގައި ދުޅަހެޔޮ ގުޅުމެއް ބަދަހި ކުރުމަށް ބާއްވާ މައުރަޒެކެވެ.