Roadha Mihaaru
ސަބަބެއް ނެތި، ވަޒީރުން ވަކި ނުކުރެވޭނެ: އޭޖީ

އެކަށީގެންވާ ސަބަބެއް ނެތި މަޖިލީހަށް ވަޒީރުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅަން އޭޖީން ސުޕްރީމް ކޯޓުގައި އެދިއްޖެ

14 މެއި 2017

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ އިމްޕީޗްމެންޓް ވޯޓަކުން އެކަނި ކަމަށާއި ސިޔާސީ ބޭނުމެއްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓު [ވޯޓް އޮފް ނޯ ކޮންފިޑެންސް] އަކުން ވަޒީރުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ އިމްޕީޗްމެންޓް ވޯޓަކުން އެކަނި ކަމަށާއި ސިޔާސީ ބޭނުމެއްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓު [ވޯޓް އޮފް ނޯ ކޮންފިޑެންސް] އަކުން ވަޒީރުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާ މިހާރު އޮތްގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ 10 މެމްބަރަކު ސޮއިކުރައްވައި ހުށަހަޅުއްވާ ހުށަހެޅުއްވުން، މަޖިލިހުން ފާސްވެއްޖެ ނަމަ އެ ވަޒީރަކު މަގާމުން ވަކިވާނެ އެވެ. ވަޒީރުންގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ ވަކި ސަބަބުތަކެއް އޮވެގެން ކަމަކަށް އެ މާއްދާގައި ބުނެފައެއް ނެތެވެ.

އެކަމަކު ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދުނީ ވަޒީރުން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެ، އެ ސަބަބުތަކުގެ މައްޗަށް ބިނާވެގެން މަޖިލީހުގައި ނަގާ ވޯޓް [އިމްޕީޗްމަންޓް ވޯޓް] އަކުން އެކަނި ކަމަށާއި އެއްވެސް ސަބަބެއް ނެތި، ސިޔާސީ ބޭނުމެއްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން އެއްވެސް ވަޒީރަކު މަގާމުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެއްވެސް ސަބަބެއް ނެތި ސިޔާސީ ބޭނުމަށްޓަކައި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، އެ މީހުން ވަކި ކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށެވެ. އަދި އެއީ ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމުގެ ސިފައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ ސިޔާސީ އުކުޅެއްގެ ގޮތުގައި ބޭނުން ކުރެވޭ ކަމެއް ކަން ފާހަގަކޮށް، ދައުލަތުން ބުނީ އޭގެ ސަބަބުން ދައުލަތުން ދޭންޖެހޭ ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަށް ހުރަސް އެޅޭ ކަމަށެވެ.

ގާނޫނުއަސާސީ އޮތްގޮތުން ވަޒީރުން އައްޔަން ކުރުމާއި ސަބަބެއް ނެތި ވަޒީރުން ވަކި ކުރުމުގެ ބާރު އޮތީ ހަމައެކަނި ރައީސަށް ކަމަށާއި ވަޒީރުން ޖަވާބުދާރީވާން ޖެހޭނީ ވެސް ސީދާ ރައީސަށް ކަން ފާހަގަކޮށް، ދައުލަތުގެ ވަކީލާ ވިދާޅުވީ ވަޒީރުންގެ ޖަވާބުދާރީ ކުރުވުމުގައި މަޖިލީހަށް އޮންނަނީ ފާރަވެރިވުމުގެ ބާރެއް ކަމަށެވެ.

މަޖިލީހަށް އޮންނާނީ އެ ވަޒީރެއްގެ ޒިންމާއާ ގުޅޭ ކަންކަމާ ގުޅިގެން ސުވާލު ކުރުމާއި ޖަވާބުދާރީ ކުރުވުން ކަމަށާއި އެހެންވެ ވަޒީރުން ވަކި ކުރުމުގައި މަޖިލީހަށް އޮންނަ ބާރަކީ ވެސް ފާރަވެރިވުމުގެ އިންތަކުގެ ތެރެއިން އޮންނަ ބާރަކަށް ވާންޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮންނަ ނަމަ އެއީ އެއް ބާރު އަނެއް ބާރުގެ މައްޗަށް އަރައިގަތުން ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވި ގޮތުގައި ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ވެސް މަޖިލީހަށް ވަޒީރުން ވަކި ކުރެވޭނީ ވަކި ސަބަބުތަކެއް މެދުވެރިވުމުން ނަގާ އިމްޕީޗްމަންޓް ވޯޓަކުންނެވެ. އޭގެ މިސާލެއްގެ ގޮތުން އެމެރިކާ ފާހަގަކޮށް، ވަކީލާ ވިދާޅުވީ އެ ގައުމުގައި ވަޒީރުންނާއި ރައީސް އަދި ނައިބު ރައީސް ވެސް ވަކި ކުރެވެނީ ވަކި ސަބަބުތަކެއް މެދުވެރިވުމުން ކޮންގްރެސް އާއި ސެނެޓުގައި ނަގާ އިމްޕީޗްމަންޓް ވޯޓަކުން އެގޮތަށް ފާސްވެއްޖެ ނަމަ ކަމަށެވެ.

ވަކީލާ ވިދާޅުވީ ދެ މަރުހަލާއަކުން އިމްޕީޗްމެންޓް ވޯޓު ފާސްވެގެން ނޫނީ ވަޒީރުން ވަކި ނުކުރެވޭ ގޮތަށް އެމެރިކާގައި އޮންނަނީ އޭނާ ވަކިކުރަން ނިންމާ ސަބަބަކީ އެކަށީގެންވާ ސަބަބުތަކެއްތޯ ބަލައި، ކަށަވަރު ކުރުމަށެވެ.

އެހެންވެ ރާއްޖޭގައި ވެސް ވަޒީރަކު ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެ، އެ ސަބަބުތަކުގެ މައްޗަށް ބިނާވެގެން އަދި އެ ސަބަބުތައް ސާބިތުވެގެން މަޖިލީހުގައި ނަގާ ވޯޓަކުން ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި ވަކި ކުރެވޭނެ ސަބަބުތައް މަޖިލީހުގެ ގަވާއިދުގައި ވެސް ހިމެނެން ޖެހޭނެ ކަމަށް ދަައުލަތުން ބުންޏެވެ.

އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާ ނަމަ އެކަން އަންގާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.