Roadha Mihaaru
ސުޕުންގެ 18 އަހަރުވީ އުއްމީދު: ލަންކާ ބަލިކުރުން!

ސުޕުންގެ 18 އަހަރުވީ އުއްމީދު: ލަންކާ ބަލިކުރުން!

15 މެއި 2017

ސްރީ ލަންކާގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް އޭޝިއަން ޗެމްޕިއަންޝިޕުގައި ރަނގަޅު ކާމިޔާބެއް ހޯދައިދިނުމަށް ފަހު 1999 ވަނަ އަހަރު ސުޕުން ވިމާލް ދިވެހިރާއްޖެ އައީ ވަރަށް ބޮޑު އަޒުމެއްގަ އެވެ؛ ރާއްޖޭގެ ކުޅުންތެރިން ތަމްރީންކޮށް އޭނާގެ އުފަން ގައުމު ކަމަށްވާ ލަންކާ ޓީމުގެ މައްޗަށް ކުރި ހޯދައިދިނުމަށެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސްރީ ލަންކާގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް އޭޝިއަން ޗެމްޕިއަންޝިޕުގައި ރަނގަޅު ކާމިޔާބެއް ހޯދައިދިނުމަށް ފަހު 1999 ވަނަ އަހަރު ސުޕުން ވިމާލް ދިވެހިރާއްޖެ އައީ ވަރަށް ބޮޑު އަޒުމެއްގަ އެވެ؛ ރާއްޖޭގެ ކުޅުންތެރިން ތަމްރީންކޮށް އޭނާގެ އުފަން ގައުމު ކަމަށްވާ ލަންކާ ޓީމުގެ މައްޗަށް ކުރި ހޯދައިދިނުމަށެވެ.

އޭގެ ފަހުން 18 އަހަރު ފާއިތުވެއްޖެ އެވެ. ގައުމީ ބާސްކެޓްބޯޅަ ޓީމަށް ބައިނަލްއަގްވާމީ ތަފާތު މުބާރާތްތަކުގައި އޭނާ ކޯޗުކޮށްދީފި އެވެ. ހުނަރުވެރި އެތައް ކުޅުންތެރިންނެއް ނެރެދީފި އެވެ. އެކަމަކު އޭނާ ގައުމީ ކޯޗަކަށް ހުރެގެން ލަންކާއާ ވާދަކޮށްލާނެ ފުރުސަތު މިހާތަނަށް އޮތީ ނުލިބި އެވެ. އެކަމަކު އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ކޯޗުގެ ގޮތުގައި ލަންކާއާ ދެކޮޅަށް ކުޅެން މިވަނީ ފުރުސަތު ލިބިފަ އެވެ.

ރާއްޖޭގެ އިތުރުން ލަންކާ އާއި ބަންގްލަދޭޝް އާއި އިންޑިއާ އަދި ނޭޕާލް ވާދަކުރާ މުބާރާތުގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަކީ ސުޕުން އަށް ވަރަށް ހާއްސަ މެޗަކަށް ވާނެ އެވެ. އަމިއްލަ ގައުމާ ދެކޮޅަށް ނުކުންނައިރު ޖަޒުބާތުގައި ޖެހިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

"ނެތް އެފަދަ އެއްވެސް ކަމެއް. އަހަރެން ރާއްޖެ އައީ ދިވެހި ކުޅުންތެރިން ތަމްރީންކޮށްގެން ލަންކާގެ މައްޗަށް ކުރި ހޯދަން. އެކަން ކުރަން އަހަންނަށް ފުރުސަތު ނުލިބި އެތައް ދުވަހެއް ފާއިތުވުމަށް ފަހު މި ލިބެނީ. އެހެންވެ މިއީ ދިގު އިންތިޒާރެއްގެ ނިމުން،" ރާއްޖޭގައި ދިރިއުޅޭ ސުޕުން ބުންޏެވެ. "ބޭނުންވަނީ ލަންކާ ބަލިކުރުން. އިތުރު އެއްވެސް ވިސްނުމެއް ނެތް."

އޭނާ ބުނީ މީގެ ތިން އަހަރު ކުރިން ލަންކާއާ ދެކޮޅަށް ނުކުންނަން ފުރުސަތު ލިބުނު ނަމަ ޔަގީނުން ވެސް އެ ޓީމު ބަލިކުރާނެ ކަމަށެވެ.

"އޭރު ރާއްޖޭގެ ކުޅުންތެރިން ތިބީ އެންމެ މަތީ ފޯމުގައި. މިހާރު ބައެއް ކުޅުންތެރިން އުމުރުންދުވަސްވެ އަނިޔާގެ މައްސަލަތައް ވެސް އެބައުޅޭ. އެކަމަކު އަދިވެސް އަހަރެންގެ އަމާޒަކަށް ބަދަލެއް ނާދޭ. ލަންކާ ބަލިކުރަން ނުކުންނާނީ،" ސުޕުން ބުންޏެވެ.

ޓީމުގެ ސީނިއާ ކުޅުންތެރިންގެ ތެރެއިން ކެޕްޓަން މުހައްމަދު ޒިލާލާއި އަލީ ފަޒްލީ އަދި އަހުމަދު ފިރާޝް ތިބީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގަ އެވެ. ސުޕުން ބުނީ އެ ކުޅުންތެރިން މުބާރާތަށް ސަތޭކަ ޕަސެންޓް ފިޓްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ޖުމްލަކޮށް ޓީމުގެ ފެންވަރާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އިންޑިއާ ފިޔަވައި ދެން އޮތީ ރާއްޖެ އަށް ވާދަކުރެވޭނެ ޓީމުތަކެވެ. އިންޑިއާ އަކީ މާ ތަފާތު ބޮޑު ގައުމެކެވެ. ސުޕުން ބުނީ ރާއްޖެ އަމާޒަކީ މެޑެއްޔެއް ހޯދުން ކަމަށެވެ.

"ލަންކާ ބަލިކުރެވިއްޖެއްޔާ އަހަރެމެންނަށް ދެ ވަނަ ހޯދިދާނެ. މެޑެއްޔެއް ހޯދުން އަމާޒަކީ. އެކަމަކު އިންޑިއާ ބަލިކުރުން އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ. މުޅިން ތަފާތު ފެންވަރެއްގެ ޓީމެއް އެއީ،" ސުޕުން ބުންޏެވެ.

ރާއްޖޭގެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ސުޕުން ރާއްޖެ އައިއިރު ޖޫނިއާ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ ކުރިއެރުމުގައި، ރާއްޖޭގެ ބައެއް ކްލަބްތަކަށް ކޯޗުކޮށްދީ ވައިޑީޕީގައި ވެސް މަސައްކަތްކޮށްފައިވާ ސުޕުންގެ ހިއްސާ ބޮޑެވެ.

އޭނާ ބުނީ ރާއްޖޭގެ ސީނިއާ ކުޅުންތެރިން ރިޓަޔާކުރަން ކައިރިވެފައި ތިއްބާ ނަމަވެސް އަމިއްލަ ގައުމުގައި ކުޅެން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"އަމިއްލަ ފަސްގަނޑުގައި ގައުމީ ޖާޒީގައި ކުޅުމަކީ ކޮންމެ ކުޅުންތެރިއަކު ބޭނުންވާނެ ކަމެއް. ރާއްޖޭގެ ސީނިއާ ގިނަ ކުޅުންތެރިން އެތިބީ ރިޓަޔާކުރަން ވެފައި. އެ ކުޅުންތެރިންނަށް މި ފުރުސަތު ލިބުނީތީ އަހަރެން ވަރަށް އުފާކުރަން. މިއީ ޒުވާން ކުޅުންތެރިންނަށް ވެސް ރަނުގެ ފުރުސަތެއް،" ސުޕުން ބުންޏެވެ.

އޭޝިއަން ޗެމްޕިއަންޝިޕުގައި ލަންކާ އަންހެން ޓީމު ސުޕުން ގެންދިޔަ ހިސާބަށް އަދިވެސް އެ ޓީމަށް ނުދެވެ އެވެ. އެ ރެކޯޑް އެގޮތުގައި އޮތީ އެވެ. އޭނާ މިހާރު އުއްމީދަކީ ރާއްޖޭގެ ޓީމަށް، އެފަދަ ހަނދާނުން ފޮހެލަން އުނދަގޫ ކާމިޔާބެއް ހޯދައިދިނުމެވެ.