Roadha Mihaaru
ސާބާ ޒޯން ކޮލިފިކޭޝަނުގެ ދެ ވަނަ ރާއްޖެ ހޯދައިފި

ސާބާ ޒޯން ކޮލިފިކޭޝަނުގެ ދެ ވަނަ ރާއްޖެ ހޯދައިފި

08 ޖުލައި 2016

ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާ އިން ބާއްވާ އޭޝިއާ ޗެލެންޖަށް ކޮލިފައިވާން ކުޅުނު ސާބާ ޒޯން ކޮލިފިކޭޝަނުގައި ގައުމީ ބާސްކެޓްބޯޅަ ޓީމު ކުޅުނު ފަހު މެޗުން މިއަދު ނޭޕާލް އަތުން ބަލިވި ނަމަވެސް، ކޮލިފިކޭޝަނުގެ ދެ ވަނަ މަގާމް ރާއްޖެ ހޯދައިފި އެވެ.

ހަތަރު ޓީމު ވާދަކުރި ކޮލިކޭޝަނުގެ އެއް ވަނަ ހޯދައި ފީބާ އޭޝިއާ ޗެލެންޖަށް ދެކުނު އޭޝިއާ އިން ކޮލިފައިވީ އިންޑިއާ އެވެ. ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން އިންޑިއާ އާއި ނޭޕާލް އަތުން ބަލިވިއިރު ބަންގްލަދޭޝް އަތުން ވަނީ މޮޅުވެފަ އެވެ. ނޭޕާލާއި ބަންގްލަދޭޝް ވެސް އެއް މެޗުން މޮޅުވިއިރު ރާއްޖެ އަށް ދެ ވަނަ މަގާމް ލިބުނީ އެ ދެ ޓީމަށް ވުރެ ގޭމް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިއީ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމަށް މިހާތަނަށް ހޯދި އެންމެ މަތީ ވަނަ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ކޮލިފިކޭޝަން ބުރުގައި ރާއްޖެ މިއަދު ނޭޕާލް އަތުން ބަލިވީ 62-54 ޕޮއިންޓުންނެވެ. އެކަމަކު މެޗުގެ ދެ ވަނަ ކުއާޓަރާ ހަމަޔަށް ވެސް ލީޑުގައި އޮތީ ރާއްޖެ އެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިން މެޑަލާ އެކު އުފާފާޅުކުރަނީ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިން މެޑަލާ އެކު އުފާފާޅުކުރަނީ.

ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 68-50 ޕޮޮއިންޓުން އެވެ. އެއީ ރާއްޖޭގެ ބާސްކެޓްބޯޅަ ތާރީހުގައި ބަންގްލަދޭޝް އަތުން ހޯދި ފުރަތަމަ މޮޅެވެ. ރާއްޖެ ކުޅުނު ދެ ވަނަ މެޗުން އިއްޔެ އިންޑިއާ އަތުން ބަލިވީ 96-40 ޕޮއިންޓުންނެވެ.

މުބާރާތުގައި ރާއްޖޭގެ ޓީމަށް ކޯޗުކޮށްދެނީ ސާބިއާގެ މާކޯ ޕިޕްލޮވިޗެވެ. ގައުމީ ޓީމަށް ހަމަޖެއްސި ޔޫރަޕުގެ ފުރަތަމަ ކޯޗު ޕިޕްލޮވިޗް ވަނީ ކުރިން ހަރިކޭނަށް ކުޅެ އަދި ރެޑްލައިނަށް ކޯޗުކޮށްދީފަ އެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ރަޝްވާން (ޗިކު) އަށް އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވޭއިރު، ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ރެޑްލައިން ކްލަބުގެ މުހައްމަދު ޒިލާލެވެ. ވައިސް ކެޕްޓަނަކީ ޓީރެކްސް ބީސީގެ ޒަކަރިއްޔާ އަބްދުއްލަތީފެވެ.