Roadha Mihaaru
މަޑިފުއްޓާއި ކޮމަންޑޫ ކައުންސިލްގެ ވޯޓުލުން ހޮނިހިރުގައި

މަޑިފުއްޓާއި ކޮމަންޑޫ ކައުންސިލްގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު

16 މެއި 2017

ތ. މަޑިފުއްޓާއި ށ. ކޮމަންޑޫ ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން އިން މިއަދު ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ތ. މަޑިފުއްޓާއި ށ. ކޮމަންޑޫ ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން އިން މިއަދު ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ކޮމަންޑޫ ކައުންސިލްގެ ދެވަނަ ބުރެއް ބާއްވަނީ އެ ކައުންސިލްގެ ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން ކަމަށެވެ.

ކޮމަންޑޫ ކައުންސިލަށް ހޮވަން ޖެހޭ ތިން މެމްބަރުންގެ ތެރެއިން ދެ ގޮނޑި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ޝުޖުއާން (568 ވޯޓު) އާއި އެމްޑީޕީގެ މުހައްމަދު މުފީދު (556 ވޯޓު) ކާމިޔާބުކުރައްވައިފަ އެވެ. އެކަމަކު ދެން އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ދެ ކެންޑިޑޭޓުންގެ ވޯޓު ވަނީ 518 އިން އެއްވަރުވެފަ އެވެ.

އެހެންކަމުން އިންތިހާބުގެ ދެ ވަނަ ބުރު މި ބާއްވަނީ ތިން ވަނަ ގޮނޑި އަށް މެމްބަރު ހޮވަން ހަމައެކަނި އެ ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ.

މަޑިފުށި ކައުންސިލްގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ހަތަރު ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބާއްވަނީ އެރަށުގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓު ލީ އެކަކަށް ނުބައި ކަރުހާދެއް ދެވުމުން އެ ވޯޓުގެ މައްސަލަ ކޮމްޕްލެއަންސް ބިއުރޯ އަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެވެ.

އެންމެ މަތިން ވޯޓު ހޯއްދެވި މަޑިފުށީ ކައުންސިލްގެ ހަތަރު ކެންޑިޑޭޓުންގެ ވޯޓުގެ ޖުމްލަ އުޅެނީ ވަރަށް ހަމަހަމައިގަ އެވެ.

ނަތީޖާ ދައްކާ ގޮތުން ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކަމަށްވާ އައްބާސް މުހައްމަދަށާއި އަލީ ހަސީން 389 ވޯޓު ހޯއްދެވި އެވެ. ތިން ވަނަ އަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓު ހަސަން އަބްދުﷲގެ ޖުމްލައަކީ 388 ވޯޓެވެ. އަދި ހަތަރު ވަނާގައި އޮތް ޕީޕީއެމްގެ ކެންޑިޑޭޓު އިސްމާއިލް ހިލްމީ އަށް 387 ވޯޓު ލިބިވަޑައިގެންފައިވެ އެވެ. އެހެންކަމުން ހަތަރު ކެންޑިޑޭޓުގެ މެދުގައި މި އުޅެނީ ދެ ވޯޓާއި އެއް ވޯޓުގެ ތަފާތެކެވެ.

މިފަހަރުގެ އިންތިހާބުގައި މި ދެ ރަށުގައި ނޫނީ ދެ ވަނަ ބުރެއްގެ ވޯޓު ލުން ބާއްވަން ޖެހިފައެއް ނުވެ އެވެ.