Roadha Mihaaru
މަޑިފުށި، ކޮމަންޑޫގެ ދެވަނަ ބުރު ވޯޓުލުން ފަށައިފި

މަޑިފުށްޓާއި ކޮމަންޑޫ ކައުންސިލްގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

20 މެއި 2017

ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހުނު ތ. މަޑިފުށްޓާއި ށ. ކޮމަންޑޫ ކައުންސިލް އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހުނު ތ. މަޑިފުށްޓާއި ށ. ކޮމަންޑޫ ކައުންސިލް އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ކޮމަންޑޫ ކައުންސިލް އިންތިޚާބުގެ ދެ ވަނަ ބުރެއް ބާއްވަނީ ދެ ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވުމުންނެވެ. ވޯޓު އެއްވަރު ވެގެން އެ ކައުންސިލްގެ ތިން ވަނަ އަށް ދިޔައީ އެމްޑީޕީގެ ދެ ކެންޑިޑޭޓުންނެވެ. އެހެންވެ، ދެ ވަނަ ބުރު ބާއްވަނީ އެ ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ.

މަޑިފުށި ކައުންސިލްގެ އިންތިޚާބު ބާއްވަނީ އެ ރަށުގައި ބެހެއްޓި ވޯޓު ފޮށްޓަކަށް ވޯޓުލީ މީހަކު ނުބައި ކަރުދާހެއްގައި ވޯޓުލާފައިި އޮތުމުންނެވެ. އެ ކައުންސިލަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދި ހަތަރު ކެންޑިޑޭޓުންގެ ވޯޓު ވަރަށް ހަމަހަމައިގައި އުޅޭތީ އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ ހަތަރު ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ ރަށުގެ އިންތިޚާބުގެ ވޯޓުލުން ވެސް ފެށިގެން ކުރިއަށްދާ ކަމަށާއި މިހާތަނަށް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ.

އެ ދެ ކައުންސިލް ފިޔަވައި އިތުރު ކައުންސިލްގެ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ޖެހިފައެއް ނުވެ އެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ މިހާރު އިއުލާން ކޮށްފައިވާއިރު ހުރިހާ ސިޓީ ކައުންސިލްތަކާއި ބޮޑެތި ދާއިރާތަކުގެ އަޣުލަބިއްޔަތު ނެގީ އެމްޑީޕީންނެވެ. ސަރުކާރު ހިންގާ ޕީޕީއެމް އިން ވަނީ ބަލި ގަބޫލުކޮށްފަ އެވެ.