Roadha Mihaaru
މާފަރު އެއާޕޯޓުގެ ކަންކަން ހުއްޓުވަން އަމުރެއް ނުދިން

މާފަރު އެއާޕޯޓާ ގުޅޭ މުއާމަލާތްތައް ހުއްޓުވަން އަމުރު ދެވޭކަށް ނެތް: ހައި ކޯޓު

17 މެއި 2017

ނ. މާފަރު އެއާޕޯޓް ހެދުމާ ގުޅޭގޮތުން އެހެން ބަޔަކާ މުއާމަލާތެއް ނުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށްދޭން އެ އެއާޕޯޓުގެ މަސައްކަތް ކުރިން ކުރި މިލޭނިއަމް ކެޕިޓަލްސް އިން އެދުނަސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ވެސް އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނ. މާފަރު އެއާޕޯޓް ހެދުމާ ގުޅޭގޮތުން އެހެން ބަޔަކާ މުއާމަލާތެއް ނުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށްދޭން އެ އެއާޕޯޓުގެ މަސައްކަތް ކުރިން ކުރި މިލޭނިއަމް ކެޕިޓަލްސް އިން އެދުނަސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ވެސް އިއްޔެ ހުކުމްކޮށްފި އެވެ.

މާފަރު އެއާޕޯޓުގެ މަސައްކަތް އެމްޑީއޭގެ ލީޑަރުގެ އަހުމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމް ރިސޯޓްސްއާ މިދިޔަ މަހު ހަވާލު ކޮށްފައިވާއިރު، ހައި ކޯޓުން އިއްޔެ އެގޮތަށް ނިންމީ އެ އެއާޕޯޓް ހަދަން މިލޭނިއަމް ކުންފުންޏާ ހަވާލު ކޮށްފައި ވަނިކޮށް އެ އެއްބަސްވުން ސަރުކާރުން އުވައިލި މައްސަލައިގަ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ހިޔާނާތުގެ ކުށް ސާބިތުވެ މިހާރު ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ހާމިދުގެ އިސްމާއިލްގެ މިލޭނިއަމް އިން އެދުނީ އެއްބަސްވުން އުވައިލި މައްސަލާގައި އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން މާފަރު އެއާޕޯޓާ ގުޅޭ މުއާމަލާތެއް ނުކުރުމަށް އަމުރުކޮށް ދިނުމަށެވެ. އެކަމަކު ސިވިލް ކޯޓުން ވެސް ކުރިން ނިންމާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އަމުރު ދެވެން ނެތް ކަމަށް ދަށު ކޯޓުން ނިންމި ނިންމުން މިލޭނިއަމް އިން އިސްތިއުނާފް ކުރުމުން، ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެ ކުންފުނިން އެއާޕޯޓުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކޮށްފައި ނުވާ ކަމަށެވެ. އަދި އެއާޕޯޓްގެ ޚިދުމަތް ފަށަން ޖެހޭ މުއްދަތަށް މަސައްކަތް ނުނިންމޭނެ ކަމަށް މިލޭނިއަމް އިން ބުނާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ވަގުތީ އަމުރެއް ނެރޭއިރު އަމުރު ރައްދުވާ ފަރާތުގެ މަސްލަހަތަށް ވެސް ބަލަން ޖެހޭ ކަމަށާއި މިލޭނިއަމް އިން އެދުނު އަމުރު ނެރެދީގެން ހިމާޔަތް ކުރެވޭ އެ ކުންފުނީގެ މަސްލަހަތަށް ވުރެ، އެ އަމުރު ނުނެރެފި ނަމަ ހިމާޔަތް ކުރެވޭ ދައުލަތުގެ މަސްލަހަތު ބޮޑު ކަމަށް ވެސް ހުކުކުމުގައިވެ އެވެ.

މާފަރު އެއާޕޯޓް ނިންމަން ސަން ސިިޔާމް ރިސޯޓްސްއާ ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެ އެއާޕޯޓް އަޅަނީ 1،800 މީޓަރުގެ ރަންވޭއަކާއި އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ ގޮތަށެވެ.