Roadha Mihaaru
11 އަހަރުގެ ކުއްޖަކު ތަރާވީސް ނަމާދުގެ އިމާމަކަށް!

އޭދަފުށީގައި 11 އަހަރުގެ ކުއްޖަކު ތަރާވީސް ނަމާދުގެ އިމާމަކަށް!

24 މެއި 2017

މީގެ ދެ އަހަރު ކުރިން އިންޑިއާ އަށް އެ އާއިލާގެ ދިރިއުޅުން ބަދަލުކުރީ ޤުރުއާން ކިޔެވުމުގެ ދާއިރާ އިިން ކުރިއަށް ދިއުމުގެ މަގުސަދު މުހައްމަދު މުސްތަފާގެ ހިތުގައި ބޮޑުވެގެންނެވެ. އަދި އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގުރުއާން ހިތުދަސްކުރި އިރު އޭނާގެ އުމުރަކީ އެންމެ 11 އަހަރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައިރާންވުމުގެ ބޭނުމެއް ނެތެވެ. ކުރިއަށް އޮތް ރޯދަމަހު ބ. އޭދަފުށީ އެންމެ ބޮޑު މިސްކިތުގައި އިމާމުވެ ތަރާވީސް ނަމާދު ކުރާނީ މުސްތަފާ އެވެ. އެހާ ކުޑަ ކުއްޖަކު އެހާ ބޮޑު ކަމަކަށް ނުކުންނާތީ، ރަށު ރައްޔިތުންނަށް އެއީ ވަރަށް ބޮޑު އުފަލެކެވެ.

ބައްޕަ މުހައްމަދު ނަޝީދު ބުނީ އެންމެ ކުޑައިރު ވެސް މުސްތަފާ އަންނަނީ ގުރުއާނަށް ވަރަށް ބޮޑަށް ލޯބިކުރަމުން ކަމަށެވެ. އެ އާއިލާގެ ދިރިއުޅުން އިންޑިޔާއަށް ބަދަލުކުރީ ވެސް ގުރުއާން ހިތުދަސްކުރަން އޭނާ ބޭނުންވެގެން ކަމަށް ނަޝީދު ބުންޏެވެ.

އޭދަފުށީ ބޮޑު މިސްކިތުގައި މިއަހަރު ތަރާވީސް ނަމާދުކުރާ މުސްތަފާ: އޭނާއަކީ އަބަދު ވެސް ދީނަށް ލޯބިކުރާ ކުއްޖެއް ކަމަށް އާއިލާއިން ބުނޭ.-- ފޮޓޯ: އާއިލާ

އޭދަފުށީ ބޮޑު މިސްކިތުގައި މިއަހަރު ތަރާވީސް ނަމާދުކުރާ މުސްތަފާ: އޭނާއަކީ އަބަދު ވެސް ދީނަށް ލޯބިކުރާ ކުއްޖެއް ކަމަށް އާއިލާއިން ބުނޭ.-- ފޮޓޯ: އާއިލާ

"ރަށު ސްކޫލުގައި ގްރޭޑް ތިނަކާ ހަމައަށް ކިޔެވީ. ދެން އޭނާ އަމިއްލައަށް މިބުނީ އިންޑިޔާއަށް ގެންދާށޭ، މިކޮޅުގައި ހުރެގެން ގުރުއާން ހިތުދަސްކުރަން އެހާ ފަސޭހައެއް ނޫނޭ،" ދަރިފުޅު އިމާމްވެ ތަރާވީހު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން މި ވަގުތު ރާއްޖެ އައިސް ހުރި ނަޝީދު ބުންޏެވެ.

"އިސްލާމް ދީނަށް ވަރަށް ލޯބިކުރާ ކުއްޖެއް އެއީ. ބަރާބަރަށް ނަމާދުކުރާނެ. ދަރުސްތައް އަޑުއަހައި އެ އެއްޗެހިތައް ހިތުދަސްކުރާނެ."

ޓްރިވެންޑްރަމަށް 2015 ގައި ބަދަލުވެ، މުސްތަފާ ގުރުއާން ހިތުދަސްކުރީ ދާރުއްސަލާމް ހިފްޒުލް ގުރުއާން ކޮލެޖުންނެވެ.

ނަޝީދު ބުނި ގޮތުގައި އޭނާގެ ދަރިފުޅު ހުރީ ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ އަޒުމުގަ އެވެ. އޭނާ ކިޔަވަމުން އަންނަ ކޮލެޖުގައި މިހާރު ވެސް އެހެން ބައެއް ދަރިވަރުންނަށް ފިލާވަޅު ނަގައިދީ، އެއްޗެހި އޮޅުންފިލުވައިދީ ހަދާކަން ބައްޕަ ފާހަގަކުރި އެވެ.

"އެހެން ދަރިވަރުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމާއި އެ ދަރިވަރުންނަށް މިހާރު ވެސް މުސްތަފާ ކިޔަވައިދޭ،" ނަޝީދު ބުންޏެވެ.

މުސްތަފާގެ ކޮއްކޮއަކު ވެސް މިހާރު އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ.