Roadha Mihaaru
އޭދަފުށީން ފަގީރަކަށް 7000 އަށް ވުރެ ގިނަ ރުފިޔާ

އޭދަފުށީގައި ނުވަ ފަގީރުން، މީހަކަށް 7000 އަށްވުރެ ގިނަ ރުފިޔާ

23 ޖޫން 2017

ފަގީރުންގެ ގޮތުގައި ބ. އޭދަފުށީން ރަޖިސްޓްރީކޮށްފައި ވަނީ ނުވަ މީހުން ކަމަށާއި ޒަކާތު ފައިސާއިން ކޮންމެ ފަގީރަކަށް މި ފަހަރު 7000 އަށްވުރެ ގިނަ ރުފިޔާ ލިބޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ފަގީރުންގެ ގޮތުގައި ބ. އޭދަފުށީން ރަޖިސްޓްރީކޮށްފައި ވަނީ ނުވަ މީހުން ކަމަށާއި ޒަކާތު ފައިސާއިން ކޮންމެ ފަގީރަކަށް މި ފަހަރު 7000 އަށްވުރެ ގިނަ ރުފިޔާ ލިބޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ރަށު ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީހާ ވިދާޅުވީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅީ ފަސް މީހުން ކަމަށެވެ. ސަމީހާ ވިދާޅުވީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވާން އެދުނު މީހުންގެ ފޯމު މިނިސްޓްރީއަށް ފޮނުވުމުން، މިިދިޔަ އަހަރު ފަގީރުންގެ ލިސްޓުގައި ތިބި މީހުން ވެސް ހިމަނަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނި ކަމަށެވެ. އެހެންވެ ފަގީރުންގެ އަދަދު 9 އަށް އިތުރުވީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ތިބި ހަތަރު މީހުންނާ އެކުގަ އެވެ.

"މިިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވި މީހުން ވަކި ގޮތެއް ނާންގަންޏާ މިއަހަރު ވެސް ފިތުރު ޒަކާތް ލިބޭނެ ކަމަށް މިނިސްޓްރީން އެންގީ،" ސަމީހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭދަފުށީން 2742 މީހުން ޒަކާތް ދައްކާފައިވާ ކަމަށާއި ޒަކާތުގެ ގޮތުގައި 66،461ރ. ލިބުނު ކަމަށެވެ. މި ފައިސާ ފަގީރުންގެ މެދުގައި ބަހާލުމުން ކޮންމެ މީހަކަށް 7،384ރ. ލިބެ އެވެ. މާދަމާ ހެނދުނު 9:30 އިން ފެށިގެން ޒަކާތް ބަހަން ވަނީ ހަމަޖައްސައިފަ އެެވެ.

މިިދިޔަ އަހަރު އެ ރަށުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވި ކޮންމެ މީހަކަށް 12،000 އަށްވުރެ ގިނަ ރުފިޔާ ލިބުނެވެ.