Roadha Mihaaru
ފަގީރެއް ނެތުމުން ވަންދޫގެ ޒަކާތު ފައިސާ ހިރިލަންދުއަށް

ވަންދޫގައި ފަގީރެއް ނެތް، ޒަކާތު ފައިސާ ހަދިޔާކުރީ ހިރިލަންދޫއަށް

23 ޖޫން 2017

ތ. ވަންދޫގައި ފަގީރުންގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓްރީވެފައިނުވާ ކަމަށާއި އެހެންވެ އެ ރަށުން ލިބުނު ޒަކާތު ފައިސާ އެ އަތޮޅު ހިރިލަންދުއަށް ހަދިޔާކޮށްފައިވާ ކަމަށް ވަންދޫ ކައުންސިލުން މިރޭ ބުުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތ. ވަންދޫގައި ފަގީރުންގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓްރީވެފައިނުވާ ކަމަށާއި އެހެންވެ އެ ރަށުން ލިބުނު ޒަކާތު ފައިސާ އެ އަތޮޅު ހިރިލަންދުއަށް ހަދިޔާކޮށްފައިވާ ކަމަށް ވަންދޫ ކައުންސިލުން މިރޭ ބުުނެފި އެވެ.

ގާތްގަނޑަކަށް 400 މީހުންގެ އާބާދީއެއް އޮންނަ ވަންދޫން ފިތުރު ޒަކާތުގެ ގޮތުގައި 8000 އެއްހާ ރުފިޔާ ލިބުނެވެ. އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސް ވިދާޅުވީ ޒަކާތުން ހައްގުވާ މީހަކު ރަށުގައި ނެތުމުން، ހުރިހާ ފައިސާއެއް ރޭ ހިރިލަންދޫއަށް ހަދިޔާކުރީ އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދުމަށްފަހުގައި ކަމަށެވެ.

"ފަގީރުންގެ ލިސްޓުގައި އެއްވެސް މީހަކު ރަޖިސްޓްރީވެފައިނުވާތީ އެ ފައިސާއާ މެދު އަމަލުކުރާނެ ގޮތުގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީގައި އެދުނީ. އެގޮތުުން އެ ހުރިހާ ފައިސާއެއް އެ ރަށާ ކައިރީގައި އޮންނަ ހިރިލަންދޫ ކައުންސިލަށް ހަދިޔާކުރުމަށް ލަފާ ދިނީ،" ގިޔާސް ވިދާޅުވި އެވެ.

ގިޔާސް ވިދާޅުވީ މިދިޔަ ތިން އަހަރު ވެސް އެއްވެސް މީހަކު ވަންދޫން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައި ނުވާ ކަމަށެވެ. އެއިން ކޮންމެ ފަހަރަކު ވެސް ޒަކާތު ފައިސާއާ މެދު އަމަލުކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ކަމަށް ގިޔާސް ވިދާޅުވި އެވެ.

ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރިވެފައިވަނީ 3180 މީހުންނެވެ. އެ ކޮންމެ މީހަކަށް 1250ރ. ގެ މަގުން ޒަކާތް ބަހަން ވަނީ ފަށައިފަ އެވެ.