Roadha Mihaaru
ނައީމާއި ޒުލޭޚާ: ކަނޑުމަތީގައި ވެސް އެކަކު އަނެކަކަށް

ނައީމާއި ޒުލޭޚާ: ގަދަ ކަނޑުގައި ވެސް އެކަކު އަނެކަކަށްޓަކައި!

23 މެއި 2017

ފިރިމީހާ އާދަމް ނައީމް ދުއްވާ ކޮޅުވެއްޓީގައި މީގެ ކުރިން ވެސް ޒުލޭހާ އުސްމާން ދަތުރުކުރި އެވެ. ބެހިގެން ދެވޭނުދެވޭ ތަނެއް ނޭނގި ކަނޑުމަތީގައި ދުވަސްތައް ހޭދަކުރުމަކީ އެކަކު ވެސް އުއްމީދުކުރާނެ ކަމެއް ނޫނެވެ. އެކަމަކު ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދާން ކުރި ދަތުރުގައި މޫސުމް ގޯސްވެ، އުޅަނދު ބެހި ކަނޑުމަތީގައި ދެމަފިރިން ވަނީ ފަސް ދުވަސް ހޭދަކޮށްފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ފިރިމީހާ އާދަމް ނައީމް ދުއްވާ ކޮޅުވެއްޓީގައި މީގެ ކުރިން ވެސް ޒުލޭހާ އުސްމާން ދަތުރުކުރި އެވެ. ބެހިގެން ދެވޭނުދެވޭ ތަނެއް ނޭނގި ކަނޑުމަތީގައި ދުވަސްތައް ހޭދަކުރުމަކީ އެކަކު ވެސް އުއްމީދުކުރާނެ ކަމެއް ނޫނެވެ. އެކަމަކު ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދާން ކުރި ދަތުރުގައި މޫސުމް ގޯސްވެ، އުޅަނދު ބެހި ކަނޑުމަތީގައި ދެމަފިރިން ވަނީ ފަސް ދުވަސް ހޭދަކޮށްފަ އެވެ.

އެ ނާޒުކު ދަނޑިވަޅުގައި ވެސް ދެމަފިރިންގެ ހިތްވަރަކަށް ވީ އެކަކު އަނެކަކަށް އޮތް ލޯތްބެވެ.

"ކުރިން ވެސް ދަތުރުކޮށްފައި ހުރުމުން ކަނޑު ގަދަވުމުން އެހާ ބިރެއް ނުގަނޭ. އެކަމަކު ކޮޅިގަނޑުގައި ޖެހި، ބެހިގެން ދާން ފެށީމައި ހިތަށްއެރި ދެން އެއްވެސް ކުއްޖަކާ ބައްދަލެއް ނުވާނޭ،" ހަތަރު އަންހެން ކުދިންގެ މަންމަ ބުންޏެވެ.

"އަޅުގަނޑު ވަރަށް ރުއިިން. އެކަމަކު ކޮންމެ ފަހަރަކު ވެސް އޭނާ (ނައީމް) އައިސް ސަލާމަތްވާނެއޭ ބުނެ ހިތްވަރުދީ ހަދާނެ."

އަަނެއްކޮޅުން ނައީމު ބުނާ ގޮތުގައި އޭނާއަށް ލިބުނު ހިތްވަރަކީ އެ ވަގުތު ކައިރީގައި އަންހެނުން ހުރުމެވެ.

ކޮޅިގަނޑާއި ގަދަ ކަނޑުގައި ދަތުރު ކުރުމަކީ ނައީމަށް މާ ބޮޑު ކަމެއް ނޫނެވެ. އަންގާރަ ދުވަހު އޭނާ ދަތުރަށް ފުރި އިރު ކޮޅުވެއްޓީގައި، އޭނާގެ ބެލުމުގެ ދަށުގައި އަންހެނުންގެ އިތުރުން، ބިދޭސީ ހަތަރު ފަޅުވެރިިޔަކު ތިއްބެވެ. މޫސުން ގޯސްވެ، މިސްރާބު އޮޅި، ރާއްޖޭގެ ސަރަހައްދުން ބޭރުވާން ދިޔަ އިރު ވެސް އޭނާ ހާހެއް ނުވެ އެވެ. ސަބަބަކީ ވާނުވާ ފެންނަ ފަށުގައި އަންހެނުން ޒުލޭހާ ހުރުމެވެ.

"ހުރިހާ ވެސް ހިތްހަމަޖެހުމަކީ އަންހެނުން ކައިރީގައި ހުރުން. އޭނާ ފެންނަން ނެތް ނަމަ މާ ބޮޑަށް ހާލު ދެރަވީސް،" އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރުގައި މިއަދު މާލެ އައިސް ނޫސްވެރިންނާ ވާހަކަ ދައްކަމުން ނައީމް ބުންޏެވެ.

ފިރިމީހާ ދުއްވާ ކޮޅުވެއްޓި "މާރިޔާ-3" ގައި ކުރިން ވެސް ދަތުރުކުރި ޒުހޭލާ ބުނާ ގޮތުގައި މިފަހަރު ކުރިމަތިވީ "ނާމާން، އަދި ބިރުވެރި ދަތުރެކެ"ވެ.

އާއިލާއާ އަލުން ބައްދަލުވުމުން ޒުލޭޚާ (މ) ރޮވިފައި.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އާއިލާއާ އަލުން ބައްދަލުވުމުން ޒުލޭޚާ (މ) ރޮވިފައި.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

މާސިންގާ ރާޅުތަކުން ކޮޅުވެއްޓީގެ ތެރެއަށް ލޮނުގަނޑު އަރައި، އަޑިއަށް ފައްތާލަ އެވެ. މަތީގައި ހުރި ކުޑަ ކޮޓަރިއެއްގައި އޭނާ އިން އިރު އެ ބިރުވެރި މަންޒަރު ފެނުނެވެ. އެކަމަކު ރޭގަނޑު ތަނެއް ދޮރެއް ނޭނގެ އެވެ. ހުރިހާ ވެސް އުއްމީދެއް ގެނެސްދިނީ ކުރަމުން ދިޔަ ދުއާތަކުންނެވެ.

މިދިއަ އަންގާރަ ދުވަހު ހަވީރު ކ. ތުލުސްދޫން ފުރިއިރު ވެސް މޫސުން އެހާ ރަނގަޅެއް ނޫނެވެ. އެރޭ 1:15 ވީއިރު އެ މީހުން ތިބީ ކ. ގުރައިދު އާއި މާފުއްޓާ ދެމެދު ބޭރުގަ އެވެ. އެކަމަކު އޭރު ވެސް ފޯނުގެ ރޭންޖެއް ނުލިބެ އެވެ. ސެޓު ހުޅުވާފައި ހުރި ނަމަވެސް އެއިން އެއްވެސް އަޑެއްބަޑެއް ނީވެ އެވެ.

ކޮޅިގަނޑުގައި ޖެހުމާ އެކު އުޅަނދު ދުއްވަން އުނދަގޫވެ، މިސްރާބުން ކައްސާލި އެވެ. އެކަމަކު އުޅަނދު ބެހިގެން ހިނގައިދާނެތީ މ. އަތޮޅު ބޭރުން 35 މޭލު ދުރުގައި ދެ ދުވަހާއި އެއް ރޭ ވަންދެން ދުއްވާލަ ދުއްވާލަ އޮތެވެ. އޭރު ކޮޅުވެއްޓީގެ ކޮޅުގައި ހަރުކޮށްފައި އޮންނަ ރޭމްޕު ނުވެއްޓެ އެވެ.

"މ. އަތޮޅު ބޭރުގައި އަޅުގަނޑުމެން އެއްކޮޅުން އަނެއް ކޮޅަށް ދުއްވާލަ ދުއްވާލައި ތިބީ، މޫސުން ރަނގަޅުވެލަންދެން. އޭރު އެނގޭ ދެކުނަށް ދަތުރު ނުކުރެވޭނެކަން،" ނައީމް ކިޔައިދިނެވެ.

ރޭމްޕު ވެއްޓުނީ އެ ސަރަހައްދުގައި އެހެން އުޅެނިކޮށް ދެން އައި ކޮޅިގަނޑުގަ އެވެ.

ނައީމް ބުނި ގޮތުގައި "ހުރިހާ އެއްޗެއް މުގުރާލާފައި" ރޭމްޕު ނެއްޓުމާ އެކު ކޮޅުވެއްޓި އޭގެ މިސްރާބުން އެއްކޮށް ކައްސާލައި މަޑުމަޑުން ބޭރުވާން ފެށި އެވެ. އުޅަނދުގައި ދެން ތިބި މީހުންގެ އެހީތެރިކަމާ އެކު ނައީމް ދެން މަސައްކަތް ކުރީ ރޭމްޕު ނެގޭތޯ އެވެ. އެކަމަކު އެ މީހުންނަށް އެ މަސައްކަތުން އަތް ދޫކޮށްލެވުނު އިރު މ. އަތޮޅާ 144 މޭލު ބޭރަށް ކޮޅުވެއްޓި ހިނގައްޖެ އެވެ.

"ރޭމްޕު ނުނެގުނީމައި އެހެން އެއްޗެއް އެތަނާ ކައިރިކޮށް، ބަނދެލާފައި ދެން އަޅުގަނޑުމެން އުޅަނދު ސްޓާޓްކޮށްގެން، ރާއްޖެއާ 119 މޭލު ކައިރިއަށް އާދެވުނު،" ނައީމް ބުންޏެވެ.

ކޮޅުވެއްޓީގެ ކެޕްޓަން އާދަމް ނައީމް، ހިނިތުންވެފައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ކޮޅުވެއްޓީގެ ކެޕްޓަން އާދަމް ނައީމް، ހިނިތުންވެފައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ތިން ދުވަސް ފަހުން ރޭގަނޑެއްގައި އެ މީހުންނާ ކާގޯ ބޯޓެއް ދިމާވި އެވެ.

ނައީމް ބުނިގޮތުގައި އެ ބޯޓު ސީދާ އައީ ކޮޅުވެއްޓިއާ ދިމާއަށެވެ. އެކަމަކު ސަލާމަތަށް އެދި އަލިފާން ރޯކުރުމުން އެ ބޯޓު އަޅާނުލާ ދިޔައީ ކަމަށް އޭނާ ބުންޏެވެ. ކޮން ގައުމެއް ކަމެއް ނޭނގޭ އެ ބޯޓު ދިޔައީ ތ. އަތޮޅާއި މ. އަތޮޅާ ދިމާއަށް ކަމަށް އޭނާ އަށް ޔަގީންވެ އެވެ.

ދެކުނަށް މިސްރާބު ޖަހައިފި ނަމަ ރަށްތަކާ ދުރަށް ދާނެތީ، އުޅަނދު ދެން ދުއްވީ ރާއްޖޭގެ އުތުރަށެވެ.

ނައީމް ބުނީ އެ ހުރިހާ ވަގުތެއްގައި ވެސް އޭނާގެ އުއްމީދު ނުގެއްލޭ ކަމަށެވެ. އަދި އެއްވެސް ވަރަކަށް ހާސްވެ، ބިރު ނުގަންނަ ކަމަށް ވެސް ތަޖުރިބާކާރު ކައްޕި ބުންޏެވެ.

"ބެހިގެން ގިނަ ދުވަސް ވީ ނަމަވެސް ކާނެ ބައިވަރު އެއްޗެހި އަޅުގަނޑުމެންގެ އަތުގައި ހުރި. ކައްކާލާފައި އެކަހަލަ ގޮތަކަށް އަޅުގަނޑު އުޅުނީ. އަނެއްހެން މާ ބޮޑު އިހުސާސްތަކެއް އެ ވަގުތު ނުވޭ،" ނައީމް ބުންޏެވެ.

އޭނާގެ ހިތްވަރަކީ އަންހެނުންނެވެ. އެކަމަކު އޭގައި ދެން ތިބި ބިދޭސީންގެ ހުރިހާ ހިތްވަރަކީ އެ މީހުންގެ ބޮސް ނައީމެވެ.

ކޮޅުވެއްޓިން ދަތުރު ކުރި ބަންގްލަދޭޝްގެ މީހަކު ބުނީ ސަލާމަތް ވާނެ ކަމުގެ އެއްވެސް އުއްމީދެއް އޭނާގެ ނެތް ކަމަށެވެ. އެކަމަކު ކައްޕިއަކަށް ދިވެއްސަކު ހުރުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުނު ކަމަށް ބުންޏެވެ.

ކޮޅުވެއްޓީގެ ބައެއް ބިދޭސީ ފަޅުވެރިންނާ އެކު އެމްއެންޑީއެފް ކޯސްޓް ގާޑްގެ ކާނަލް މުހައްމަދު އިބްރާހިމް - ފޮޓޯ: ހުސެން ވަހީދު/ މިހާރު

ކޮޅުވެއްޓީގެ ބައެއް ބިދޭސީ ފަޅުވެރިންނާ އެކު އެމްއެންޑީއެފް ކޯސްޓް ގާޑްގެ ކާނަލް މުހައްމަދު އިބްރާހިމް - ފޮޓޯ: ހުސެން ވަހީދު/ މިހާރު

"ވަރަށް ބިރުގަތް. ނޭނގޭ ކޮން ދުވަހަކުން ކަމެއް ސަލާމަތް ވާނީ. އެހެންވެ، އެހެން މީހުންނަށް މަދުވެދާނެތީ ކެއީ ވެސް އެންމެ ބިސްގަނޑެއް،" ރާއްޖޭގައި 15 އަހަރު މަސައްކަތް ކޮށްފައިވާ އެ މީހާ ބުންޏެވެ.

ބެހެމުންދިޔަ އުޅަނދުގައި ތިބި މީހުންނަށް އުއްމީދެއް ލިބުނީ 20 ވަނަ ދުވަހުގެ ރޭ 11 ޖެހި އިރު އެވެ. އިންޑިއާގެ ނޭވީ މަނަވަރު، "ކިރްޗް"ގެ އަލިކަން ފެނުމާ އެކު ނައީމްމެން އަލިފާން ރޯކުރި އެވެ. އެހާ ހިސާބުން މަނަވަރު ދަތުރުކޮށް ކޮޅުވެއްޓިއާ ކައިރި އެވެ.

ސަލާމަތްވި ނަމަވެސް ނައީމް އާއި ފަޅުވެރިން ބޭނުންވީ ކޮޅުވެއްޓީގައި ތިބޭށެވެ. އެމްއެންޑީއެފުގެ އޮފިސަރަކާ އެކު އެ މީހުން ކޮޅުވެއްޓީގައި މަޑުކުރިއިރު، އިންޑިއާގެ މަނަވަރު ދަތުރު ފެށީ ކޮޅުވެއްޓި ކަފުޖަހައިގެންނެވެ.

އެކަމަކު މޫސުން ގޯސްކަމުން ކަފުޖަހައިގެން އެގޮތަށް ދަތުރު ނުކުރެވޭނެތީ، ވަކި ހިސާބަކުން ކޮޅުވެއްޓި ދޫކޮށް އެންމެން މަނަވަރަށް ނެގީ އެވެ.

"ކިރްޗް" އަށް މާލެ ކައިރިއަށް އާދެވުނީ މިއަދު ހެނދުނެވެ. އަށެއް ޖަހާކަންހާއިރު އެ އުޅަނދު ލެފުމާ އެކު ނައީމްގެ އާއިލާ އާއި ކޮޅުވެއްޓީގެ ވެރި ކުންފުނި ސްރީ ލަންކާގެ ސެނޯކްގެ ބައެއް މީހުންނާއި ނޫސްވެރިން ގެންދިޔަ އެވެ.

ހަތަރު އަންހެން ދަރިން ފެނުމުން ނައީމް އާއި ޒުލޭހާ އަށް ކެތެއް ނުކުރެވުނެވެ. ދަރިންނާއި މާމަދަރިންގެ ގައިގައި ބައްދާފައި ވަރަށް ރުޔެވެ. އެމްއެންޑީއެފާއި އިންޑިއާގެ ކަނޑުގެ ސިފައިންނަށް ޝުކުރު އަދާކުރި އެވެ.

ގަދަ ކަނޑުގައި ކޮޅުވެއްޓި މާލެ އަށް ގެނެވޭތޯ މަނަވަރުގެ ކަފު ޖަހައިގެން ގެންދަނީ: އެކަމަކު ވަކި ހިސާބަކުން އެ އުޅަނދު ވަނީ ދޫކޮށްލާފައި -- ފޮޓޯ: އެމްއެންޑީއެފް

ގަދަ ކަނޑުގައި ކޮޅުވެއްޓި މާލެ އަށް ގެނެވޭތޯ މަނަވަރުގެ ކަފު ޖަހައިގެން ގެންދަނީ: އެކަމަކު ވަކި ހިސާބަކުން އެ އުޅަނދު ވަނީ ދޫކޮށްލާފައި -- ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ މަނަވަރުގެ އޮފިޝަލަކު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އެ އޮޕަރޭޝަނަށް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވި ކަމަށެވެ. ހާއްސަކޮށް ކަފު ޖަހައިގެން ކޮޅުވެއްޓި މާލެ ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެ އުޅަނދު ވަކި ހިސާބަކުން ދޫކޮށްލަން ޖެހުމަކީ، އެމްއެންޑީއެފަށް ވެސް ނިންމަން ޖެހުނު އުނދަގޫ ނިންމުމެއް ކަމަށް ވިދާޅުވި އެވެ.

"ކޮޅުވެއްޓި ނުގެނެވޭނެކަން އެނގޭނެތީ ވެރިފަރާތަށް އެކަން އަންގާފައި އޭގައި ތިބި މީހުން މަނަވަރަށް ނެގުން ވެސް ވީ ވަރަށް އުނދަގޫ ކަމަކަށް. އޭރު ވެސް މޫސުން ވަރަށް ގޯސް. އަންހެން މީހާ ވެސް މަނަވަރަށް އަރުވަން ޖެހުނީ ސްޓްރެޗާއެއްގައި،" އޮޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މިއީ ދިވެހި ސިފައިންނާއި އިންޑިއާ ކަނޑުގެ ސިފައިން ހިންގި ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.

އެ ކާމިޔާބީއާ މެދު ޝައްކު އުފެދޭނެ އެއްވެސް ފުރުސަތެއް ނެތެވެ. ކޮޅުވެއްޓީގައި ތިބި އެންމެންގެ ފުރާނަ ސަލާމަތްކޮށް މާލެ ވަނީ ގެނެސްފަ އެވެ. އަދި މިއީ ނައީމާއި ޒުލޭހާ، ދިރިއުޅުމުގައި ކުރަމުން އަންނަ ތަޖުރިބާތަކަށް އިތުރުވި، ދުވަހަކު ވެސް ހަނދާނުން ފޮހެނުލެވޭނެ، ސަފުހާއެކެވެ.