Roadha Mihaaru
ދަރިން ނުލިބެނީ ކީއްވެ؟

ދަރިން ނުލިބެނީ ކީއްވެ؟

25 މެއި 2017

އެ ދެމީހުން ކައިވެނިކޮށްގެން އުޅޭތާ އެތަކެއް އަހަރެއްވެއްޖެ އެވެ. އަދިވެސް ދަރިއަކު ނުލިބެ އެވެ. ފިރިހެން މީހާގެ އާއިލާ އިން ތުހުމަތުގެ އިނގިލި ދިއްކުރަނީ އަންހެން މީހާ އަށެވެ. މާފަލަކޮށް ހުންނާތީ އެވެ. ގަވާއިދުން މައްސަރުކަންތައް ނުޖެހޭތީ އެވެ. އަނެއްކޮޅުން އަންހެން މީހާގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި ހުރިހާ ވެސް މައްސަލަ އަކީ ދަނބިދަރި އެވެ. ދުންފަތުގެ އިސްތިއުމާލުކުރާތީ އެވެ. ކޮފީތަކަށް އަރާތީ އެވެ. ދެ ފަރާތުގެ އާއިލީ ހިތްހަމަނުޖެހުންތަކުގެ ސަބަބުން އެ ދެމަފިރިން ވަނީ އިންތިހާ އަށް ފިތިފަ އެވެ. ހާސްވެ ކަންބޮޑުވެފަ އެވެ.

ޑރ. މުހައްމަދު ޒިޔާދު ޑރ. މުހައްމަދު ޒިޔާދު

އެ ދެމީހުން ކައިވެނިކޮށްގެން އުޅޭތާ އެތަކެއް އަހަރެއްވެއްޖެ އެވެ. އަދިވެސް ދަރިއަކު ނުލިބެ އެވެ. ފިރިހެން މީހާގެ އާއިލާ އިން ތުހުމަތުގެ އިނގިލި ދިއްކުރަނީ އަންހެން މީހާ އަށެވެ. މާފަލަކޮށް ހުންނާތީ އެވެ. ގަވާއިދުން މައްސަރުކަންތައް ނުޖެހޭތީ އެވެ. އަނެއްކޮޅުން އަންހެން މީހާގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި ހުރިހާ ވެސް މައްސަލަ އަކީ ދަނބިދަރި އެވެ. ދުންފަތުގެ އިސްތިއުމާލުކުރާތީ އެވެ. ކޮފީތަކަށް އަރާތީ އެވެ. ދެ ފަރާތުގެ އާއިލީ ހިތްހަމަނުޖެހުންތަކުގެ ސަބަބުން އެ ދެމަފިރިން ވަނީ އިންތިހާ އަށް ފިތިފަ އެވެ. ހާސްވެ ކަންބޮޑުވެފަ އެވެ.

"އަޅަމެންގެ ވެރިރަސްކަލާކޯ އެވެ. އިބަރަސްކަލާނގެ ހަޟުރަތުން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް އަޅަމެންނަށް ދެއްވާނދޭވެ." ދެމަފިރިން ދުއާ ކުރެ އެވެ. ލޮލުން ކަރުނަ ހުސްވެ ވަރުބަލި ވަންދެނެވެ. ދަރިއެއް ލިބުމަށް އެދި ރޯރުއިމާއި، ކުރާ ހިތާމަ އާއި، އުފަލާ ބުރަ މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ ކަން ޔަގީނެވެ. ކެއުމަށް އެތައް ބަދަލެއް ގެނެސްފި އެވެ. ފައިދާހުރި މޭވާ އާއި ތަރުކާރީ އާއި، މަހާއި ފެހިކަން ގަދަ ފަތްޕިލާވެލި ކެއުމުގައި ބޭނުންކުރެ އެވެ. ފަތިހު ހިނގާލަން ދެ އެވެ. ކަސްރަތު ކުރެ އެވެ. އެތައް ޑޮކްޓަރުންނަށް ދައްކައި އެތައް ބޭހެއް ކައެވެ. ސިގިރޭޓް ހުއްޓާލިތާ ކޮން ދުވަހެއް ހެއްޔެވެ؟ ކޮފީއަކަށް އަރާނުލާތާ ކޮންދުވަހެއް ހެއްޔެވެ؟ ލިބޭހާ ލާރި ޚަރަދުކުރަނީ ދަރިޔަކު ލިބޭތޯ ފަރުވާ ކުރުމުގަ އެވެ. ނަމަވެސް އަދިވެސް މަންމާއޭ ކިޔާ ގޮވައެއް ނުލައެވެ. ބައްޕަ ގަޔަކަށް ހީހެއް ނުލައެވެ. ދަރިން ނުލިބުމަކީ ކޮބައިބާއެވެ؟

ދަރިން ނުލިބުމަކީ ދަރިން ހޯދުމަށް ގަވާއިދުން މަސައްކަތް ކުރާތާ އެއް އަހަރު ފާއިތުވެގެން ދިޔައިރު ވެސް ދަރިއެއް ލިބުމުގެ އެއްވެސް ހިލަމެއް ނުވުމެވެ. ދަރިމައި ނުވުމެވެ. ދަރިން ނުލިބުން ދެބަޔަކަށް ބެހެ އެވެ. އެއީ ޕްރައިމަރީ އިންފާޓިލިޓީ ނުވަތަ އަލަށް ވެސް ދަރިމައި ނުވުމާއި އަދި ސެކަންޑަރީ އިންފާޓިލިޓީ ނުވަތަ އެއްފަހަރު ދަރިމައިވުމަށް ފަހު ދެން ދަރިމައި ނުވުމެވެ. ދަރިއަކު އުފަންވުމާއި، ބަނޑުތެރެ އަށް ދަރިފުޅު މަރުވުމާއި، ނުބައި ތަނެއްގައި ގަރުބަގަތުމާއި އަދި ބައިގެންދިއުން ނުވަތަ ދަރިވައްޓާލުން ވެސް މިތާނގައި ހިމެނެނީ ދަރިމައިވުމުގެ މާނައިގެ ތެރޭގަ އެވެ.

އަންހެންމީހާ ބުންޏެވެ. "މޭވާ ނާޅާގަހެއް ހައްދަން ބޭނުންވާނީ ކާކު ހެއްޔެވެ؟ އަމުދުން މަލެއް ވެސް ނޮފޮޅޭ ގަހެއް ބޭނުން ވާނީ ކޮން ޑަރޯގާއެއް ހެއްޔެވެ؟" "ތިހެން ނުބުނޭ . ތިޔަ ބުނާ ޑަރޯގާ މި ހުރީ.. ކައިރީގައި މިހުރީ،" ފިރިމީހާ އަސަރާއެކު ޖަވާބު ދިނެވެ. "ކޮންމެ ފަހަރަކު ގޮވާން ކަނޑާކަށެއް ވެސް ނުލިބޭ. އޭގެ މާނަ އަކީ ދެން ފަސްގަނޑު ނުޖަހާށޭ ވެސް ނޫން،" އެ އަޑުގައި ވަނީ ހިތްދަތިކަމެވެ.

އާއްމު ގޮތެއްގައި އަންހެންބޭފުޅުން އުފަންވާއިރު އޯވަރީ ނުވަތަ ބިސްރަވައިގައި ގާތްގަނޑަކަށް ދެމިލިޔަން ބިސް ހުރެ އެވެ. އަދި ބާލިއުވާ އުމުރަށް އަޅާއިރު މި އަދަދު ހަތަރު ލައްކައަށް މަދުވެ އެވެ. އިއްދައިން ކެނޑުމާ ހަމައަށް ގާތްގަނޑަކަށް ހަތަރު ސަތޭކައެއްހާ ބިސް ދޫކުރެ އެވެ. އޯވަރީން ދޫކުރާ ކޮންމެ ބިހެއް ވެސް މަރު ނުވެ ފިރިހެން މީހާގެ ދަރިފަންޏަށް 24 ގަޑިއިރު ވަންދެން އިންތިޒާރު ކުރެ އެވެ. އަދި ހަމަ މިބީދައިން ފިރިހެން ދަރިފަނި ވެސް ބިހެއްގެ އިންތިޒާރުގައި ތިންދުވަސް ހޭދަކުރެ އެވެ.

ދަރިން ނުލިބެނީ ހަމައެކަނި އަންހެންމީހާގެ ސަބަބުންނެއް ނޫނެވެ. އަދި ހަމައެކަނި ފިރިހެންމީހާގެ ސަބަބުންނެއް ވެސް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ ދެ މީހުންގެ ސަބަބުން ވެސް ނުލިބިދާނެ އެވެ. ނުވަތަ އެއްވެސް މައްސަލައެއް ނެތި ދަރިން ނުލިބި ވެސް ހުރެދާނެ އެވެ. އަންހެންބޭފުޅުން ދަރިމައިނުވުމަށް އެންމެ އާއްމުކޮށް ދިމާވާ މައްސަލަ އަކީ މައްސަރު ކަންތަކާ ގުޅިފައިވާ ކަންކަމެވެ. ބިސްރަވަ ނުވަތަ އޯވަރީ ރަނގަޅަށް މަސައްކަތް ނުކުރުމެވެ. ގަވާއިދުން ޕީރިޑިއަޑް ނުވުމެވެ. ނުވަތަ އެއްގޮތަކަށް ވެސް ޕީރިއަޑް ނުވުމެވެ. ޕޮލިސިސްޓިކް އޮވޭރިއަން ސިންޑްރޯމް (ޕީ.ސީ.އޯ.އެސް) ނުވަތަ ބިސްރަވައިގައި ފެންބަޑިތަކެއް އުފެދިފައި ހުރުމަކީ ޕީރިއަޑް މައްސަލަ ޖެހުމަށް އެންމެ އާއްމުކޮށް ދިމާވާ ސަބަބެވެ.

އުމުރުން ދުވަސްވަމުންދާ ވަރަކަށް އަންހެން މީހާގެ ބިސްރަވައިގައި، އުފައްދަމުންދާ ބިސްތަކުގެ ކޮލިޓީ އާއި އަދަދު ދަށްވަމުން ދެ އެވެ. މިގޮތުން އުމުރުން 35 އަހަރުން މައްޗަށް ދިއުމުން މި ކަންކަން އިތުރަށް ނާޒުކް ވެގެންދެ އެވެ. ބިސް އުފައްދާ ބިސްރަވައިގެ މައްސަލަތަކުގެ އިތުރުން ބިސް ދަތުރުކުރާ ހޮޅީގައި ހުންނަ އުނިކަމަކުން ވެސް ދަރިމައިވުމަށް ހުރަސްއަޅައިފާނެ އެވެ. ދަރިމައިވާ ނިޒާމުގައި ޖަރާސީމް އަށަގަތުމާއި ލަދުވެތި ގުނަވަން ހިމެނޭ ސަރަހައްދުގެ ތަފާތު އޮޕަރޭޝަންތަކާއި ބިސް ދަތުރުކުރާ ހޮޅީގައި ދަރިފުޅު ގަރުބަގަތުމާއި އެންޑޯމެޓްރިއޯސިސް ނުވަތަ ރަހިމުގެ ފަށަލަތަކުގެ ތެރެއިން އެންމެ އެތެރޭ ފަށަލަ ކަމުގައިވާ އެންޑޯމެޓްރިއަމްގެ ސިފަތައް، ރަހިމުން ބޭރު އެހެން ތަނެއްގައި ހުރުން ފަދަ ކަންކަމުގެ ސަބަބުން ވެސް ބިސްދަތުރުކުރާ ހޮޅި އަށް ގެއްލުންވެ ދަރީން ލިބޭ ނިޒާމަށް ބުރޫއަރައިފާނެ އެވެ.

ދެމަފިރިންގެ ދަރިފަނި ގުޅެނީ ބިސް ދަތުރުކުރާ ހޮޅީ ތެރޭގަ އެވެ. އަދި އެއަށް ފަހު ގަރުބަގަނެ ހެދިބޮޑުވަމުން ދަނީ ރަހިމުގެ ތެރޭގަ އެވެ. އާއްމު ހާލަތަކީ މިއީ ކަމުގައިވީ ނަމަވެސް ބައެއް ފަހަރު އުފެދުމުގައި އަންހެންމީހާގެ ރަހިމުގައި ހުންނަ އުނިކަމެއްގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ވެސް ދަރިއަކު ލިބުމުން މަހުރޫމްވެދާނެ އެވެ. އަދި މީގެ އިތުރުން ދިފާއީ ނިޒާމުގައި ހުންނަ ކަމެއްގެ ސަބަބުން ދަރިފަންޏަށް ހަމަލާދީ މަރާލުމާއި ބަނޑުދޮވުން ފަދަ ކަންކަމުގެ ސަބަބުން ވެސް ދަރީން ނުލިބުމަކީ ވެދާނެ ކަމެކެވެ.

"ހިތް ކުދިކުދި ވެއްޖެ. ކޮންމެ ފަހަރަކު ވެސް ޑޮކްޓަރަށް ދައްކަނީ ވަރަށް ފޮނި އުންމީދުގައި. އެކަމަކު ނުކުންނައިރު މި ހުންނަނީ ދެ ލޯ ފެންކަޅިވެފައި. ނަމަވެސް ބުނަން ހެއްޔެވެ؟ ތި ފަދަ ހިތްވަރުގަދަ ފިރިއަކު ލިބުނީތީވެ އަހަރެން ވަރަށް އުފާވޭ،" "ހިތްވަރުގަދަ ނުކޮށް މަ ކުރާނީ ވަކި ކީއް؟ މި ފަހަރު އަހަރެންނަށް ވެސް އެ ދިނީ ބޭސް. ދައްކަވަން ހުރި ތަނެއް ދައްކަވާނެ. އިރާދާކުރެއްވިއްޔާ ހިތްވަރު އެލުވައެއް ނުލާނަން،" އެ ދެމަފިރިން އަޒުމް އާކުރި އެވެ. ހިތްވަރުގަދަ ކުރި އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެންމީހާގެ ސަބަބުން ދަރިމައިނުވުމުގެ 30 ޕަސެންޓް ފުރުޞަތު އޮވެ އެވެ. އަދި ދެމަފިރިންގެ ކިބައިގައި ހުރި އުނިކަމެއްގެ ސަބަބުން ދަރިން ނުލިބުމުގެ 10-20 ޕަސެންޓުގެ ބިރު އޮވެ އެވެ. ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ހާމަކުރައްވާ ގޮތުގައި އެއް މިލިލީޓަރު މަނީގައި މަދުވެގެން 15 މިލިއަނަށް ވުރެ ގިނަ ސްޕާމް ނުވަތަ ދަރިފަނި ހުންނަން ވާނެ އެވެ. އަދި މީގެ ތެރެއިން 32 ޕަސެންޓަށް ވުރެ ގިނަ ދަރިފަންޏަކީ ހަރަކާތްތެރި އަދި ކުރިއަށް ދުވާ ދަރިފަނިތަކެއް ކަމުގައި ވުމަކީ ދަރީން ލިބުމަށް ކޮންމެހެން މުހިއްމު ކަމެކެވެ.

ރާ ބުއިމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި އެނާޖީ ޑްރިންކްސް އާއި ކޯލާ އާއި ކޮފީ ފަދަ ބުއިންތަކާއި ޗޮކްލެޓް ފަދަ ކެފެއިން ހުންނަ ތަކެއްޗަކީ ދަރީން ލިބުމަށް ހުރި ގޮންޖެހުންތަކެވެ. ދަރީން ހޯދުމަށް ކުރާ ދަތުރުގައި މިސްރާބު އަބަދުވެސް ބަހައްޓަން ވާނީ އެކްސްރޭ އާއި ސީޓީފަދަ ޓެސްޓުތަކުން ބޭރުކުރާ ރޭޑިއޭޝަން ރާޅުތަކުގެ ވެސް ބޭރުންނެވެ.

ދަތުރުގެ މާލިމީންނަކީ ތިއީ އެވެ. އަދި މިވަގުތު ފަޅުވެރީންނަކީ ވެސް ތިއީ އެވެ. ނަމަވެސް ސްކިނީ އާއި ޓައިޓް ފަދަ ގަޔަށް ފިއްތި ބާރު އަންނައުނު ލައިގެން ހުންގާނުގައި ތިޔަ ހުންނަނީ ރިޔާކޮށާލާ ދަންމާނަށް ވާން ކޮށްލަދޭނެ ދަރިއަކު އަންނާނެ ކަމަށް ހެއްޔެވެ؟ ގަޔަށް ބާރު އަންނައުނު ލުމުން ދަރީން ލިބުމުގައި މައްސަލަ ޖެހިދާނެ ކަން ތިބާމެންނަށް އެނގޭހެއްޔެވެ؟ ފިރިހެންމީހާގެ ލަދުވެތި ގުނަވަން އޭނާގެ އެހެން ގުނަވަންތަކާ ޚިލާފަށް ބޭރުގައި ލައްވަވާފައި ވަނީ ވަރަށް ވެސް ހިކުމަތްތެރި ގޮތުގަ އެވެ. އިންސާނާގެ އެތެރެހަށީގެ ފިނިހޫނު މިނަކީ 36.5 އާއި 37.5 ޑިގްރީ ސެލްސިއަސްއާ ދެމެދެވެ. ނަމަވެސް އުރަވަޅީގެ ފިނިހޫނު މިނަކީ 32 ޑިގްރީސެލްސިއަސްއެވެ. މި މިންވަރުގައި އުރަވަޅީގެ ފިނިހިހޫނުމިން ހިފަހައްޓައި ދެނީ ވައިދައުރުކޮށް ފިނިކުރާ އިލާހީ ފުރިހަމަ ނިޒާމަކުންނެވެ.

ވީމާ ސައިކަލުތަކުގެ މަޑިތައް ހޫނުވެފައި ހުންނައިރު ނާރާށެވެ. ގިނައިރު ވަންދެން އުޅަނދު ފަދަ ތަކެތި ނުދުއްވާށެވެ. އަދި ހޫނު ތަންތާގައި އިށީދެ ނުހަދާށެވެ. ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ސާމާނު އުނގު މަށްޗަށްލައިގެން ނުތިބޭށެވެ. ވީހާ ވެސް ބޮޑަށް ހޫނުން ރައްކާތެރިވެވޭތޯ ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ވާނެ އެވެ.

ބައެއް ފަހަރު ކުޅިވަރު ކުޅެ އުޅުމުގައްޔާއި އެކްސިޑެންތަކުން ލަދުވެތި ގުނަވަން ހިމެނޭ ސަރަހަށްދަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ވެސް ދަރީން ލިބުމަށް ދަތިވާ ގޮތް ވެ އެވެ. އެހެންކަމުން ކުޅިވަރު ކުޅެ އުޅުމުގައި "މަރަށް" ކުޅުމުގެ ސިޔާސަތު ނުގެން ގުޅޭށެވެ. ދުއްވާ އެއްޗެހި ދުއްވާއިރުގައި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަދާފައިވާ ގާނޫނާއި ގަވާއިދުތަކަށް ބޯލަބާށެވެ.

"ކިހާ ވަރަކަށް ދުއްވިއްޖެ! ކިހާ ދަތުރެއް ކުރެވިއްޖެ؟ އަހަރެމެން މިހާރު ވަރުބަލި ވެއްޖެ. މޮޔަވާ ހިސާބަށް ގޮސްފި. އުމުރު ހުސް މިވަނީ ދަރިޔަކު ލިބުން އެދި މަސައްކަތް ކުރާތާ. އަހަރެމެންގެ ނަސީބުގައި ދަރިއަކު ހަމަ ނެތީ ހެއްޔެވެ؟" ހިތުގައި ޖެހިފައިވާލެއް ބޮޑުކަމުން އެ ދެމަފިރީންނަށް ބުނެވުނެވެ.

ލޮބުވެތި އަޚާ އެވެ. އުޚްތާ އެވެ. ދެރަ ނުވާށެވެ. މާޔޫސް ނުވާށެވެ. ދަރީން ދެއްވަނީ މާތް ﷲ އެވެ. އެކަލާނގެ އިރާދަކުރެއްވި އަޅަކަށް އިރާދަކުރެއްވި ވަގުތަކު ދަރީން ދެއްވަ އެވެ. އިބުރާހީމް އަލަހިއްސަލާމް މުސްކުޅިވެ ގައިބާރުފުޅު ދެރަވި ދުވަހު އެކަލޭގެފާނަށް ދަރީން ދެއްވިކަން ހަނދާން ކޮށްބަލާށެވެ. އަދި ޒަކަރިއްޔާ އަލައިހިއްސަލާމް، ދަރިއަކު ދެއްވުން އެދި ދުއާ ކުރެއްވި ދުވަސްމަތިން ހަނދާނަށް ގެނެސް ބަލާށެވެ.

ނުރޯށެވެ. މާތް ﷲއާ މެދު އިތުބާރު ޔަގީން ކުރާށެވެ. ދަރީން ނުލިބޭނެ ކަމަށް އަޅުގަނޑުމެން ޑޮކްޓަރުން ނިންމާ އުއްމީދު ކަނޑާލާފައިވާ ކިތައްކިތައް މީހުންނަށް ތޯ މިއަދު ދަރީން ލިބިފައިވަނީ؟ މިފަދަ އެތައް ދިރިހުރި މިސާލެއް މިއަދު ވެސް ފެންނަން އެބަހުއްޓެވެ. ފަރުވާކުރުން ހުއްޓާނުލާށެވެ. ދީން ހުއްދަކުރާ ހުދޫދުގައި ޑޮކްޓަރީ ބޭސް ފަރުވާކުރާށެވެ. އަދި ރުގުޔާވެސް ކުރާށެވެ. ކޮންމެ ފަރުބަދައެއްގެ ފުރަގަހުގައި ވެސް ވާދީއެއް ވާނެ އެވެ. މާދަމާ އެ ވާދީ ތެރޭ ދަރީންނާ އެކު ހީސަމާސާ ކުރުމުގެ ފުރުޞަތު ތިބާ މެންނަށް ވެސް ލިބުން ވަކި ދުރެއް ނޫނެވެ. އެހެނީ މާތް ﷲގެ ރަހުމަތް ތަނަވަސްވެގެންވެ އެވެ.

މައުލޫމާތު: އެސެންޝިއަލްސް އޮފް ގައިނެކޮލޮޖީ (ލަކްޝްމީ)