Roadha Mihaaru
ކޮންމެ ހަ ސިކުންތަކުން މީހަކު މަރާލައެވެ.

ކޮންމެ ހަ ސިކުންތަކުން މީހަކު މަރާލައެވެ.

12 އޮކްޓޯބަރ 2017

އެއީ ނުރައްކާތެރި ގާތިލެކެވެ. ކޮންމެ ހަ ސިކުންތަކުން އެކަކު މަރާލަ އެވެ. ކެމިކަލް ހަތިޔާރު ބޭނުން ކޮށްގެންނެވެ. އެ ބޮޑު މުޖުރިމުގެ ފުލީޓުގައި 4،000 އަށް ވުރެ ގިނަ ކެމިކަލް ހަތިޔާރު ހިމެނެ އެވެ. އޭގެ ތެރޭގައި އަސަރާއި ވޭނުގައި އޮވެ މަޑުމަޑުން މީހާ ފަނާކޮށްލާ އެތައް ހަތިޔާރެއް ވެސް ހިމެނެ އެވެ. ނާޒިމްގެ މެ އަށް އަމާޒުވީ މި ދެންނެވި ކަހަލަ ފަނާކުރުވަނި ހަމަލާއެކެވެ.

ޑރ. މުހައްމަދު ޒިޔާދު ޑރ. މުހައްމަދު ޒިޔާދު

އެއީ ނުރައްކާތެރި ގާތިލެކެވެ. ކޮންމެ ހަ ސިކުންތަކުން އެކަކު މަރާލަ އެވެ. ކެމިކަލް ހަތިޔާރު ބޭނުން ކޮށްގެންނެވެ. އެ ބޮޑު މުޖުރިމުގެ ފުލީޓުގައި 4،000 އަށް ވުރެ ގިނަ ކެމިކަލް ހަތިޔާރު ހިމެނެ އެވެ. އޭގެ ތެރޭގައި އަސަރާއި ވޭނުގައި އޮވެ މަޑުމަޑުން މީހާ ފަނާކޮށްލާ އެތައް ހަތިޔާރެއް ވެސް ހިމެނެ އެވެ. ނާޒިމްގެ މެ އަށް އަމާޒުވީ މި ދެންނެވި ކަހަލަ ފަނާކުރުވަނި ހަމަލާއެކެވެ.

ޒަޚަމްވިލެއް ބޮޑުކަމުން ނާޒިމް ވެއްޓުނީ ބަލި އެނދަށެވެ. ހިތްދަތި ކަމުގައި އެތައް ދުވަހެއް ހޭދަކުރުމަށް ފަހު އުމުރުން 51 އަހަރުގައި ނާޒިމް ނިމިގެން ދިޔައީ އެވެ. ޝިޔާރާ ހުވަފަތްވެ ނިކަމެތިވީ އެވެ. ދަރިއަކު ނުލިބިގެން އެތައް ދުވަހަކު އުޅުމަށް ފަހު ލިބުނު އައިރާ ޔަތީމުވީ އެވެ. ޖައްލާދު ނިކޮޓިއާނާގެ ސަބަބުންނެވެ. އެމެރިކާ ބައްރުން ފެނުނު މަކަރުވެރި ޖައްލާދު ނިކޮޓިއާނާގެ އަސްލު ނަމަކީ ނިކޮޓިއާނާ ޓަބޭކަމް އެވެ. މިއީ ސައިންޓިފިކް ގޮތުން ދުންފަތް ގަހަށް ކިޔާނަމެވެ. މީލާދީން 1492 ވަނަ އަހަރުގައި މަޝްހޫރު ސައްޔާހު ކުރިސްޓޮފާ ކޮލަމްބަސް އަށް އެމެރިކާނުން ހަދިޔާއަކަށް ދެއްވި ގޮތް ނޭނގޭ ހިކިފަތްތަކަކީ ނިކޮޓިއާނާ ޓަބޭކަމް އެވެ.

ދެން ފެށުނީ ދުނިޔޭގެ ހަތަރު ބިތުގައި އެމީހަކަށް ހެއްދުނު ވަރަކަށް ދުންފަތް ގަސް ހައްދާށެވެ. އެކިއެކި ބޭނުމުގަ އެވެ. އިއްޒަތްތެރި ބޭބޭފުޅުންނަށް ވެދުމަށް އެރުވުމަށްޓަކަ އެވެ. ބޮލުގައި ރިއްސުމާއި ދަތުގައި ރިއްސުން ފަދަ ތަދުވުން ތަކަށް ފަރުވާއެއްގެ ގޮތުގަ އެވެ. ހާސްކަން ފިލުވާލައި ހިތްހަމަޖައްސާލަދޭ ބައިވެރިއެއް ހޯދުމުގެ ބޭނުމުގަ އެވެ. އަދި ރަނާއި ރިހީގެ ބަދަލުގައި ފައިސާގެ ގޮތުގައި ބޭނުން ވެސް ކުރުމަށެވެ.

ހުޅަނގުގެ ބައެއް މީހުން ދެކޭގޮތުގައި ދުންފަތަކީ އެބައިމީހުންގެ ކަލާނގެ އެބައިމީހުންނަށް ދެއްވި ހަދިޔާ އެކެވެ. އެހެންވެ އަޅުކަން ކުރުމުގައި އެބައިމީހުން ދިޔައީ ދުންފަތް ބޭނުން ކުރަމުންނެވެ. ހިތުގެ އެދުމާއި މުހުތާދުތައް ކަލާނގެއާ ހަމައަށް ވާސިލްކޮށްދޭ އެއްޗަކީ ދުންފަތުން އަރާ ދުންކަމުގައި އެބައިމީހުން ގަބޫލުކުރި އެވެ.

މީސްތަކުން ދުންފަތް ވަރެއް ނެތިގެން އުޅުނުއިރު ދުންފަތުގެ ހަގީގަތް ހޯދުމަށްޓަކައި ކަމާބެހޭ މާހިރުން ދިޔައީ ކެނޑިނޭޅި މަސައްކަތް ވެސް ކުރަމުންނެވެ. މިގޮތުން ދުންފަތާ ދުރަށް ދިއުމަކީ އުނދަގޫ ކަމެއްކަން 16 ވަނަ ގަރުނުގައި ދެނެގަނެވުނެވެ. ދުންފަތުގައި ނިކޮޓިން އާއި ނުރައްކާތެރި އެހެނިހެން މާއްދާތައް ހުރިކަން 18 ވަނަ ގަރުނުގައި ހޯދުނެވެ. އަދި ދުންފަތުގެ ސަބަބުން ކެންސަރު ޖެހޭކަން 19 ވަނަ ގަރުނުގައި ހާމަވެގެން ދިޔަ އެވެ.

ނާޒިމަށް ޖެހުނީ ފުއްޕާމޭގެ ކެންސަރެވެ. އުމުރުން 21 އަހަރުން ފެށިގެން ގޮސް އެނދުމަތި ވަންދެން އޭނާ ދުވާލަކު ދޮޅުފޮށި ސިނގިރޭޓް ބޮއެ ހެދި އެވެ. އޭނާގެ ހުރިހާ ވެސް އެއްޗަކީ ސިނގިރޭޓެވެ. ނިދަން އޮށޯތުމުގެ ކުރިން ރޯކުރާނެ އެވެ. ހޭލެވުމާއެކު ރޯކުރާނެ އެވެ. ތުނބުގައި ސިނގިރޭޓެއް ޖަހައިގެން ނުހުންނައިރެއް މަދުވާނެ އެވެ.

އަނބިދަރީންގެ ހައްގުތަކާއި ވާޖިބުތައް މަތިން ނާޒިމް ހަނދާންވީ އޭނާގެ މަރުބަލީގަ އެވެ. ސިނގިރޭޓް ފޮއްޓާއި ލައިޓަރު ނުފެނިގެން ރުޅި އައިސްގެން ޝިއާރާއާ ދިމާލަށް އެއްޗެތި ގޮވައި އަނިޔާކުރީ ކުޑަކުޑަ އައިރާ ކުރިމަތީގަ އެވެ. އެ ދަރިފުޅު ބިރުން ގޮސް ގަޔަށް ކުޑަކަމުދެވިފައި އިނީ ކިތައް ދުވަހުކަން ނާޒިމް ދެނެވެސް ނެތެވެ.

ކިހާދެރަ ހެއްޔެވެ؟ ހިތުގައި ނުޖެހޭނީ ކާކު ހެއްޔެވެ؟ ކަންބޮޑު ނުވާނީ ފަހެ ކާކު ހެއްޔެވެ؟ ތަންތަނުން ނާޒިމް ދަރަންޏަށް ނަގާފައި ހުރި ސިނގިރޭޓް ފޮށިތަކާއި ލައިޓަރުތަކުގެ އަގު މިއަދު އަދާކޮށްދޭން ޖެހުނީ ޝިޔާރާގެ ދެމައިންނަށެވެ. ނާށިގަނޑު ހިފައިގެން ސަލާންޖަހަން މަޖުބޫރުވީ އެވެ. ދުންފަތުގެ އަޅަކަށް އާއިލާގެ އެންމެ އިސް މީހާ ވުމުންނެވެ.

ވިސްނާލާކަށް ނުވޭތޯ އެވެ؟ ދުންފަތުގައި 4،000 އަށް ވުރެ ގިނަ ކެމިކަލްސް ހިމެނެ އެވެ. ދުއިސައްތަ ފަންސާހަށް ވުރެ ގިނަ މާއްދާ އަކީ ސީދާ ތިބާގެ ހަށިގަނޑަށް ގެއްލުން ހުރި ވިހަ މާއްދާތަކެވެ. ފަންސާހަށް ވުރެ ގިނަ މާއްދާ އަކީ ކެންސަރު ޖެހުމަށް މަގުފަހިކުރުވާ މާއްދާތަކެވެ. އަހަރަކު ގާތްގަނޑަކަށް ހަ މިލިޔަން މީހުން ދުންފަތުގެ ސަބަބުން މަރުވެ އެވެ. ހިސާބުކޮށް ބަލާނަމަ މިއީ ގާތްގަނޑަކަށް ކޮންމެ ހަ ސިކުންތަކުން އެކަކު ދުނިޔެ އިން ވަކިވެގެން ދިޔުމެވެ.

ދުންފަތުގެ އިސްތިއުމާލު ކުރަމުންދާ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދަމާލާ ކޮންމެ ސިނގިރޭޓަކާއެކު ތިޔަ ބޮވެނީ މައްޔިތުން ކުނި ނުވާ ގޮތް ހެދުމަށްޓަކައި ބޭނުންކުރާ ކެމިކަލެއް ކަމުގައިވާ ފޯމްއަލްޑިހައިޑް އެވެ. ފަނިފަކުސާ މަރަން ބޭނުންކުރާ ވިހަ ކެމިކަލެއް ކަމުގައިވާ ހައިޑްރޮޖަން ސައިނައިޑެވެ. ބެޓެރި އުފައްދަން ބޭނުންކުރާ ކެޑްމިއަން އެވެ. ރޮކެޓް ހަކަތަ އުފައްދަން ބޭނުންކުރާ ހައިޑްރަޒިން އެވެ. ދަވާދަށް އަޅާ ތިނަރެވެ. އަދި ނިޔަފަތީގައި ޖައްސާ ތަފާތު ކުލަތައް ފިލުވާލުމަށްޓަކައި ބޭނުންކުރާ ކެމިކަލެއް ކަމުގައިވާ އެސެޓޯނެވެ.

ހައިރާންވެ ނުލައްވާށެވެ. ތިޔަ ބޭނުން ކުރެވެނީ ނުރައްކާތެރި ރޭޑިއޯއެކްޓިވް ޕްލޯނިއަމް 210 އެވެ. ކެންސަރު ޖައްސާ ނުރައްކާތެރި ނައިޓްރޯސަމިންސް މާއްދާތަކެވެ. އަމިއްލަ ނަފުޞް ހަލާކު ތިކޮށްލަނީ އަމިއްލަ އިޚްތިޔާރުގަ އެވެ. ދުންފަތުން ލިބޭ ގެއްލުންތަކުގެ ވާހަކަ ތަކަކީ ވޮށުއަލީގައި ވެސް ދައްކަން ހެޔޮވާވަރުގެ ވާހަކަތަކެއް ނޫނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހިތުގެ ލޭ ހޮޅިތަކުގައި ދަމިލަޖަހައި ބެދޭގޮތް ވެ އެވެ. އަދި މިކަމުގެ ސަބަބުން ލޭ ދައުރު ވުމަށް ބުރޫއަރަ އެވެ. ދެން ކުއްލިއަކަށް ހިތް ހުއްޓި ހާޓް އެޓޭކެއް ޖެހި މި ދުނިޔެއިން ވަކިވެގެން ހިނގައިދާނެ އެވެ. ނުވަތަ ސިކުނޑީގެ ލޭ ނާރެއް ބެދި ސްޓްރޯކެއް ޖެހި ފުރާނަ އަށް ނުރައްކާ ވެދާނެ އެވެ. ނުވަތަ ނޭވާލާ ނިޒާމުގެ ވައިހޮޅިތައް ހަލާކުވެ ނޭވާ ހިއްލާފާނެ އެވެ. ނުވަތަ ނުރައްކާތެރި ކެންސަރުގެ ވަބާއާއި ކުރިމަތިލާން ޖެހިދާނެ އެވެ.

ތުންފަތާއި އަނގާއި ކަރާއި ފުއްޕާމޭގެ ކެންސަރަކީ ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން އާއްމުކޮށް ޖެހޭ ކެންސަރުގެ ބާވަތްތަކެވެ. މީގެ އިތުރުން ބަނޑާއި ޗިސްމޭ އާއި ކިޑްނީ އާއި މަސާނާ އަދި ރަހިމުގެ ދޮރަށް ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކެންސަރު ޖެހިދާނެ އެވެ. އަދި ހަމަ އެހެންމެ ލޭގެ ކެންސަރަކީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހިދާނެ މުޞީބާތެކެވެ.

ބަނޑުގައިވާ ތުއްތު ދަރިފުޅަށް ވެސް ދުންފަތުގެ އުދަނގުލާއި ތުރާ ފޯރަފާނެ. އެގޮތުން މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދަރިފުޅުގެ ބަރުދަން ލުއިވޭ.

ބަނޑުގައިވާ ތުއްތު ދަރިފުޅަށް ވެސް ދުންފަތުގެ އުދަނގުލާއި ތުރާ ފޯރަފާނެ. އެގޮތުން މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދަރިފުޅުގެ ބަރުދަން ލުއިވޭ.

ދުންފަތުގެ ގެއްލުން ކުރިމަތިވަނީ ހަމައެކަނި ބޮޑެތި މީހުންނަށް އެކަންޏެއް ނޫނެވެ. ބަނޑުގައިވާ ތުއްތު ދަރިފުޅަށް ވެސް ދުންފަތުގެ އުދަނގުލާއި ތުރާ ފޯރަފާނެ އެވެ. އެހެނީ މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދަރިފުޅުގެ ބަރުދަން ލުއިވެ އެވެ. އަދި ދުވަސް ނުފުރާ އުފަންވެ އެވެ. ނުކުޅަދޭ ކުއްޖެއްގެ ގޮތުގަ އެވެ. ދެން އެއަށް ފަހު ވިހޭ ގޭތެރޭގައި ނުވަތަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުއްލިއަކަށް ނޭވާ ހުއްޓިގެން ދަރިފުޅު މަރުވެދާނެ އެވެ. އަދި މީގެ އިތުރުން ނުބައި ތަނެއްގައި ދަރިފުޅު ގަރުބަގަތުމާއި މާ އަވަހަށް ފެންދުލި ފަޅައިގެން ދިއުމާއި ބައިގެން ދިއުމާއި ދަރިފުޅަށް ކާނާ ފޯރުކޮށްދޭ މަސް ފަޅައިގެން ދިއުމަކީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހިތާމަވެރި ހާދިސާތަކެވެ.

ދަރީން ލިބުމުގެ ނިއުމަތަކީ ވަރަށް ވެސް ބޮޑު ނިއުމަތެކެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މި ނިއުމަތުން މަހްރޫމް ވެދާނެ އެވެ. އެހެނީ ދުންފަތަކީ ފިރިހެންމީހާގެ ދަރިފަނި އުފައްދާ މިންވަރު މަދުކުރާ އެއްޗެކެވެ. އަދިހަމަ މިއާއެކު ފިރިހެންމީހާ ޖިންސީ ގޮތުން ބަލިކަށިކުރުވާ އެއްޗެއް ވެސް މެ އެވެ.

މި ދެންނެވި ކަންކަމުގެ އިތުރަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ބަނޑުގައި ގޭސް އުފެދުން އިތުރުވެ ފާރުއަޅާ ގޮތް މެދުވެރިވެ އެވެ. އަދި ފިތް ނުވަތަ ގޯލްބުލެޑާގައި ހިލަ އުފެދުމާއި ކަށި ފީވުމާއި ލޮލުގެ ފެނުމަށް ބަދަލު އައުމަކީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މެދުވެރިވެދާނެ ކަންކަމެވެ. ހަންގަނޑު ރޫޖެހުމާއި އަވަހަށް މުސްކުޅިވުމާއި އަންހެން ބޭފުޅުން އަވަހަށް އިއްދައިން ކެނޑުމަކީ ވެސް ދުންފަތުގެ ވަބާގައި ޖެހުމުން ވެދާނެ ގޮތްގޮތެވެ.

ދުންފަތާ މެދު ސަމާލުވެ ލައްވާށެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރި ކަމުގައި ވިޔަސް ދުންފަތުގެ ދުމުގެ އަސަރާއި ވަސް ތިމާއަށް ފޯރާކަމުގައިވާ ނަމަ އޭގެ މާނަ އަކީ ދުންފަތުގެ ނުރައްކާ ތިބާއަށް ފޯރަމުންދާ ކަމެވެ.

އަދުގެ ޒުވާނުންނޭވެ! ގަޓު ހުރި މީހަކަށް ވަނީ ނާތަހުޒީބު އާދަތަކުގައި ހިފައިގެނެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ އަނގައިން ޒާތްޒާތަށް ދުން ގުޅަގުޅަ އަރުވަން އެނގުމުން ވެސް ނޫނެވެ. ސިގިރޭޓް ދަމާލާ ކޮންމެ ފަހަރަކު ތިޔަ ހަމަލާދެނީ އަމިއްލަ ނަފުސަށެވެ. އަރައި ތި ގަންނަނީ އެތައް ބައެއްގެ ހައްގަށެވެ. ހަލާކު ތި ކޮށްލަނީ ތިމާ ގަޓުވެގެން ވާހަކަ ދައްކާ އުޅުނު އަނގަ އެވެ. ބާރު ދައްކަން ފުއްޕަމުން ދިޔަ ފުއްޕާމެ އެވެ. ވަގުތު ފާއިތު ނުވަނީސް އަވަހަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާށެވެ. ދުންފަތަކީ ބޮލުގެ ރިހުމާއި ދަތުގެ ރިހުމަށް އޮތް ފަރުވާއެއް ނޫނެވެ. އަދި އެއީ ހާސްކަން ފިލުވާލާ ހިތްހަމަ ޖައްސައިދޭ ބައިވެރިއެއް ވެސް ނޫނެވެ. އެހެނެއް ކަމަކު އެއީ އަވާމެންދުރެއް ކަން ރަނގަޅަށް ދަންނާށެވެ. ހަތުރެއްކަން ގަބޫލް ކުރައްވާށެވެ.

ނޯޓް: މި އާޓިކަލްގައިވާ ކެރެކްޓާސްތަކަކީ ޚިޔާލީ ނަންނަމެވެ. މައުލޫމާތު: ހެރިސަންސް ޕްރިންސިޕަލްސް އޮފް އިންޓާނަލް މެޑިސިން، ކޭސް ފައިލްސް ސައިކޭޓްރީ (ޓޯއީ، ކުލާމެން)