29 ޖޫން 2017
ފޭސްބުކް ހުޅުވަލި އެވެ. "ޕްރިންސަސް ފާތިމަތު ބުލްބުލް އިޒް ފީލިންގް ހެޕީ ވިތް ހަސަން އޮޒިލް."
ފޭސްބުކް ހުޅުވަލި އެވެ. "ޕްރިންސަސް ފާތިމަތު ބުލްބުލް އިޒް ފީލިންގް ހެޕީ ވިތް ހަސަން އޮޒިލް."
ހަސަނަށް ހުރެވުނީ ހުއްޓުން އަރައިފަ އެވެ. ދެވަނަ ފަހަރަށް ފާތުން ބަލިވެ އިންކަން އެންގީ ފޭސްބުކް މެދުވެރިކޮށެވެ. ފުރަތަމަ ދަރިފުޅު ބައިގެން ދިޔަތާ ނުވަ މަސް ވީ ފަހުން އަނެއްކާވެސް ދަރިއެއްގެ ޚަބަރު ލިބުނީ އެވެ. އުފާ ނުވާނީ ކާކު ހެއްޔެވެ؟
"އަލްހަމްދު ލިއްލާހި! އަސްލު ވެސް ވަރަށް އުފާވެއްޖެ. އިރާދަކުރެއްވިއްޔާ މި ފަހަރު ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ،" ފާތުން އަށް އޭނާ މެސެޖް ކުރި އެވެ. އަދި ރަނގަޅު ކާނާ ކެއުމަށާއި އަރާމު ކުރުމަށް ނަސޭހަތް ދިނެވެ. ގަވާއިދުން ޑޮކްޓަރަށް ދައްކައި ވާނުވާ ބަރާބަރަށް އެންގުމަށް ވެސް އެދުނެވެ.
"ކިހިނެއްތަ ގަވާއިދުން ޑޮކްޓަރަށް ދައްކާނީ؟ ސިއްހީ މަރުކަޒަށް ދެއްކުމުން އަތޮޅު ހޮސްޕިޓަލަށް ދާން ބުނާނެ. ދެން އަތޮޅު ހޮސްޕިޓަލަށް ދިއުމުން ބުނާނެ މި ވަގުތު އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ނެތޭ. ޑޮކްޓަރު ހުރެފިއްޔާ ބުނާނެ ސްކޭން ކުރަން މާލެ ދާށޭ،" ފާތުންގެ ކަންބޮޑުވުންތައް އޮއްސާލި އެވެ.
ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އެ ވާހަކަތައް ހަސަނަށް ނޭނގެނީއެއް ނޫނެވެ. މުސްކުޅި މަންމަ އާއި ބައްޕަ ވެސް ބަލަހައްޓަނީ ފާތުން އެވެ. ނަމަވެސް ރަނގަޅު ގޮތެއް ވުމަށް އެދޭލެއް ބޮޑުކަމުން ބުނެވެނީ އެވެ. ހަގީގަތުގައި ފާތުން ފަދަ ހީވާގި، މުރާލި، ވަފާތެރި، ރަނގަޅު އަންބަކު ހަސަނަށް ލިބިފައިވާ ކަމީ އޭނާގެ ނަސީބެވެ.
އަމިއްލަ އަށް ދަތުރު ހަދައިގެން އަތޮޅު ހޮސްޕިޓަލަށް ދައްކަން ދިއުމަކީ އަތުން އެތައް ފައިސާއެއް ޚަރަދުވާ ކަމެއްކަން ފާތުން އަށް އެނގެ އެވެ. އެހެންކަމުން އޭނާ ނިންމީ އަތޮޅުވެރިކަން ކުރާ ރަށަށް ފެރީގައި ގޮސް ޑޮކްޓަރަށް ދައްކާށެވެ. އެއީ އެންމެ ފަސޭހަ އަދި އެންމެ ޚަރަދު ކުޑަ ގޮތް ވެސް މެ އެވެ.
"އައްސަލާމް އަލައިކުމް. ކިހިނެއްތޯ ހާލު؟ އަޅުގަނޑަކީ ޑޮކްޓަ އައިޝަތު އިފާޝާ. މިކޮޅަށް ދުރުވީ ކިހިނެއް ވެގެންތޯ؟" އަންހެނުންގެ ޚާއްސަ ޑޮކްޓަރު ތައާރަފްވެ ސުވާލު ކުރައްވަން ފެއްޓެވި އެވެ.
"އެންމެ ފަހުން މައްސަރު ކަންތައް ޖެހުނީ ކޮން އިރަކުތޯ؟ ގަވާއިދުން ޕީރިއަޑް ވޭތޯ؟ މިއީ ކިތައް ވަނަ ދަރިފުޅުތޯ؟ އެއްވެސް ފަހަރަކު ބައިގެން ދިޔަތޯ؟ އެއްވެސް ބައްޔަކަށް އެއްވެސް ބޭހެއް ދާއިމީކޮށް ބޭނުން ކުރައްވަމުތޯ؟ އެއްވެސް ނުގުޅޭ ބޭހެއް ފާހަގަކުރެއްވޭތޯ؟"
ޑރ. އިފާޝާ ވާހަކަ ދެއްކެވީ މަޑުމައިތިރި ކަމާ އެކުގަ އެވެ. އަދި އޯގާތެރިކަމާ އެކު ބައްލަވައި، ސްކޭން ކުރަން ފެއްޓެވި އެވެ. ސްކްރީނުން ފާތުން އަށް ދަރިފުޅު ދައްކާލި އެވެ. އަށަގަނެފައި ވަނީ ރަނގަޅު ތާނގައި ކަމަށް ވިދާޅުވި އެވެ. ހިތުގެ ވިންދާއި ހަރަކާތްތައް ވެސް ރަނގަޅު ކަމަށާއި އެއްވެސް އައިބެއް ފާހަގަނުކުރެވޭ ކަމަށް ވިދާޅުވި އެވެ. ސްކޭނުން ދައްކާ ގޮތުގައި ބަނޑަށް ވީ 17 ހަފުތާ އާއި ފަސް ދުވަސް ކަމަށާއި ލަފާކުރެވޭ ގޮތުގައި އަންނަ ޑިސެންބަރު 2 ހާތާނގައި ވިހާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ އަށް ފަހު ޓެސްޓްތަކެއް ހަދަން ދެއްވައި ރިޕޯޓާ އެކު އަލުން ދެއްކުމަށް ދެންނެވި އެވެ. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށް އުންމީދު ކުރުމަށާއި ހިތްވަރުގަދަ ކުރުމަށް ވިދާޅުވި އެވެ.
ގަޑިން މެންދުރު އެއްގަޑިބައި ވަނީ އެވެ. ރިޕޯޓުތައް ނުދެއްކެނީސް ފުރަން ޖެހިދާނެތީވެ ފާތުން އިނީ ކަންބޮޑުވެފަ އެވެ. އިރުއިރުކޮޅާ ގަޑި އަށް ބަލާލަ އެވެ. ޑޮކްޓަރު ކޮޓަރިން ބަލިމީހަކު ނުކުންނާނެ ވަގުތަކަށް އޭނާ އިނީ ބަލަބަލަ އެވެ. ތަންވަޅު ބަލާފައި އެތެރެއަށް ދެމިގަންނާށެވެ.
އެންމެ ފަހުން ޚަބަރެއް ނުވެ ގިނައިރު ވާތީވެ ފާތުން ދިޔައީ ޑޮކްޓަރުގެ ކޮޓަރީގައި ޓަކި ޖަހައި، ހާލަތު ބުނެދީ އެތެރެ އަށް ވަންނާށެވެ. ނަސީބު ރަނގަޅު ކަމުން ދޮރާ ހަމައަށް އެރި ވަގުތު، އެތެރޭގައި އިން ބަލިމީހާ ނުކުންނަނީ އެވެ. ފާތުން ފެނިފައި ޑރ. އިފާޝާ ހިނިތުންވެލި އެވެ. އަދި ކަނާތް ފަރާތުގައި ހުރި ގޮނޑި ދައްކައި އިށީންނަން އަތުން އިޝާރާތް ކޮށްލެވި އެވެ. އެއަށް ފަހު ފާތުން ގެނައި ރިޕޯޓުތައް ބައްލަވަން ފެއްޓެވި އެވެ.
".....ޖުމްލަ ގޮތެއްގައި މި ރިޕޯޓުތައް ރަނގަޅު. ނަމަވެސް ލޭގެ ގުރޫޕަކީ ބީ ނެގަޓީވް،" ދަތްދޮޅީގައި އަތް ވިއްދާލަމުން ޑރ. އިފާޝާ ވިދާޅުވި އެވެ. "ފާތުން އަށް އެނގިލައްވާތޯ ފިރިމީހާގެ ލޭގެ ގުރޫޕް؟"
"އާދެ،" ފާތުން ބޯޖަހާލި އެވެ.
"ހަސަންގެ ލޭގެ ގުރޫޕަކީ އޭ ޕޮޒިޓިވް. އަޅުގަނޑެކޭ އެއްގޮތައް އޭނާ އަށް ވެސް ލިބުނީ ހުދު ކާޑެއް. އަނެއްކާ ކިހިނެއްވީތޯ؟ ކަމެއް ގޯސްވީތޯ؟"
ފާތުން އިނީ ވާނުވާ ނޭނގިފަ އެވެ. ފިކުރުބޮޑުވެފަ އެވެ. އެއް ކޮޅުން ފެރީ އެވެ. އަނެއް ކޮޅުން ޑޮކްޓަރު ވިދާޅުވާން އެ އުޅެނީ ކޮން ވާހަކައެއްބާ އެވެ؟
ހަސަން އޭ ޕޮޒިޓް ވުމަކީ މައްސަލައެއް ހެއްޔެވެ؟ ނޫނީ އަހަރެން ބީ ނެގަޓިވް ވުމަކީ މައްސަލައެއް ހެއްޔެވެ؟ ހިތާހިތުން ފާތުން ސުވާލުކޮށްލި އެވެ.
ބައެއް ހަގީގަތްތަކަކީ އަޑުއަހަން އުނދަގޫ ވާހަކަތަކެކެވެ. ހިތާމަ އާއި މޮޅިވެރިކަން ގެނެސްފާނެތީވެ އެވެ. ނަމަވެސް ހަގީގަތާ ކުރިމަތިލާން ޖެހެ އެވެ. ރަނގަޅު ތެދު މައުލޫމާތު ކަން އޮންނަ އުސޫލުން ބަލިމީހާ އަށާއި އޭނާގެ އާއިލާ އަށް ދިނުމަކީ ޑޮކްޓަރުންގެ ޒިންމާއެކެވެ. ދިމާވެދާނެ ނުރައްކަލެއް އޮތް ނަމަ އެ ކަމެއް ވެސް ބަޔާންކޮށްދީ ގެއްލުންތަކާއި ފައިދާތަކުގެ ވާހަކަ ބަލިމީހާ އަށް ބުނެދިނުމަކީ ޑޮކްޓަރުންނަށް ލާޒިމް ކަމެކެވެ.
އަޑުއައްސަވާށެވެ. ލޭގެ ގުރޫޕް ބެހިގެން ވަނީ ހަތަރު ބަޔަކަށެވެ. އެއީ އޭ ގުރޫޕާއި ބީ ގުރޫޕާއި އޭބީ ގުރޫޕް އަދި އޯ ގުރޫޕެވެ. މި ހަތަރު ގުރޫޕް ދެން އިތުރަށް ގިންތި ކުރަނީ އާރުއެޗް ފެކްޓާ ނަމަކަށް ކިޔާ ޕްރޮޓީންއަކަށް ބަލައިގެންނެވެ. މިގޮތުން ލޭގެ ގުރޫޕަށް "ޕޮޒިޓިވް" ނުވަތަ "ނެގަޓިވް" އިތުރުކޮށް ނަން ދެވެ އެވެ. މިސާލަކަށް ލޭގެ ގުރޫޕަކީ ބީ ކަމަށް ވެފައި ރަތް ސެލްގައި އާރުއެޗް ބަހާ ނެތް ނަމަ އެއީ ބީ ނެގަޓިވް ލޭގެ ގުރޫޕްގެ މީހެކެވެ. އަދި ލޭގެ ގުރޫޕަކީ އޭ ކަމަށް ވެފައި ރަތް ސެލްގައި އާރުއެޗް ހުރެއްޖެ ނަމަ އެ މީހަކީ އޭ ޕޮޒިޓިވް ލޭގެ ގުރޫޕްގެ މީހެކެވެ.
"އާރުއެޗް އައިސޯއިމިއުނައިޒްޑް ޕްރެގްނަންސީ އެއްވެސް ވަރަކަށް އަޑު އަހަންތޯ؟" ޑރ. އިފާޝާ، ފާތުން ގާތުގައި އަހައިލި އެވެ.
އާރުއެޗް ނެގަޓިވް އަންހެނަކު އާރުއެޗް ޕޮޒިޓިވް ދަރިއަކަށް ބަލިވެ އިނުމުން ކިޔަނީ އާރުއެޗް އައިސޯއިމުނައިޒްޑް ޕްރެގްނަންސީ އެވެ. މިއީ ނުރައްކާތެރި ހާލަތެކެވެ. މި ކަމުގެ ނުރައްކާ އޮންނަނީ ފާތުން މެން ފަދަ ދެމަފިރިއަކަށް ލިބޭ ދަރީންނަށެވެ. ޚާއްސަކޮށް ދެވަނަ ދަރިފުޅުން ފެށިގެން ދެން ލިބޭ ދަރީންނަށެވެ. ނަމަވެސް މީގެ މާނަ އަކީ ފުރަތަމަ ދަރިފުޅަށް މިކަމުގެ ސަބަބުން އެއްވެސް ހާލަތެއްގައި ނުރައްކަލެއް ނެތް ވާހަކައެއް ނޫނެވެ.
މި ހާލަތު މެދުވެރިވާން ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދަރިފުޅު އުފަންވުމުގެ ތެރޭގައި ބޭރުވާ ލެ އާއި ބައިގެން ދިއުމާއި މަސް ފަޅައިގެން ދިއުން ފަދަ ކަންކަން ހިމެނެ އެވެ. އަދި މީގެ އިތުރުން ނުބައި ތަނެއްގައި ދަރިފުޅު ގަރުބަގަތުމާއި އިންޖެކްޝަން ކައްޓެއް ބޭނުންކޮށްގެން ފެންދުލިން ފެން ނެގުން ނުވަތަ އެމްނިއޯސެންޓެސިސް އާއި ދަރިފުޅަށް ކާނާ ފޯރުކޮށްދޭ މަހުން އެތިކޮޅެއް ނަގައިގެން ހަދާ ޓެސްޓު ނުވަތަ ކޮރިއޮނިކް ވިލަސް ސާމްޕްލިން އާއި ބަނޑުތެރޭގައި ދަރިފުޅު އޮއްވައި، ފޫޅު ދަނޑިން ލޭ ނަގައިގެން ހަދާ ކޯޑޯސެންޓެސިސް ފަދަ ޓެސްޓްތަކުގެ ސަބަބުން ވެސް މި ހާލަތު މެދުވެރިވެދާނެ އެވެ.
މި ދެންނެވި ކަންކަމުގެ ސަބަބުން މައިމީހާގެ ހަށިގަނޑަށް ވާސިލްވާ ލެ އަކީ މައިމީހާއާ ނުގުޅޭ ލެއެއް ކަމުން އެއާ ދެކޮޅަށް މަންމަގެ ދިފާއީ ނިޒާމުން ހަތިޔާރު އުފައްދައި ހަމަލާދޭން ފަށަ އެވެ. ސިއްހީ މާހިރުން މި ހަތިޔާރަށް ދީފައިވާ ނަމަކީ އެންޓި ޑީ އެންޓި ބޮޑީސް އެވެ. މި ލަޝްކަރުގެ ކުޑަބޮޑުމިން ބިނާވެފައި ވަނީ މަންމަގެ ހަށިގަނޑަށް ވާސިލްވި "ބީރައްޓެހި" ލޭގެ މިންވަރުގެ މައްޗަށެވެ.
ލަޝްކަރޭ އެންޓި ޑީ އެންޓި ބޮޑީސް ދަރިފުޅުގެ ޕްލަސެންޓާ ނުވަތަ މަސް ފަހަނަޅައި، ފޫޅުދަނޑިން ލާފައި ގޮސް ދަރިފުޅުގެ ރަތް ސެލްތަކަށް ހަމަލާދީ ހަލާކުކޮށްލަ އެވެ. އާޚިރު ނަތީޖާއަކަށް ވަނީ ދަރިފުޅުގެ ލޭ ދަށްވެ، ފެންދުލީގެ ފެނުގެ ކުލަ ބަދަލުވެ، ފުރަމެ އާއި ހުންކޮށި ދުޅަވެ، ހިތް ބޮޑުވެ، ބަނޑުތެރެ އަށް ދަރިފުޅު މަރުވުމެވެ. ނުވަތަ ދަރިފުޅު އުފަންވި ކަމުގައިވީ ނަމަވެސް ފުރާނަ އަށް ނުރައްކާވާ ފަދަ އެތައް ކަމަކަށް ހުށަހެޅިގެން ދިއުމެވެ.
ފާތުން އިނީ ފެންކަޅިވެފަ އެވެ. އަދި އޭނާ އަށް ބުނެވުނެވެ. "އެހެންވީމާ ދެން އަޅުގަނޑު ހަދަންވީ ކިހިނެއް ހެއްޔެވެ؟ މި ކަމަށް އެއްވެސް ފަރުވާއެއް ވޭ ހެއްޔެވެ؟"
ޑރ. އިފާޝާ ވިދާޅުވި އެވެ. "ފާތުންގެ ހަށިގަނޑުގައި އެންޓި ޑީ އެންޓި ބޮޑީސް ހުރިތޯ އަޅުގަނޑު ބަލަން ބޭނުން. އަދި އެންޓި ޑީ އިމިއުނޯގުލޮބްލިން އިންޖެކްޝަން ޖަހަން ވެސް ބޭނުން. ނަމަވެސް މިކޮޅުން މިވަގުތު އެ ޓެސްޓް ހެދޭކަށެއް ނެތް. އަދި އެ އިންޖެކްޝަން ވެސް މި ތަނުން ލިބޭކަށެއް ނެތް. އެހެންވީމާ ފިރިމީހާއާ އެކު އަވަހަށް މާލެ ދުރުވޭ...."
ކުރާނީ ކީއް ހެއްޔެވެ؟ ދަރިފުޅަށްޓަކައި ފުރާނަ ދޭން ވެސް ހުރީ ތައްޔާރަށެވެ. ރަށަށް ގޮސް މާލެ ދާން ފޮށިތަންމަތި ބަންނަންވީ އެވެ. ނަމަވެސް ލިބޭ މުސާރަ އިން ދެކޮޅު ނުޖެހޭއިރު މާލެ ގޮސް އުޅޭނީ ކޮން ފަދަ ހާލެއްގައި ހެއްޔެވެ؟ ހާސްނުވާށޭ ބުންޏަސް ކަށްވަޅެއްހާ ކުޑަ ކޮޓަރިގަނޑެއްގެ ތެރޭގައި ދިރިއުޅެން ޖެހުމުން ހާސްނުވާނީ ކާކު ހެއްޔެވެ؟
އަނެއްކާވެސް އަނެއް އިމްތިހާނެވެ. ކިތަންމެ ގިލަންވެރި ހާލެއްގައި ދިރިއުޅެން ޖެހުނަސް ފާތުން އާއި ހަސަން ހުރީ ފިސާރި ކެރިގެން ކުރިއަށް ދާށެވެ. ޑރ. އިފާޝާ އިރުޝާދު ދެއްވި ގޮތަަށް އެ ދެމަފިރިން މާލެ ގޮސް ފަރުވާ ހޯދަމުން ދެ އެވެ. އެ ދެމަފިރިން ތިބީ ދަރިފުޅުގެ އިންތިޒާރުގަ އެވެ. ސަލާމަތުން ދަރިފުޅު އުފަން ވުމަކީ ފާތުން އާއި ހަސަނަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އަދި އޭރުން "ޕްރިންސަސް ފާތިމަތު ބުލްބުލް އިޒް ފީލިންގް ބުލެސްޑް ވިތު ހަސަން އޮޒިލް އެންޑް މަމީސް ލިޓުލް ފުށްގަނޑު" ޖަހާ ފޭސްބުކް ވެސް އަޕްޑޭޓް ކޮށްލަން ފާތުން އިނީ ކެތްމަދުވެފަ އެވެ.
މައުލޫމާތު: މުޑާލިއާ އެންޑް މެނޮންސް ކުލިނިކަލް އޮބްސްޓެރިކްސް
ފަރުވާ- ތަޝައްފީގެ ޒީޝާ...
ކޮންމެ ހަ ސިކުންތަކުން މީހަކު މަރާލައެވެ.
ތުއްތު ދަރިފުޅު ރީނދޫ ވަނީ ކީއްވެ؟
ރޯދަވެރިޔާ އާއި އެތީސްޓް
ދަރިން ނުލިބެނީ ކީއްވެ؟
ބަދިގެ އަށް ވަނުމުގެ ކުރިން މިކަންކަން އެނގުން މުހިންމު
ފަރުވާ: ހެޕަޓައިޓިސް އަކީ ކޮބާ؟
ފަރުވާ: ދުވަހަކު ވެސް ދަރިޔަކު ނުލިބިދާނެ!
އިންފުލުއެންޒާ ވައިރަހާއި އޭގެ ހަގީގަތް
ފަރުވާ: ދުނިޔެ ރަންވުމުގެ ކުރިން ހައްގު ހޯދާށެވެ!