Roadha Mihaaru
ރޯދަވެރިޔާ އާއި އެތީސްޓް

ރޯދަވެރިޔާ އާއި އެތީސްޓް

01 ޖޫން 2017

ދީން ގަބޫލް ނުކުރާ މީހަކު ބުންނެވެ. "ނުކައި ނުބޮއެ ތިޔަ ހިފާ ރޯދައިން ކަލޭމެންނަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކަރު ހިއްކުމާއި ބަނޑުހައި ހޫނުކަން ފިޔަވައި ލިބެނީ ކޮންއެއްޗެއް ހެއްޔެވެ؟ އަމިއްލަ ހަށިގަނޑު އޭގެ އުފާތަކުން މަހުރޫމްކޮށްގެން ކަލޭމެންނަށް ލިބެނީ ކޮން މޮޅެއް ހެއްޔެވެ؟ ތިޔަ ވިސްނުން ބަދަލުކުރާނީ ކޮން ދުވަހަކުން ހެއްޔެވެ؟"

ޑރ. މުހައްމަދު ޒިޔާދު ޑރ. މުހައްމަދު ޒިޔާދު

ދީން ގަބޫލް ނުކުރާ މީހަކު ބުންނެވެ. "ނުކައި ނުބޮއެ ތިޔަ ހިފާ ރޯދައިން ކަލޭމެންނަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކަރު ހިއްކުމާއި ބަނޑުހައި ހޫނުކަން ފިޔަވައި ލިބެނީ ކޮންއެއްޗެއް ހެއްޔެވެ؟ އަމިއްލަ ހަށިގަނޑު އޭގެ އުފާތަކުން މަހުރޫމްކޮށްގެން ކަލޭމެންނަށް ލިބެނީ ކޮން މޮޅެއް ހެއްޔެވެ؟ ތިޔަ ވިސްނުން ބަދަލުކުރާނީ ކޮން ދުވަހަކުން ހެއްޔެވެ؟"

މިއީ މުލްހިދުން އަޅުގަނޑުމެން މުސްލިމުންނާ ކުރާ ސުވާލުތަކެކެވެ. އެބައި މީހުން ދެކޭގޮތުގައި އަޅުގަނޑުމެން ހިފާ ރޯދަ އަކީ ބޭކާރު ރޯދަ އެކެވެ. އެއްވެސް އަސްލެއް އަދި ހަގީގަތެއް ނެތް މި ވާހަކަތައް އެބައި މީހުން ދައްކަމުން ދަނީ ސައިންސްގެ އަލީގައި ކަމަށް ބުނެ އޮޅުވާލައިގެންނެވެ. ދިރޭ މަޚްލޫގުންގެ ހަށިގަނޑުގައިވާ މޮލެކިއުލްސްތައް ނުވަތަ މާއްދާތައް ހަރަކާތްތެރިވެ، މަސައްކަތް ކުރާ ގޮތާ ބެހޭ އިލްމު ކަމުގައިވާ، ބަޔޯކެމިސްޓްރީގެ ރޮނގުން ސައިންސް ބުނެދޭ ހަގީގަތަކީ، ރޯދައިގެ ސަބަބުން ޞިއްހީ އެތައް ފައިދާތަކެއް ލިބޭ ކަމެވެ. ގުލައިކޯޖެނޮލައިސިސް އާއި ގުލުކޯނިއޯޖެނިސިސް އަށް ވިސްނާލުމުން ވެސް މިދެންނެވި ބަހުގެ ތެދުކަން ޔަގީން ކުރެވޭނެ އެވެ.

އާއްމު ހާލަތުގައި ހަށިގަނޑަށް ހަކަތައް ފޯރުކޮށްދޭ މައިގަނޑު ވަޞީލަތަކީ އަޅުގަނޑުމެން ކައިބޮއެ ހަދާ ކާނާ އިން ލިބިދޭ ކާބޯހައިޑްރޭޓް ނަމަކަށް ކިޔާ ބާވަތެވެ. މި ދެންނެވި ކާބޯހައިޑްރޭޓް ގުލުކޯޒަށް ބަދަލުކޮށް ހަށިގަނޑުގައި ހިނގާ ހަރަކާތްތަކަށް އެއިން ހަކަތަ ފޯރުކޮށްދެމުން ދެއެވެ. އަދި އިތުރުވާ ކާބޯހައިޑްރޭޓް ގްލައިކޮޖަންގެ ނަމުގައި ފުރަމޭ އާއި މަސްތަކުގައި ރައްކާކުރެ އެވެ.

ކާނާގެ ދެވަނަ ބާވަތް ކަމުގައިވާ ފެޓްސް ނުވަތަ ސަރުބީ އަކީ ހަކަތަ ފޯރުކޮށްދިނުމުގެ އިތުރުން ހަށިގަނޑު ފިނިން ރައްކާތެރި ކޮށްދޭ ކާނާގެ މުހިއްމު ބާވަތެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ބޭނުން ކުރުމަށް ފަހު އިތުރުވާ ސަރުބީތައް ރައްކާކޮށްފައި ހުންނަނީ އަޅުގަނޑުމެންގެ ވަށައިގެން ލެވިފައިވާ ހަންގަނޑުގެ ދަށުގައިވާ އެޑިޕޯސް ޓިޝޫގަ އެވެ. ކާނާގެ ތިންވަނަ ބާވަތް ކަމުގައިވާ ޕޮރޮޓީންސް އަކީ ހަށިގަނޑުގައިވާ ޒަހަމްތައް މަރާމާތުކޮށް، އާބާތުރަފިލުވައި އަދި ހެދިބޮޑުވުމަށް އެހީވެދޭ އެންމެ މުހިއްމު ބަހާ އެވެ. ހަށިގަނޑު ކަމަކަށް ބޭނުންވުމުން މި ތިން ބާވަތް ވެސް އެކަތި އަނެކައްޗަށް އެހީވެ އެއްބާރުލުން ދެ އެވެ.

އިންސާނާ ހައިބަނޑާ ހުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ ކާބޯހައިޑްރޭޓް މަދުވެގެން ދެ އެވެ. މިގޮތަަށް މަދުވުމުގެ ސަބަބުން ނުވަތަ އެކަށީގެންވާ މިންވަރަށް ކާބޯހައިޑްރޭޓް ނުލިބުމުގެ ސަބަބުން، ރައްކާ ކޮށްފައިވާ ގުލައިކޮޖަންގެ ބޭނުން ކުރަން ޖެހިދެ އެވެ. ގުލައިކޮޖަން ގުލުކޯޒަށް ބަދަލުކޮށް ހަށިގަނޑަށް ހަކަތަ ފޯރުކޮށްދިނުމަށް ކިޔަނީ ގުލައިކޯޖެނޮލައިސިސް އެވެ. އަދި އެންމެ ފަހުން ގުލައިކޯޖެނޮލައިސިސް އިން އުފައްދާ ގުލުކޯޒުން ފުދޭގޮތް ނުވުމުން އެހެނިހެން ފަރާތްތަކުގެ އެހީ އަށް އެދެ އެވެ. މިގޮތުން ރައްކާ ކޮށްފައިވާ ސަރުބީ އާއި ބައެއް ޕޮރޮޓީންގެ އެހީގައި ހަށިގަނޑުން އިތުރަށް ގުލުކޯޒް އުފައްދަން ފަށަ އެވެ. މި ގޮތަަށް ކާބޯހައިޑްރޭޓް ފިޔަވައި އެހެންނިހެން ބާވަތްތަކުގެ އެހީގައި ގުލުކޯޒް އުފައްދާ އުފެއްދުމަށް ކިޔަނީ ގުލުކޯނިއޯޖެނިސިސް އެވެ.

ރޯދަ އަށް ހުންނަ ފުރަތަމަ 12 ގަޑިއިރުގެ ތެރޭގައި، ރައްކާ ކޮށްފައިވާ ގުލައިކޮޖަންގެ ކޮއްތު ހުސްވާން ފަށަ އެވެ. އަދި މި ވަގުތުގައި އެޑިޕޯސް ޓިޝޫގައިވާ ސަރުބީ ބޭނުންކޮށްގެން ހަކަތަ ފޯރުކޮށްދިނުމަށްޓަކައި ފުރަމޭ އާއި ކިޑްނީ އާއި ކުޑަ ގޮހޮރު ތައްޔާރުވާން ފަށަ އެވެ. ބަނޑުހައި ހޫނުކަން މަތީގައި 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެއްޖެނަމަ އާޚިރުގައި ހަކަތަ ފޯރުކޮށްދޭ ހަމައެކަނި ގޮތަކީ ގުލުކޯނިއޯޖެނިސިސް ކަމުގައި ވެގެން ދެ އެވެ. މި މުހިއްމު އިލާހީ ފުރިހަމަ ނިޒާމު ތަދުބީރު ކުރައްވާފައިވާ ގޮތް ސައިންސްގެ އަލީގައި ހާމައަށް ފެންނަން އޮތްއިރު، މާތް ﷲ ފަރުޟު ކުރައްވާފައިވާ ރޯދައާ މެދު އެތީސްޓުން ސުވާލު އުފައްދާ ކަމުން ދޭހަކޮށްދެނީ އެބައިމީހުންގެ ޖާހިލުކަމެކެވެ. ނުކިޔަމަންތެރިކަމެވެ. އަދި ވިސްނުމުގެ ކޮށިކަމެވެ.

އެމެރިކާގެ ނަން މަޝްހޫރު ޑޮކްޓަރެއް ކަމުގައިވާ ޑރ ފުރްމަން ވިދާޅުވެފައިވެ އެވެ.

"މެދުކެނޑުމެއް ނެތި ކެއުމާއި އަދި ހަޖަމްކުރާ ނިޒާމު ހުއްޓުމެއް ނެތި މަސައްކަތް ކުރުމަކީ ފުރިހަމަ ޞިއްހަތަކަށް ރަނގަޅު ގޮތެއް ނޫނެވެ."

ޑރ. ފުރްމަން އަކީ ކާނާއާ ބެހޭ އިލްމުގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޑޮކްޓަރެކެވެ. ތަފާތު ސައިންޓިފިކް ދިރާސާތައް ކުރެއްވުމާއި ކާނާއާ ބެހޭ އެކިއެކި ފޮތްތައް ލިޔުއްވުމުގެ އިތުރަށް ޑރ. ފުރްމަން އަކީ ޓީވީތަކުން ފެންނަ މަޝްހޫރު މޫނެއް ވެސް މެއެވެ.

ހައިހޫނުކަމުގައި ހުރުމަށް ސަޕޯޓުކުރާ ހުނޅަގުގެ އިލްމުވެރީން އެ ވިދާޅުވަނީ ހަމައެކަނި ދިޔާތަކެތި ބޮއެގެން ނުވަތަ މުށި ހަނޑުލު ބަތް ކައިގެން "ރޯދަ އަށް" ހުންނަ ހުރުން ކަމުގައި އެތީސްޓުން ބުނެ ވަކާލާތު ކުރެ އެވެ. ވިސްނަވާށެވެ. ހަތްމަސް ވަންދެން ސާރިދޯޅެއް އެއްވެސް އެއްޗެއް ނުކައި ނުބޮއެ ހައިބަނޑާ ހުރުމުން އެއީ އެ މަޚްލޫގު ދިރިހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ސައިންސްގެ އަހުލުވެރީން ބުނެ އުޅެ އެވެ. އަދި ބައެއް މެޑިކަލް ޓެސްޓްތައް ހެދުމަށްޓަކައި އަށްގަޑިއިރާއި ބާރަގަޑިއިރާ ދެމެދު އެއްވެސް އެއްޗެއް ނުކައި ނުބޮއެ ހުރުމަށް ޑޮކްޓަރުން އިރުޝާދު ދެ އެވެ. ނަމަވެސް ފަޖުރުގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސެންދެން މުސްލިމަކު ރޯދަ އަށް ހުރެއްޖެނަމަ އެއީ ނާތަހުޒީބު އަދި ޞިއްހަތަށް ގެއްލުން ހުރި ކަމެއް ކަމުގައި އެތީސްޓުން ބުނާތީވެ ހައިރާނެއް ނުވޭ ހެއްޔެވެ؟

ސާރިދޯޅު ހައިހޫނުކަމުގައި އޮންނައިރު ހަކަތަ އުފައްދަނީ ހަށިގަނޑުގައިވާ ސަރުބީގެ އެހީގަ އެވެ. އިންސާނާ ވެސް ހައިހޫނުކަންމަތީގައި ހުންނައިރު ސަރުބީގެ އެހީގައި ހަކަތަ އުފައްދަ އެވެ. މި ދެ މަޚްލޫގު ވެސް އުފައްދަވާފައިވަނީ އެއްކައުވަންތަ ﷲ ސުބުހާނަހޫ ވަތައާލާ އެވެ. އެކަލާނގެ އިންސާނާ އުފައްދާފައި ވަނީ ރޯދަ ވެސް ހިފޭ ގޮތަށް ކަމުން އެނގެނީ، އެތީސްޓުން އެ ދައްކާ ވާހަކަތަކީ ދެއުޅިއެއް ނުވާ ވާހަކަތަކެއް ކަމެވެ.

އިސްލާމް ދީނުގެ އަދާވާތްތެރިން ބުނާގޮތުގައި ރޯދައިގެ ސަބަބުން ލިބޭ ޞިއްހީ ގެއްލުންތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި، ބަނޑުން ގިނި ނެގުމާއި، ވަރުބަލިވެ ކަންނެތް ވުމާއި، އަދި މަސައްކަތް ކުރަން ފޫހިވެ ސަމާލުކަން ނުދެވުން ފަދަ ކަންކަން ހިމެނެ އެވެ. ނަމަވެސް ހަގީގަތުގައި މިއީ ޞިއްހީ ގެއްލުންތަކެއް ނޫނެވެ. ޑރ. ފުރްމަން ފަދަ ކާނާއާ ބެހޭ މާހިރުން އެފަދަ ކަންކަމަށް ދީފައިވާ ނަމަކީ "ޓޮކްސިކް ހަންގާ" އެވެ.

މާނަ އަކީ އެފަދަ ކަންކަމަކީ ހަށިގަނޑުގައި ހުންނަ ތަފާތު ވިހަތައް ފިލުވާލުމުގެ ތެރެއިން، ހިނގާ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ފެންނަ ވަގުތީ ކަންކަމެވެ. މިއީ ފަހަރެއްގައި ވެސް ބައްޔެއްގެ އަލާމާތްތަކެއް ނޫނެވެ. ރޯދަ އަށް ހުންނަ ފުރަތަމަ ހަފުތާގައި އެފަދަ އުދަގޫތައް ދިމާވި ކަމުގައި ވިޔަސް ދެވަނަ ހަފުތާއާ ވިދިގެން އަންނަ ހަފުތާ ތަކުގައި މިފަދަ ކަންކަން ކުޑަވެގެން ދެ އެވެ. އަދި އެންމެ ފަހުން އެއްގޮތަކަށް ވެސް އެފަދަ އުނދަގުލެއް އިހުސާސް ކުރަން ނުޖެހޭ ގޮތް ވެ އެވެ.

ހަށިގަނޑުގައި ހުންނަ ވިހަތައް ރޯދައިގެ ސަބަބުން ފިލުވައި ދިނުމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކުރުމަށާއި އެކަށީގެންވާ ރަނގަޅު މިންވަރުގައި ލޭގެ ޕުރެޝަރު ދެމެހެއްޓުމަށް ވެސް ރޯދަހިފުމުން އެހީވެދެ އެވެ. އަދި ހިތުގެ ބައްޔަށާއި، ހަކުރު ބައްޔަށާއި، ރާއްޖެ ބައްޔަށާއި، މައިދާގެ ބަލިތަކަށާއި، މާޔޫސްވުމުގެ ބައްޔަށާއި ހަމުގެ ބައެއް ބަލިތަކަށް ވެސް ގިނަގުނަ ފައިދާތަކެއް ރޯދައިގެ ސަބަބުން ކުރެ އެވެ. ޞިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ބަރުދަން ލުއިކުރުމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށާއި އަދި އަމިއްލަ ނަފުޞު ކޮންޓްރޯލް ކުރުމަށް ވެސް ރޯދަ އަކީ ވަރަށް ރަނގަޅު ފަރުވާ އެކެވެ. މިފަދަ ފައިދާ ހުރި ގިނަގުނަ ހެޔޮކަންތައް އެކުލެވިގެންވާ މަތިވެރި އަޅުކަމަކަށް އެތީސްޓުން ފާޑުކިޔަނީ އެބައިމީހުންގެ ހިތުގައިވާ ޒާތީ ނަފުރަތެއްގެ ސަބަބުންނެވެ.

އޭ މުލްހިދުންނެވެ. މި ލިޔުމުގައި ބުނެފައިވާ ރޯދައިގެ ސަބަބުން ލިބޭ ފައިދާތަކަކީ މުސްލިމަކު ކޮށްފައިވާ ދިރާސާއަކަށް ނުވަތަ ލިޔެފައިވާ ފޮތަކަށް ބަރޯސާ ވެގެން ބަޔާން ކޮށްފައިވާ ވާހަކަތަކެއް ނޫނެވެ. މި ލިޔުމުގައި އެވަނީ ޣައިރު މުސްލިމުން ރޯދައާ މެދު ދެކޭ ގޮތެވެ. ސައިންސްގެ އަލީގައި ހޯދައިފައިވާ ހަގީގަތްތަކެވެ. ތިޔަ ވިސްނުން ބަދަލުކޮށް ހައްގުގެ މަގަށް އަންނާކަށް އަދިވެސް ނުވޭ ހެއްޔެވެ؟

މައުލޫމާތު: ހާޕާސް އިލަސްޓްރޭޓަޑް ބަޔޯކެމިސްޓްރީ، ކަޕްލާން ބަޔޯކެމިސްޓްރީ އެންޑް މެޑިކަލް ޖެނެޓިކްސް، ރިވިއު އޮފް ބަޔޯކެމިސްޓްރީ (ޕޫނަމް އަގްރަވާލް)، ޑރ. ފުރްމަން.ކޮމް