Roadha Mihaaru
ސަޗިން ފިލްމު ޕްރެމިއާގައި ގިނަ އަދަދެއްގެ ފިލްމީ ތަރިން

"ސަޗިން އަ ބިލިއަން ޑްރީމް"ގެ ޕްރެމިއާގައި ގިނަ އަދަދެއްގެ ފިލްމީ ތަރިން

26 މެއި 2017

މިއަދު ރިލީޒްކުރާ "ސަޗިން އަ ބިލިއަން ޑްރީމް" އަށް އިންޑިއާގެ އެތައް ބިލިއަން މީހުންނެއް އަންނަނީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ. އެއީ އެ ގައުމުގެ ގިނަ ބައެއްގެ ފޭވަރިޓް ކްރިކެޓްކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރް ކުޅެފައިވާ އޭނާގެ ހަޔާތުގެ ވާހަކަތައް ދައްކުވައިދޭ ފިލްމަކަށް ވާތީ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މިއަދު ރިލީޒްކުރާ "ސަޗިން އަ ބިލިއަން ޑްރީމް" އަށް އިންޑިއާގެ އެތައް ބިލިއަން މީހުންނެއް އަންނަނީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ. އެއީ އެ ގައުމުގެ ގިނަ ބައެއްގެ ފޭވަރިޓް ކްރިކެޓްކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރް ކުޅެފައިވާ އޭނާގެ ހަޔާތުގެ ވާހަކަތައް ދައްކުވައިދޭ ފިލްމަކަށް ވާތީ އެވެ.

ކްރިކެޓްގެ ރަސްގެފާނު ކަމަށް އިންޑިއާ މީހުން ގަބޫލުކުރާ ސަޗިންގެ ހަޔާތުގެ އެންމެ ހިތްދަތި ދުވަސްތަކާއި އުފާވި ދުވަސްތައް މިފިލްމުން ފޭނުންނާ ހިއްސާ ކުރާނެ އެވެ.

މި ފިލްމުގެ ޕްރެމިއާ ބުދަ ދުވަހުގެ ރޭ މުމްބާއީގައި ވަނީ ބާއްވާފަ އެވެ. މި ޕްރެމިއާ ގައި ބޮލީވުޑް ތަރިންގެ ތެރެއިން ޝާހްރުކް ޚާން، އާމިރު ޚާން، އަމީތާބު ބައްޗަން، އައިޝްވަރިޔާ ރާއީ އަދި ރަންވީރު ސިންގް ފަދަ ގިނަ އަދަދެއްގެ އެކްޓަރުން ވަނީ ބައިވެރިވެފަ އެވެ. އަދި ސަޗިންއާ އެކު ކްރިކެޓްގެ ދުނިޔޭގައި ވިދާލި ވަރަށް ގިނަ ކްރިކެޓް ކުޅުންތެރިން ވެސް މި ޕްރެމިއާ ގައި ބައިވެރިވި އެވެ.

މި އިވެންޓުގައި އަމީތާބު ވަނީ ސަޗިންއާ އެކު ވަރަށް ގިނަ އިރު ވާހަކަ ދައްކަން ހުރެފަ އެވެ. ބެލެވޭ ގޮތުގައި އޭނާގެ ފިލްމީ ކެރިއަރުގެ ތަޖުރިބާތައް ހިއްސާކުރީ އެވެ.

ސަޗިންގެ ބައޮޕިކް ޕްރެމިއާ އަށް ދިޔަ ތަރިންގެ ތެރެއިން އާމިރު ޚާނާއި ރަންވީރު ސިންގް (މ) އަދި ޝާހްރުކް (ވ)

ސަޗިންގެ ބައޮޕިކް ޕްރެމިއާ އަށް ދިޔަ ތަރިންގެ ތެރެއިން އާމިރު ޚާނާއި ރަންވީރު ސިންގް (މ) އަދި ޝާހްރުކް (ވ)

އައިޝްވަރިޔާ އާއި ސަޗިން އަކީ އަވަށްޓެރިންގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައި ތިބި ބަޔަކަށް ވާތީ އެމީހުންގެ ގާތް ގުޅުމެއް ވަރަށް ކުރިއްސުރެ އޮވެ އެވެ. އަބީޝެކް ބައްޗަންއާ ކައިވެނި ކުރުމުގެ ކުރިން އައިޝްވަރިޔާ އޭނާގެ މައިންބަފައިންނާ އެކު ދިރިއުޅުނީ ސަޗިން ދިރިއުޅޭ އިމާރާތާ ޖެހިގެން ކަހަލަ ގޮތަކަށް ހުރި އެޕާޓްމަންޓެއްގަ އެވެ.

އެކި ރޮނގު ރޮނގުން މަޝްހޫރު މީހުންގެ ބައޮޕިކްތައް މި ދުވަސްވަރު އުފެއްދުން ވަނީ ގިނަވެފަ އެވެ. އެގޮތުން ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަޒްހަރުއްދީންގެ ބައޮޕިކެއް ވެސް މިދިޔަ އަހަރު ވަނީ ރިލީޒްވެފަ އެވެ. އަދި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކެޕްޓަން މެހެންދުރަ ސިންގް ދޯނީގެ ބައޮޕިކެއް ވެސް މިދިޔަ އަހަރު ނެރެފައިވެ އެވެ. ސުޝާންތު ސިންގް ރާޖްޕޫތު މި ފިލްމުގައި ދޯނީގެ ރޯލު އަދާ ކޮށްފައިވެ އެވެ. އަދި ފިލްމު ވަނީ ހީވެސް ނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ހޯދާފަ އެވެ.

ސަޗިންގެ ބައޮޕިކްގައި އެހެން އެކްޓަރަކު ބައިވެރިނުކޮށް އޭނާ އެކްޓްކުރި ސަބަބާ ބެހޭ ގޮތުން ސަޗިން ބުނެފައިވަނީ އޭނަގެ ރޯލަށް އެންމެ ފިޓްވާނެ ބޮލީވުޑް އެކްޓަރަކީ އާމިރު ޚާން ކަމަށެވެ. ނަމަވެސް އާމިރު ޚާނަށް އެ ފިލްމަށް ވަގުތު ދޭން ނުލިބޭނެތީ އޭނާ އަމިއްލައަށް ފިލްމު ކުޅެން ނިންމީ އެވެ.