Roadha Mihaaru
ހައި އެޗީވާސް ސްކޮލަޝިޕްގެ އުސޫލު އާންމުކޮށްފި

ހައި އެޗީވާސް ސްކޮލަޝިޕްގައި ކިޔެވޭނީ ސާކް ގައުމުތަކުން އެކަނި

25 މެއި 2017

ހައި އެޗީވާސް ސްކޮލަޝިޕްގައި މަތީ ތައުލީމަށް ކިޔެވުމުގެ އުސޫލު އާންމުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައި އެޗީވާސް ސްކޮލަޝިޕްގައި މަތީ ތައުލީމަށް ކިޔެވުމުގެ އުސޫލު އާންމުކޮށްފި އެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ހޮވަނީ ޖީސީއީ އޭލެވެލް އިމްތިހާނުގެ ތިން މާއްދާގެ އިތުރުން ދިވެއްސާއި އިސްލާމް މާއްދާ އިން ދަށްވެގެން އޭ ފާސް ހޯދާ ކުދިންނެވެ.

މިިދިޔަ ހޯމަދުވަހު ގެޒެޓުކުރި އުސޫލުގައި ވާ ގޮތުން ސާކް ގައުމުތައް ފިޔަވައި އެހެން ގައުމަކުން ހައި އެޗީވާސް ސްކޮލަޝިޕްގައި ކިޔެވޭނީ ވަކި ގޮތެއްގެ މަތިންނެވެ.

އޭގައި ބުނެފައިވާ ގޮތުން ސްކޮލަޝިޕްގައި ކިޔެވޭނީ ހަޔަ ޑިޕާޓްމަންޓުގެ ޝޯޓޭޖް ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކުންނެވެ. އޭގައި 134 ދާއިރާއެއް ހިމެނޭއިރު އެއީ މިިދިޔަ އަހަރު ވެސް އަމަލުކުރަމުން ދިޔަ އުސޫލެވެ.

އާ އުސޫލު ބުނާގޮތުން ދަރިވަރު ކިޔަވަން ބޭނުންވާ ކޯހަކީ ސާކުގެ ގައުމުތަކުން ލިބެން ނެތް ކޯހެއް ނަމަ، ނޮން-އޯއީސީޑީ ގައުމުތަކުގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. ނަމަވެސް އެ ކަމަށް ހިނގާ ޚަރަދަކީ ސާކުގެ ގައުމެއްގައި ހަތަރު އަހަރުގެ ބެޗެލާސް ޑިގްރީއެއް ހެދުމަށް ހިނގާ ޚަރަދާ އެއްވަރު ނުވަތަ އެއަށް ވުރެ އަގުހެޔޮކޮށް ކިޔެވޭ ގައުމަކަށް ވާންޖެހޭނެ އެވެ.

ނޮން-އޯއީސީޑީ އަކީ އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ފޯރަމްގައި ނުހިމެނޭ ގައުމުތަކެވެ.

އާ އުސޫލު ބުނާގޮތުން މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ ލިބުމާއެކު، ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓުން ސްކޮލަޝިޕަށް އިއުލާން ކުރަންޖެހެ އެވެ. އަދި އިއުލާނުގައި ބުނާ މުއްދަތަށް ފަހު ހުށަހަޅާ ދަރިވަރުންނަށް ސްކޮލަޝިޕްގެ ނުލިބޭނެ އެވެ.

މީގެ އިތުރުން ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެ އެވެ. ނަމަވެސް މަގުބޫލު އުޒުރެއް މެދުވެރިވެއްޖެނަމަ، 18 މަސް ދުވަހުގެ ކުރިން ހަޔަ އެޑިއުކޭޝަން ޑިޕާޓްމަންޓަށް އެކަން އަންގައި ގޮތެއް ހަމަޖެހޭތޯ ބަލަން ޖެހެ އެވެ.

އެމްބީބީއެސް ފިޔަވައި އެހެން ކޯސްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން އިންޓާންޝިޕް ފުރިހަމަކުރަންޖެހޭނަމަ އެކަމަށް ހުއްދަ ދޭނީ، އިންޓާންޝިޕް ކޮންމެެެހެން ފުރިހަމަކުރަންޖެހޭ ކޯސްތައް ހަދާ ދަރިވަރުންނަށެވެ. އަދި ޖާގަ ހޯދުމުގެ ކުރިން އިންޓާންޝިޕް ފުރިހަމަކުރަންޖެހޭތޯ ބަލައި ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.