Roadha Mihaaru
ދަތުރު ނުކުރެވިދާނެތީ ކާޑު ރައްކާކުރަން އެދެފި

ދަތުރު ނުކުރެވިދާނެތީ، ކާޑުގެ ބާވަތްތައް ރައްކާ ކުރަން އެދިއްޖެ

01 ޖޫން 2017

ރާއްޖެ އަށް މިހާރު ކުރާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކަނޑުތައް އިތުރަށް ގަދަވެ، ދަތުރު ނުކުރެވޭ ހާލަތަކަށް ހިނގައިދާނެތީ، ރަށްރަށުގައި ހުރި ކާޑުގެ ބާވަތްތައް ރައްކާކުރަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އަށް މިހާރު ކުރާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކަނޑުތައް އިތުރަށް ގަދަވެ، ދަތުރު ނުކުރެވޭ ހާލަތަކަށް ހިނގައިދާނެތީ، ރަށްރަށުގައި ހުރި ކާޑުގެ ބާވަތްތައް ރައްކާކުރަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު އެދިވަޑައިގެންފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކުރިން ހީކުރި ވަރަށް ވުރެ ބޮޑަށް ހުޅަނގު މޫސުމުގެ ވިއްސާރަ ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. ރާއްޖެ ރޯނު ނަކަތް ލައިގެން އުޅޭއިރު އެއީ ޒަމާނުއްސުރެ ކަނޑުގަދަވެ، މޫސުން ގޯސް ނަކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަނޑުގަދަވެގެން ދަތުރު ނުކުރެވިއްޖެނަމަ، ރަށްރަށަށް ކާޑާއި މުދާ ގެންދިއުމަށް ދަތިތަކެއް ކުރިމަތިވެ، ކާޑު ލިބުން ލަސްވެދާނެތީ ކާބޯތަކެތި ބޭނުން ކުރުމުގައި ސަމާލުވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

ވިއްސާރައިގައި އުލިގަމުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައި

ވިއްސާރައިގައި އުލިގަމުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައި

"ރަށް ރަށުގައި މިހާރު ހުރި ކާބޯތަކެތި، ހާއްސަކޮށް ކާޑުގެ ތަކެތި ބޭނުން ކުރީމަ މަދުވެދާނެ ކަމަށް ފާހަގަކުރެވޭތީ އެ ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ހުށިޔާރުވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ކާޑުގެ ބާވަތްތައް އެއްވެސް ރަށެއްގައި މަދުވެފައިވާނަމަ، މި ދުވަސްވަރު އެކަން ކަމާ ބެހޭ ފަރާތްތަކަށް އެންގުމަކީ މުހިންމު ކަމެކެވެ. މިނިސްޓަރު ވަނީ ވިއްސާރައާ ގުޅިގެން ކަނޑުދަތުރު ކުރުމުގައި އިތުރަށް ރައްކާތެރިވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

"އެއީ މީހެއްގެ ފުރާނަ އަކީ އެއްގޮތަކަށް ވެސް އޭގެ އަގު ދެވޭނެ އެއްޗެއް ނޫން. ގެއެއްގެ ފުރާޅު އެއްލާލީމަ މަރާމާތު ކުރެވިދާނެ. ނަމަވެސް މީހަކު ގެއްލިގެން ދިއުމަކީ އޭގެ އިހްސާސްތ ދައުލަތަށާއި އާއިލާ އަށް މިން ކުރެވޭނެ ކަމެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު

ޑިފެންސް މިނިސްޓަރު އާދަމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު

ވިއްސާރައާ ގުޅިގެން ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ސަރުކާރުން ކައިރިން ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. ފެން ބޮޑުވާ ރަށްރަށް ފާހަގަކޮށްގެން އެ ރަށްރަށަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ އެންމެ އާދަޔާ ހިލާފު ކަމަކަށް ފާހަގަ ކުރެއްވެނީ ކޮޅިގަނޑުގައި ގޮތް ނޭނގޭ މިންވަރަށް ވައިގަދަވުން ކަމަށެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ، ކަނޑުމަތީގައި އޮންނަ އޮޑިއެއް ބަންޑުން ޖަހާލުން ގާތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އޮޑީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުކުރަން ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ބައިނަލްއަގުވާމީ ފަރާތްތަކާ ހަވާލާދީ މުހައްމަދު ވިދާޅުވީ އުލިގަމު އުތުރުން ގާތްގަނޑަކަށް 40 މޭލު ހުޅަނގު އުތުރުގައި ވަރަށް ވަރުގަދަ ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި އެ ކޮޅިގަނޑުގައި އާދަޔާ ހިލާފު ބާރު މިނުގައި ވައި ޖެހެމުންދާތީ، އެ ސަރަހައްދާ ކައިރި ރަށްރަށަށް ވެދެވެން އޮތް އެހީތެރިކަމެއް ދެމުން އަންނަ ކަމަށެވެ.

"އިންޑިއާގެ ދެކުނު ބައްރުން ފެށިގެން ގޮސް ފޯޅަވެއްސާ ހަމައަށް އޮތީ ވަރުގަދަ ވިލާގަނޑެއް. އެހެންވެ، މޫސުމަށް ބަލައިގެން ދަތުރު ކުރަން ޖެހޭ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ވިއްސާރައާ ގުޅިގެން މިހާތަނަށް 14 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނު އައްޑު އަށާއި ގދ. ތިނަދޫ އާއި ފ. ނިލަންދޫ ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ. އަދި ބައެއް ރަށްރަށުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާ ކަމަށް އެ ސެންޓަރުން ފާހަގަކުރި އެވެ. އޭގެ އިތުރުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ.