Roadha Mihaaru
ދިޔަވި ސަފާރީ އަޑިއަށް ހިނގައްޖެ

ދިޔަވި ސަފާރީ އަޑިއަށް ހިނގައްޖެ؛ ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފި

26 ސެޕްޓެމްބަރ 2021

ތިލަފުށި ކައިރިން 17 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް، މޫސުން ގޯސްވުމުގެ ސަބަބުން ދިޔަވެ އަޑިއަށް ހިނގައްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ތިލަފުށި ކައިރިން 17 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް، މޫސުން ގޯސްވުމުގެ ސަބަބުން ދިޔަވެ އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ "ހޭންޑީ ކްރޫޒާ" ސަފާރީ، އަޑިއަށް ދިޔައީ ތިލަފުށީގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ދިޔަވެގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑުން އެހީވަމުން ދަނިކޮށް ކަމަށެވެ. ސަފާރީގައި ތިބި މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބައެއް އަތޮޅުތަކަށް އޮރެންޓް އެލާޓް ނެރެފަ އެވެ. އަދި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބެމުންދާ ކަމަށް ބުނެ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެވެ.