Roadha Mihaaru

ދިވެހިން ދިން އެހީ އަށް ލަންކާ އިން ޝުކުރު އަދާކޮށްފި

ސްރީ ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭން ދިން އެހީ އަށް އެ ގައުމުން ޝުކުރު އަދާކޮށްފި އެވެ.

ދިވެހިން ދިން އެހީއަށް ލަންކާއިން ޝުކުރު އަދާކޮށްފި
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

02 ޖޫން 2017

ސްރީ ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭން ދިން އެހީ އަށް އެ ގައުމުން ޝުކުރު އަދާކޮށްފި އެވެ.

ލަންކާގެ ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހި ސަރުކާރުން ދިނީ ފައިސާގެ އެހީ އެކެވެ. އެކަމަކު އެއީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.

ރާއްޖޭން ދިން މި އެހީ އަށް، ސްރީލަންކާގެ ރައީސް، މައިތިރިޕާލަ ސިރިސޭނަ ޝުކުރު އަދާ ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން، ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އެމަނިކުފާނާ ބައްދަލު ކުރެއްވުމުންނެވެ.

މި ބައްދަލުވުމުގައި ސިރިސޭނަ ވިދާޅުވީ ލަންކާ އަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅު، ދިވެހި ސަރުކާރުން އެގައުމަށް ދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އެ ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ލަންކާ އަށް ދިމާވި މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ސްރީލަންކާގެ ސަރުކާރުން އެޅި އަވަސް ފިޔަވަޅަށް ރާއްޖޭން ވަނީ ތައުރީފް ކޮށްފަ އެވެ.

އާސިމް ވިދާޅުވީ މި ހާދިސާ އިން ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމަށް ލަންކާ އިން ކުރަމުންދާ މަސައްކަތް ކާމިޔާބު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

‎އެ ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ޑރ. އާސިމްގެ އިތުރުން، ލަންކާ އަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު ބައިވެރިވެވަޑައިގެންނެވި އެވެ.

ވިއްސާރައިގައި ކުރިމަތިވި އެކި ހާދިސާތަކުގައި ލަންކާއިން 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.