Roadha Mihaaru

ލަންކާގައި ހާލުގައި ޖެހުނު މީހުންނަށް ރާއްޖޭން ދިނީ ތިން ލައްކަ ރުފިޔާ

ސްރީ ލަންކާ އަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް ރާއްޖޭން ދިނީ 25،000 ޑޮލަރު (385،000 ރުފިޔާ) ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފި އެވެ.

ރާއްޖޭން ލަންކާ އަށް ދިނީ ތިން ލައްކަ ރުފިޔާ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

05 ޖޫން 2017

ސްރީ ލަންކާ އަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް ރާއްޖޭން ދިނީ 25،000 ޑޮލަރު (385،000 ރުފިޔާ) ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފި އެވެ.

ލަންކާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ލަންކާ އަށް ވަޑައިގެން ފައިސާގެ ޗެކު ހަވާލު ކޮށްދެއްވީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަނަޔަކޭއާ އެވެ.

މި ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުންނާއި އިގްތިސާދީ، ސިއްހީ، ތައުލީމީ އަދި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ލަންކާގެ ނޫސްތަކުގައިވެ އެވެ.

ވިއްސާރައިގައި ލަންކާގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭން އެހީވުމާ ގުޅިގެން ލަންކާ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ވިއްސާރައިގައި ކުރިމަތިވި އެކި ހާދިސާތަކުގައި ލަންކާއިން 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. ލަންކާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ދުނިޔޭގެ އެކިއެކި ގައުމުތަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.