ސްރީ ލަންކާއަށް އެރި ތޫފާނުގައި އެ ގައުމުގެ އެތައް ހާސް ރައްޔިތުންގެ ދިރިއުޅުން ސުންނާފަތިވެގެން ދިޔަ ވަގުތު ދިވެހިން ދީލަތި އެހީ އާއި އެއްބައިވަންތަކަން ފެނިފައި އެ ގައުމުގެ ރައްޔިތުންގެ ލޯތްބާއި ކުލުނު ދިވެހިންނަށް ބަންޑުންކޮށްލައިފި އެވެ.
02 ޑިސެމްބަރ 2025
ސްރީ ލަންކާއަށް އެރި ތޫފާނުގައި އެ ގައުމުގެ އެތައް ހާސް ރައްޔިތުންގެ ދިރިއުޅުން ސުންނާފަތިވެގެން ދިޔަ ވަގުތު ދިވެހިން ދީލަތި އެހީ އާއި އެއްބައިވަންތަކަން ފެނިފައި އެ ގައުމުގެ ރައްޔިތުންގެ ލޯތްބާއި ކުލުނު ދިވެހިންނަށް ބަންޑުންކޮށްލައިފި އެވެ.
"ސިލޯނާ އެކު ދިވެހިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް ދިވެހިންގެ ފަރާތުން ދިން ބޮޑެތި އެހީތަކާ އެކު ލަންކާ ރައްޔިތުން ދަނީ ދިވެހިންނަށް ޝުކުރުވެރިވެ ޕޯސްޓްތައް ކުރަމުންނެވެ. ސުނާމީއަށް ފަހު ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިސާއާ ގުޅިގެން އެ ގައުމުގައި އަމިއްލަ ކެމްޕެއިނެއް ވެސް ނުފަށާ އުޅެނިކޮށް ކުޑަ ކުޑަ ގައުމަކުން އެހީއަށް ނުކުތުން އެ މީހުންނަށްވީ ދިވެހިން ކޮށްދިން ވަރަށް ބޮޑު ކަމަކަށެވެ.
އެކަމާ ގުޅިގެން ލަންކާ މީހަކު ކުރި ޕޯސްޓުގައި ބުނީ ދިވެހިންނަށް އެހީތެރިކަމެއް ބޭނުންވާ ދުވަހަކު ދިވެހިންގެ ހައްގުގައި ނުކުންނާނެ ކަމަށެވެ.
"ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ދުވަހެއް އަތުވެއްޖެ ނަމަ، އެ މީހުންނަށް ހައްގު މިންވަރު ފޯރުކޮށްދީ އަހަރެމެންނަށް ލިބިފައިވާ ހުރިހާ އެއްޗެއް އެ މީހުންނަށްދީ،" މީހަކު އަސަރާ އެކު ލިޔެފައިވެ އެވެ.
އޭނާ ބުނީ ދިވެހިންގެ އެއް ދުވަހުގެ އުޖޫރަ، އެ ޓެލެތޯނަށް ހަދިޔާކޮށްފައިވާ ކަމަށާއި އެއީ ލަންކާގެ ގިނަ މީހުންގެ އެއް މަހުގެ މުސާރައާ އެއްވަރު އަދަދެއް ކަމަށެވެ.
އޭނާ ވަނީ ދިވެހިންގެ ފަރާތުން އެ ޓެލެތޯނަށް ލިބުނު ބައެއް އެހީގެ ލިސްޓެއް ވެސް އެ ޕޯސްޓުގައި ހިމަނައިފަ އެވެ.
"އެންމެ ދިވެއްސަކު 200،000 ޑޮލަރު ހަދިޔާކޮށްފި. އެމީހުންގެ [ދިވެހި] ސަރުކާރުން 50،000 ޑޮލަރު ހަދިޔާކޮށްފި. ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުންގެ މަސައްކަތުން މިހާތަނަށް 33،000 ޑޮލަރު އެއްކޮށްފި. ރާއްޖޭގެ ބޭންކަކުން 20،000 ޑޮލަރު ހަދިޔާކޮށްފި. މި ކާރިސާ ދިމާވި ވަގުތު ރާއްޖޭގެ މޯބައިލް ނެޓްވޯކްތަކުން ވަނީ ލަންކާއަށް ހިލޭ ގުޅޭނެ ގޮތް ހަދާފައި. އެމީހުންގެ [ދިވެހި] ސަރުކާރުން ވަނީ 25،000 މަސް ދަޅު ކޭސް [1.2 މިލިއަން މަސްދަޅު] ފޮނުވާނެ ކަމަށް ބުނެފައި،" އޭނާ ލިއެފައިވެ އެވެ.
ލަންކާއަށް ކުރި ވިއްސާރާގައި އާއިލާއެއް ހާލުގައި ޖެހިފައި،-- ފޮޓޯ: އޭއެފްޕީ
ރާއްޖޭގެ އޮފީސްތަކާއި ރިސޯޓުތަކާއި ސްކޫލުތަކުން ވެސް "ސިލޯނާ އެކު ދިވެހިންގެ" ނަމުގައި ހޭޝްޓެގެއް ހަދައިގެން ލަންކާއަށް އެހީވަމުން އަންނައިރު އެ މީހުންގެ އަމިއްލަ ގައުމުގައި އެފަދަ ކަމެއް ވެސް ނުހިނގާ ކަމަށް ބުނެ އެމީހާ ވަނީ ރާއްޖެއަށް ތައުރީފް ބަންޑުންކޮށްލައިފަ އެވެ.
"އަހަރެމެންނަށް ވުރެ މި މީހުން އިންސާނިއްޔަތުކަން ދެއްކުމުގައި ކުރީގައި މި އުޅެނީ،"
"އަހަރެމެންނަށްޓަކާ ދިވެހިން ކޮށްދިން ކަންކަން ހަނދާން ނައްތާނުލާތި. ރާއްޖެއަށް ކަމެއް ބޭނުންވާ ދުވަހު އެއްވެސް ސުވާލެއް ނެތި އަހަރެމެން ނިކުންނާނަން،"
އެ ޕޯސްޓާ އެކު ލަންކާ މީހުން ވެސް ވަނީ ދިވެހިންނަށް ޝުކުރުވެރިވެ ޕޯސްޓުކޮށްފަ އެވެ. ދިވެހިންގެ ހިތްހެޔޮކަމާއި އޯގާތެރިކަން ހަނދާން ނުނެތޭނެ ކަމަށާއި ދިވެހިންނަށް އެހީ ބޭނުންވާ ވަގުތު ތިބޭނެ ކަމުގެ ޔަގީންކަން އެމީހުން ދެ އެވެ.
ލަންކާއަށް ކުރިމަތިވި ހާދިސާއާ އެކު ރާއްޖޭގައި ލަންކާ މީހުން މަސައްކަތްކުރާ އެކި ކުންފުނިތަކުން ވެސް އެ މީހުންގެ އާއިލާތަކަށް އެހީތެރިވަމުން އަންނަ ކަމަށް އެ މީހުން ބުނެފައިވެ އެވެ.
ފޭސްބުކްގެ އިތުރުން ޓިކްޓޮކުގައި ވެސް ލަންކާ މީހުން އަންނަނީ ދިވެހިންނަށް ޝުކުރުވެރިވެ ޕޯސްޓު ކުރަމުންނެވެެ. ފަންޑު ފޮށިތަކާއި ޓެލެތޯނުގެ އެކި މަންޒަރުތައް ހިއްސާކޮށް މި މީހުންގެ ޝުކުރުވެރިކަން ވަނީ ބަންޑުކޮށްލައިފަ އެވެ.
ޕީއެސްއެމުން އިންތިޒާމުކޮށްގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯން މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ފަށައި އިއްޔެ، މެންދުރުފަހު 2:00އާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އެ ހަރަކާތުގައި 11 މިލިއަން ރުފިޔާ އަދި 43،631.31 ޑޮލަރު (ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ) ލިބުނެވެ.
އޭގެ ތެރޭގައި ސަރުކާރުގެ އެކި ކުންފުނިތަކާއި ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން އެކި ފަރާތްތަކުން ބޮޑެތި އެހީތައް ދިނެވެ. އަދި ޓެލެތޯނުގެ ބޭރުން، ލަންކާ ރިލީފް ފަންޑަށް ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކުންފުނިތަކުން ވެސް ޑޮލަރުން އެހީވި އެވެ.
ތޫފާން ދީތުވާގެ ސަބަބުން ހިނގި ނުރައްކާތެރި ހާދިސާތަކުގައި ލަންކާ އިން 350 އަށް ވުރެ ގިނަ މީހުން މަރުވެ އަދި 300 އަށް ވުރެ ގިނަ މީހުން ގެއްލިފައިވެ އެވެ. އަދި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކުރި އެވެ.
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ލަންކާގައި ދިވެހިން އުޅޭ 11 ގެއަކަށް ގެއްލުންވެއްޖެ
ލަންކާގައި ދިވެހިން ހިންގާ އެހީގެ ހަރަކާތް ކާމިޔާބު
ގެއްލުން ފޫބައްދަން 7 ބިލިއަން ބޭނުންވޭ: ލަންކާ
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 410 އަށް
ލަންކާ އަށް އެހީވާން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ހަވާލުކޮށްފި
ރާއްޖެއިން ލަންކާއަށް ދޭ 12 މިލިއަން މިއަދު ފޮނުވަނީ
ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި
ސްރީލަންކާއަށް އެހީވާން ވިލާއިން އެއް ލައްކަ ޑޮލަރު
ދިވެހިންގެ ފަރާތުން ލަންކާއަށް 11 މިލިއަން ރުފިޔާ