Roadha Mihaaru
ޖުމްހޫރީ ޕާޓީގެ ދިދަ އާއި ނިޝާން މަނާކޮށްފި

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ނިޝާން ބޭނުންކުރުން މަނާކޮށްފި

04 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ނިޝާން ބޭނުންކުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު މަނާކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ނިޝާން ބޭނުންކުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު މަނާކޮށްފި އެވެ.

އެ ކޮމިޝަނުން ޖުމްހޫރީ ޕާޓީ އަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ޕާޓީގެ ނިޝާނާއި ދިދައިން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ދިދަ ރަމްޒުކޮށްދޭ ކަމަށެވެ.

"...'ދިވެހި ދިދަ ބޭނުން ގުޅޭ އުސޫލް' ގެ ދަށުން މިއަދުން ފެށިގެން ތިޔަ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން ހުއްޓާލުމަށް ދަންނަވަމެވެ،" އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ސޮއިކުރައްވާފައިވާ ސިޓީގައިވެ އެވެ.

އީސީން ފާހަގަކޮށްފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ދިދަ އާއި ނިޝާން ބަދަލުކުރުމަށް ކުރިން އެ ޕާޓީ އަށް އަންގާފައިވީ ނަމަވެސް އެކަން ކޮށްފައެއް ނުވެ އެވެ.

މިދިޔަ މާޗްމަހު އެކުލަވާލާފައިވާ ދިވެހި ދިދަ ބޭނުންކުރުމުގެ އުސޫލުގައި، ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭ ގޮތް ކަމަށް ބުނެފައި ވަނީ، ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. މިއީ ރައީސަށް ހާއްސަ ދިދައަކަށް ވާތީ، އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް އުސޫލުގައިވެ އެވެ.

ރައީސްގެ ދިދައާ ވައްތަރު ދިދަ ބޭނުންކުރުން މި އުސޫލުގެ ދަށުން މަނާކުރިިއިރު، ޖުމްހޫރީ ޕާޓީގެ ރަސްމީ ދިދައިގައި ވެސް ހަނދުފަޅި އަކާއި ތަރިއެއް ހިމެނެ އެވެ.

ޖުމްހޫރީ ޕާޓީން މިދިޔަ މާޗްމަހު ބުނެފައި ވަނީ ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލްގެ ދަށުން، އެ ޕާޓީގެ ދިދަ ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެ ފަހަރެއްގެ މަތިން އެންގި ކަމަށެވެ. ނަމަވެސް އެހެން އެންގިދާނެ ކަމަށް ޖުމްހޫރީ ޕާޓީއަކުން ގަބޫލެއް ނުކުރެ އެވެ.

ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު ޖޭޕީގެ ދިދަ އަކީ ރަޖިސްޓަރީ ކުރެވިގެން އައި ދިދައެއް ކަން ފާހަގަކުރައްވައި، ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެފައި ވަނީ ފަހުން އައި އުސޫލަކަށް ތަބާވުން ލާޒިމް ނޫން ކަމަށެވެ. އަދި ގައުމީ ދިދަ އާއި ޖޭޕީގެ ދިދައާ އެއްގޮތް ކަމެއް ނެތް ކަން ޕާޓީން ގަބޫލުކުރާ ކަމަށް އޭނާ ކުރިން ވިދާޅުވެފައިވެ އެވެ.

އަލީ ސޯލިހް މިދިޔަ މާޗްމަހު ވިދާޅުވެފައިވާ ގޮތުގައި ޖޭޕީގެ ދިދަ ފާސް ކުރީ އެ ޕާޓީގެ ގައުމީ ޖަލްސާގަ އެވެ. އަދި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ގައުމީ ޖަލްސާ ބާއްވަން ޖެހޭއިރު، ދިދައާ މެދު ގޮތެއް ނިންމޭނީ އެ ބައްދަލުވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޖޭޕީން މިދިޔަ ހަފުތާގައި ނިންމާފައިވާ ގޮތުން އެ ޕާޓީގެ ގައުމީ ޖަލްސާ ދެން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީމަހު އެވެ.