Roadha Mihaaru
ޖޭޕީގެ ލޯގޯ އާއި ދިދަ: މައްސަލައަކަށް ވާންވީ ކީއްވެ؟

ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ: މައްސަލައަކަށް ވާންވީ ކީއްވެ؟

07 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން ހުއްޓާލަން އެންގުމަކީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ލޯގޯ ބަދަލު ކުރަން އެންގި ފުރަތަމަ ފަހަރެވެ. ރައީސުލް ޖުމްހޫރިއްޔާގެ ދިދަ އާއި ވައްތަރު ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން ހުއްޓާލަން އެންގިއިރު އެ ޕާޓީ އުފެދިގެން މިހާތަނަށް ވެސް މަސައްކަތް ކުރީ އެ ލޯގޯ އާއި އެ ދިދަ، އިލެކްޝަންސް ކޮމިޝަންގެ ހުއްދައާ އެކު، ބޭނުން ކޮށްގެންނެވެ. އެ އެއްޗެހި ބޭނުންނުކުރެވޭނެ ކަމަށް އެ ކޮމިޝަނުން އެންގީ ދިވެހި ދިދަ ބޭނުންކުރުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ހެދި އުސޫލަކާ ހަވާލާދީ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން ހުއްޓާލަން އެންގުމަކީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ލޯގޯ ބަދަލު ކުރަން އެންގި ފުރަތަމަ ފަހަރެވެ. ރައީސުލް ޖުމްހޫރިއްޔާގެ ދިދަ އާއި ވައްތަރު ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން ހުއްޓާލަން އެންގިއިރު އެ ޕާޓީ އުފެދިގެން މިހާތަނަށް ވެސް މަސައްކަތް ކުރީ އެ ލޯގޯ އާއި އެ ދިދަ، އިލެކްޝަންސް ކޮމިޝަންގެ ހުއްދައާ އެކު، ބޭނުން ކޮށްގެންނެވެ. އެ އެއްޗެހި ބޭނުންނުކުރެވޭނެ ކަމަށް އެ ކޮމިޝަނުން އެންގީ ދިވެހި ދިދަ ބޭނުންކުރުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ހެދި އުސޫލަކާ ހަވާލާދީ އެވެ.

ދިވެހި ދިދަ ބޭނުން ކުރުމާ ގުޅޭ ގޮތުން މާޗް މަހު އަމަލުކުރަން ފެށި އުސޫލު ބުނާ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ދިދަ އާއި ވައްތަރު ދިދައެއް ނުވަތަ ނިޝާނެެއް އެހެން ފަރާތަކަށް ބޭނުމެއް ނުކުރެވޭނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ދިދަ އަކީ ދިވެހި ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށް ވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހުންނަ ދިދައެކެވެ. މިއީ ކުރިންސުރެ ފެށިގެން ރައީސުލް ޖުމްހޫރިއްޔާގެ ދިދަ ހުންނަ ގޮތެވެ.

އެ އުސޫލު އައިތާ މާ ގިނަ ދުވަހެއް ނުވަނީސް އިލެކްޝަންސް ކޮމިޝަނުން ކުއްލި ގޮތަކަށް އެންގީ ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ، ރައީސުލްޖުމްހޫރިއްޔާގެ ދިދަ އާއި ވައްތަރު ކަމަށާއި އެހެންކަމުން އެ އެއްޗެހި ބޭނުންނުކުރެވޭނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯގައި ވެސް ރައީސުލް ޖުމްހޫރިއްޔާގެ ދިދައިގައި ހުންނަ ގޮތަށް، ހަނދުފަޅިއަކާއި ތަރިއެއް ހުންނައިރު އެ ދިދައިގައި ބޭނުން ކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ދިދައިގައި ވެސް ހުންނަ ކުލަތަކެވެ.

އެކަމަކު ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ރައީސުލް ޖުމްހޫރިއްޔާގެ ދިދަ އާއި ވައްތަރު ކަމަށް ބަލާ ނަމަ އެގޮތަށް ވައްތަރު އެހެން ބައެއް ދިދަތައް ވެސް އެބަ ހުއްޓެވެ. ޖުމްހޫރީ ޕާޓީގެ ލޯގޯއާ ވައްތަރުކޮށް ބައެއް ސްކޫލްތަކުގެ ލޯގޯ ވެސް ހުރެ އެވެ. ރައީސްގެ ދިދަ އާއި ވައްތަރުވެގެން މަނާކުރާ ނަމަ އެ ލޯގޯތައް ވެސް މަނާކުރަންވީ އެވެ. އެކަމަކު މިހާތަނަށް އެފަދަ އެހެން ލޯގޯއެއް ބަދަލުކުރަން އެންގި ކަމެއް އެނގިފައެއް ނުވެ އެވެ.

ކޮމިޝަންގެ މި އެންގުމާ އެކު އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބުނަނީ މިއީ ސަރުކާރުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގާ ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.

ރައީސް ޔާމީން ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިންނެވިއިރު އެމަނިކުފާނުގެ ވާތް ފަރާތުގައި ރައީސުލް ޖުމްހޫރިއްޔާގެ ދިދަ ބަހައްޓާފައި --ފޮޓޯ/ރައީސް އޮފީސް

ރައީސް ޔާމީން ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިންނެވިއިރު އެމަނިކުފާނުގެ ވާތް ފަރާތުގައި ރައީސުލް ޖުމްހޫރިއްޔާގެ ދިދަ ބަހައްޓާފައި --ފޮޓޯ/ރައީސް އޮފީސް

ގައުމީ ދިދަ ބޭނުން ކުރުމާ ބެހޭ އުސޫލުގެ 10 ވަނަ މާއްދާގެ ނ. ގައި ރައީސުލްޖުމްހޫރިއްޔާގެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން ފަރާތަކުން ބޭނުން ކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެފަދަ ކަމެއް މަނާކުރަން މި އުސޫލުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދެ އެވެ.

ގާނޫނު އަސާސީގެ 19 ވަނަ މާއްދާގައި ބުނަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނެއްގައި މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އަދި އެއްވެސް މީހަކު ކުރާ ކަމަކަށް "ގާނޫނަކުން" ބާރު ލިބިގެން މެނުވީ ހުރަސް އަޅައި، ހުއްޓުވައިގެން ނުވާނެ ކަމަށް އެ މާއްދާގައިވެ އެވެ. އެ މާއްދާ އޮތް ގޮތުން، ކަމެއް މަނާކުރެވޭނީ ނުވަތަ ހުއްޓުވޭނީ ގާނޫނަކުން ނުވަތަ އިސްލާމީ ޝަރީއަތުން ބާރު ލިބިގެންކަމާ މެދު ދެބަސްވެވޭކަށް ނެތެވެ.

ދެން ބަލަންވީ ގާނޫނަކީ ކޮބައިތޯ އެވެ. ގާނޫނު އަސާސީ 274 ވަނަ މާއްދާގައި "ގާނޫނު" މާނަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކޮށްފައިވާ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ބާރު ލިބިގެން އެ ގާނޫނުތަކުގެ އިމުގެ ތެރެއިން ހަދާ ގަވާއިދުތަކެވެ. ގާނޫނެއްގެ ދަރަޖަ ލިބެން އޮންނާނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ ގާނޫނެއް ނަމަ އެއީ މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކޮށްފައިވާ އެއްޗަކަށް ވުމެވެ. ދެވަނަ ގޮތަކީ ގަވާއިދެއް ނަމަ އެއީ ތަސްދީގު ކޮށްފައިވާ ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ އެއްޗަކަށް ވުމެވެ.

ދިދަ ބޭނުން ކުރުމާ ބެހޭ އުސޫލަށް ބަލާއިރު އެއީ ހޯމް މިނިސްޓްރީން އަމިއްލަ އަށް ހެދި އުސޫލެކެވެ. އެއީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއް ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން ހެދި އެއްޗެއް ނޫނެވެ. އެއްވެސް ގާނޫނަކާ އެ އުސޫލު ހަވާލާދީފައެއް ނުވެ އެވެ. އެހެންކަމުން ހޯމް މިނިސްޓްރީގެ އެ އުސޫލަށް ގާނޫނެއްގެ ދަރަޖަ ނުވަތަ ގާނޫނީ ބާރެއް ނުލިބެ އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީތަކުގެ ލޯގޯ އާއި ދިދަ ކަނޑައެޅުމަކީ އެ ޕާޓީން އަމިއްލަ އަށް ކުރަން ޖެހޭ ކަމެކެވެ. އެ ގާނޫނު އައުމުގެ ކުރިން ވެސް އަދި ގާނޫނު އައުމަށް ފަހު މިއަދާ ހަމައަށް ވެސް ޕާޓީތަކުގެ ލޯގޯ އާއި ނިޝާނަކީ އެ ޕާޓީން އަމިއްލަ އަށް ހަދަން ޖެހޭ އެއްޗެކެވެ. ގާނޫނުގައި އެ ޒިންމާ ޕާޓީތަކާ ހަވާލުކޮށް، އެކަމުގެ ފުރިހަމަ ބާރު ޕާޓީތަކަށް ވަނިކޮށް، އެއްވެސް ގާނޫނަކާ ހަވާލާ ނުދީ ސަރުކާރުގެ އިދާރާއަކުން އަމިއްލަ އަށް ހެދި އުސޫލަކުން އެހެން ގޮތަކަށް އެކަން ކުރަން ޕާޓީތަކަށް ލާޒިމް ކުރެވިދާނެތޯ ސުވާލު އުފެދެ އެވެ.

ގާނޫނީ ބައެއް ބޭފުޅުންގެ ނަޒަރުގައި ސަރުކާރުގެ އިދާރާތަކުން އަމިއްލަ އަށް ހަދާ އުސޫލުތަކަކީ ކަންކަން މަނާކޮށް، ހުއްޓުވުމުގެ ބާރު އޮންނަ އެއްޗެއް ނޫނެވެ. ސަރުކާރުގެ މުއައްސަސާތަކުން އަމިއްލަ އަށް އުސޫލުތައް ހަދަނީ އެ ބަޔަކު ކަންކަން ކުރަން ޖެހޭ ގޮތް ބަޔާންކުރަން އިދާރާތަކުގެ އެތެރޭގައި ގެންގުޅެން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އެ ބޭފުޅުންގެ ނަޒަރުގައި ރައްޔިތުން އަމަލުކުރުން ލާޒިމްވާ ގޮތަށް ކަންކަން މަނާކުރެވޭނީ މަޖިލީހުން ފާސްކުރާ ގާނޫނުން އެކަންޏެވެ.

"އުސޫލުތަކަކީ މުއައްސަސާތަކުން އެމީހުން އިންޓާނަލީ ގެންގުޅޭ ގައިޑްލައިންސްތަކެއް ބައެއް ކަންކަމާ ގުޅޭ ގޮތުން. އެއީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާނެ އެއްޗެއް ނޫން،" ވަކީލަކު، ނަން ނުޖަހާ ގޮތަށް ވާހަކަދައްކަވަމުން، ވިދާޅުވި އެވެ.

"ވަކި ކަމެއް ކުރާކަށް ނުވަތަ ނުކުރާކަށް ނުވަތަ ވަކި ކަމެއް ހުއްޓާލާކަށް ނޭންގޭނެ އުސޫލަކުންނެއް. ކަންކަން މަނާކޮށް، ހުއްޓުވޭނީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން. އެނޫން އެއްވެސް ގޮތަކަށް އެކަމެއް ނުކުރެވޭނެ."

އާ ގާނޫނު އަސާސީ ތަސްދީގު ކުރުމުގެ ކުރިން ސަރުކާރުން ހަދާ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން އޭރު ކަންކަން ލާޒިމްކުރެވެ އެވެ. މަނާ ކަންތައްތަކާއި ހުއްދަ ކަންކަން ކަނޑައެޅެ އެވެ. އެކަމަކު ގާނޫނު އަސާސީ ހެދިއިރު، ގާނޫނަކުން ބާރު ލިބިގެން މެނުވީ ކަންކަން މަނާ ނުކުރެވޭނެ ކަމަށް ހިމެނި އެވެ. އޭރު ވެސް މުހިންމު ބައެއް ކަންކަން ހުރީ ގަވާއިދުތަކެއްގައި ބަޔާންކޮށްފަ އެވެ.

އެ ގަވާއިދުތަކަށް ގާނޫނީ ބާރު ނެތީސް ގާނޫނު އަސާސީ ތަސްދީގުކޮށްފި ނަމަ އެ ގަވާއިދުތައް އުވިގެން ހިނގައިދާނެތީ މުހިންމު ބައެއް ގަވާއިދުތަކަށް ގާނޫނީ ބާރު ދިނީ އެކަމަށް ޚާއްސަކޮށްގެން "އާންމު ގަވާއިދުތަކާ ބެހޭ ގާނޫނު" ހަދައި، އެ ގާނޫނުގެ މުއްދަތު މަޖިލީހުން އިތުރުކޮށްގެންނެވެ. އެއިން ވެސް ސާފުވާ އެއް ކަމަކީ ކަމެއް ލާޒިމްކޮށް ނުވަތަ މަނާކުރެވޭނީ ގާނޫނީ ބާރު ލިބިފައި އޮވެގެން ކަމެވެ.

ދެން އޮތީ އެހެން މައްސަލައެކެވެ. ޖުމްހޫރީ ޕާޓީގެ ލޯގޯއަކީ 2008 ގައި އެ ޕާޓީ އުފެދުމާ އެކު އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށް، އޭރު އިލެކްޝަންސް ކޮމިޝަނުން ވެސް ބަލައިގެންފައި އޮތް ލޯގޯއެކެވެ. އެ ލޯގޯ އިލެކްޝަންސް ކޮމިޝަންގައި ވެސް އޮތީ ރަޖިސްޓްރީކޮށްފަ އެވެ.

ގާނޫނުތަކާއި ގަވާއިދުތައް މަނާކުރުމުގައި ބަލާ ވަރަށް މުހިންމު ހަމައެއް އޮވެ އެވެ. އެއީ އެހެން ގޮތަކަށް ބަޔާން ނުކުރާހާ ހިނދަކު، ކޮންމެ ގާނޫނެއް ނުވަތަ ގަވާއިދަކީ ވެސް ކުރިއަށް ހިނގާ އެއްޗަކަށް ވުމާއި މާޒީގައި ހިނގާފައިވާ ކަންކަމަށް އެ ގާނޫނެއް ނުވަތަ އެ ގަވާއިދެއްގެ ބާރު ނުހިނގުމެވެ.

މާޒީގައި ހިނގާފައިވާ ކަމަކަށް، ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބާރު ހިނގާ ނަމަ އެކަން އޮންނަން ޖެހޭނީ އެ އެއްޗެއްގައި ސާފުކޮށް ބަޔާންކޮށްފަ އެވެ. އެކަމަކު ހޯމް މިނިސްޓްރީން ހެދި އުސޫލުގައި އެފަދަ ގޮތަކަށް ބުނެފައެއް ނުވެ އެވެ. އެހެންވެ، އޭގެ މާނައަކީ އެ އުސޫލުގެ ބާރު ހިނގާނީ އެ އުސޫލު އަންނަ ފަހުން ހިނގާ ކަންކަމަށް ކަމެވެ. މާޒީގައި ހިނގައި ނިމިފައިވާ ކަމަކަށް ނުހިނގާނެ ކަމެވެ.

"ޖުމްހޫރީ ޕާޓީން އެ ލޯގޯ ހެދީ އޭރު އަމަލު ކުރަމުން ދިޔަ ގަވާއިދުތަކުގެ ދަށުން. އެ ލޯގޯ ހިފައިގެން އެ މީހުން އިންތިޚާބުތަކަށް ކުރިމަތިލާ ކަންކަން މިހާތަނަށް މިކުރީ. އޭގެ ފަހުން ހޯމް މިނިސްޓްރީން އަމިއްލަ އަށް އުސޫލެއް ހެދިޔަސް އެކަން މަނަލެއް ނުކުރެވޭނެ. ކުރިން ހިނގާފައިވާ ކަމެއް، ފަހުން އަންނަ އުސޫލަކުން ބަދަލެއް ނުކުރެވޭނެ،" ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.

ކޮމިޝަންގެ ނިންމުމާ އެކު ޖުމްހޫރީ ޕާޓީ ހިންގަން ހުރަސް އެޅިދާނެ ކަމުގެ ބިރު އެބަ އޮތެވެ. އެ ޕާޓީގެ ލޯގޯ އާއި ދިދަ ފާސްކުރަން ޖެހޭނީ ގައުމީ މަޖިިލީހުން ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އަސާސީ ގަވާއިދަށް އިސްލާހެއް ގެނެވޭނީ ވެސް ގައުމީ މަޖިލީހުގެ ޖަލްސާއަކުންނެވެ. އެ ޕާޓީން ބުނާ ގޮތުން ޕާޓީގެ ގައުމީ ޖަލްސާގައި ދެން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެހެންވެ މިހާރު މިއޮތް ގޮތުން ޖޭޕީގެ ދިދަ އާއި ލޯގޯ ބަދަލު ކުރެވެން ދެން އޮތީ އަންނަ އަހަރު އެވެ. މިކަމުގައި އިލެކްޝަންސް ކޮމިޝަނުން ލުޔެއް ނުދީފި ނަމަ ޕާޓީގެ ހަރަކާތްތަކަށް ބުރޫއަރާނެ އެވެ.

ޖުމްހޫރީ ޕާޓީން މިހާރު ވަނީ މައްސަލަ ކޯޓަށް ހުށަހަޅައި، ކޮމިޝަންގެ ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އެދިފަ އެވެ. އެހެންވެ، ދެން އޮތީ މި މައްސަލާގައި ޝަރުއީ މަރުހަލާއިން ނިމޭނެ ގޮތަކަށް އިންތިޒާރު ކުރުމެވެ.