Roadha Mihaaru
11 ފަހަރު ވޯޓު ލައިގެން ކައުންސިލްގެ ރައީސް ހޮވައިފި

11 ފަހަރު ވޯޓު ލައިގެން އެންމެ ފަހުން ދޮންފަނު ކައުންސިލްގެ ރައީސް ހޮވައިފި

05 ޖޫން 2017

ބ. ދޮންފަނު ކައުންސިލަށް ރައީސަކު ހޮވަން އިއްޔެ ދިހަ ފަހަރު ވޯޓު ލައިގެން ވެސް އެކަން ނުވެ އޮއްވާ ގިނަ މަޝްވަރާތަކަކަށް ފަހު، މިއަދު އަލުން ވޯޓުލައި، ކައުންސިލްގެ ރައީސް ކަމަށް އަލީ ރަޝީދު ހޮވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބ. ދޮންފަނު ކައުންސިލަށް ރައީސަކު ހޮވަން އިއްޔެ ދިހަ ފަހަރު ވޯޓު ލައިގެން ވެސް އެކަން ނުވެ އޮއްވާ ގިނަ މަޝްވަރާތަކަކަށް ފަހު، މިއަދު އަލުން ވޯޓުލައި، ކައުންސިލްގެ ރައީސް ކަމަށް އަލީ ރަޝީދު ހޮވައިފި އެވެ.

ދޮންފަނު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ސާލިމް އިއްޔެ ވިދާޅުވި ގޮތުގައި، އެ ރަށު ކައުންސިލްގެ ތިން ބޭފުޅުން ވެސް ރައީސް ކަމަށް ކުރިމަތިލެއްވި އެވެ. އެހެންވެ، ދިހަ ފަހަރަށް ވޯޓު ލީ އިރު ވެސް، ކޮންމެ މެމްބަރަކު ވެސް ވޯޓު ދެއްވީ އަމިއްލަ ނަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ބައްދަލުވުމެއްގައި ކައުންސިލްގެ ރައީސް ކަމަށް އަލީ ރަޝީދު ހޮވިވަޑައިގަތީ ތިން ކައުންސިލަރުންގެ ވެސް ވޯޓުންނެވެ.

އަމިއްލަ ގޮތުން ހޮވިވަވަޑައިގެން މި ތިން ކައުންސިލަރުންގެ ތެރެއިން ނައިބު ރައީސްއަކަށް ހޮވީ ހުސެން ހަފީޒެވެ.

ސާލިމް ވިދާޅުވީ އިއްޔެ ދިހަ ފަހަރު ވޯޓުލައިގެން ވެސް ރައީސަކު ހަމަނުޖެހުމުން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާ ވެސް ހޯދި ކަމަށެވެ. އަދި އެތަނުން ލަފާ ދިނީ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ބޭރަށް ނިކުމެ، މަޝްވަރާކޮށްގެން ވަކި ގޮތެއް ނިންމީ،" ސާލިމް ވިދާޅުވި އެވެ.

ކައުންސިލަށް ރައީސަކު ހޮވަން އެންމެ ފުރަތަމަ ވޯޓުލީ، ހުވާކުރުމުގެ ރަސްމިއްޔާތު ނިންމުމަށް ފަހު، އެ ރެ އެވެ. އެރޭ ފަސް ފަހަރު ވޯޓުލުމުން ވެސް އެއްވަރުވާތީ، މަޝްވަރާ އަށް ފަހު އަލުން ވޯޓުލީ އިއްޔެ އެވެ. އެކަމަކު އިއްޔެ ވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވި އެވެ.