Roadha Mihaaru
ވަންދޫ މަޝްރޫއު ފެށޭނެ ދުވަހެއް ބުނަން ދަތި: ތޯރިގް

ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ފެށޭނެ ދުވަހެއް ބުނަން ދަތި: ތޯރިގް

06 ޖޫން 2017

ތ. ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާތީ މަސައްކަތް ފެށޭނެ ދުވަހެއް ވިދާޅުވާން ދަތި ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ތ. ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާތީ މަސައްކަތް ފެށޭނެ ދުވަހެއް ވިދާޅުވާން ދަތި ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް އޮޅުން ފިލުއްވުމަށް މިނިސްޓަރާ ސުވާލު ކުރެއްވީ ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ. މިނިސްޓަރުގެ ޖަވާބާ ގުޅިގެން ރިޔާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރިޔާޒް ވިދާޅުވީ ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު މީގެ ކުރިން ހިންގުމަށްޓަކައި ބަޖެޓުގައި ހިމަނާފައި އޮތް ނަމަވެސް، މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.

"ބަޖެޓުގައި އޮތަސް، މި ސަރުކާރުން މިކަންކަން ނުކުރާ ކަން ފާހަގަ ކުރަނީ. ކޮންމެހެން ބަޖެޓުގައި އޮވެގެނެއް ނޫން ޕްރޮޖެކްޓްތައް، މަސައްކަތްތައް ހިނގަމުން ދަނީ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

ރިޔާޒް މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި ވަންދޫ ގިރުމަކީ އެ ރަށު މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ގޮތުން އެ ރަށު މީހުން ދިރިއުޅެން ދަތިވެފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ޝަކުވާތަކާ ގުޅިގެން މިނިސްޓަރު ތޯރިގް ވިދާޅުވީ ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 2014 އަދި 2015 ގެ ބަޖެޓުގައި ހިމެނި، ކޮންޓިންޖެންސީ ބަޖެޓުގައި ނުހިމެނުނު މަޝްރޫއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީ އަށް އައި ބަދަލުތަކާ ގުޅިގެން ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު މަޑު ޖައްސާލާފައިވާނެ ކަމަށެވެ. އަދި އެ މަޝްރޫއު މިދިޔަ އަހަރު މަޖިލިހަށް ހުށަހެޅި ބަޖެޓުގައި ހިމެނި ނަމަވެސް، ބަޖެޓު ފާސްވެގެން ދިޔައީ އެ މަޝްރޫއާ ނުލައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށް ގިރުމުގެ މައްސަލަތަކަކީ ތިމާވެއްޓަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް ކަމަށެވެ. ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން 23 ރަށެއްގެ ގޮނޑު ދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައި، 15 ރަށެއްގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަޝްރޫއުތަކަށް 260 އަށްވުރެ ގިނަ މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.