Roadha Mihaaru
ސުމޭދު ގެއްލުނު ހާދިސާ ތަހުގީގު ކުރަން ހާއްސަ ޓީމެއް

ސުމޭދު ގެއްލުނު ހާދިސާ ތަހުގީގު ކުރަން އައްޑޫގައި ފުލުހުންގެ ޚާއްސަ ޓީމެއް

07 ޖޫން 2017

މިދިޔަ އާދީއްތަދުވަހު ހަވީރު ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް، ފުލުސް ކޯޕްރަލް ސުމޭދު މުހައްމަދު ކަނޑަށް ވެއްޓި ގެއްލުނު ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް އައްޑޫގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އާދީއްތަދުވަހު ހަވީރު ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް، ފުލުސް ކޯޕްރަލް ސުމޭދު މުހައްމަދު ކަނޑަށް ވެއްޓި ގެއްލުނު ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް އައްޑޫގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އައްޑޫ ގަން ކަނޑަށް ވެއްޓި ގެއްލިފައިވާ ސ. ހިތަދޫ އާބިން ސުމޭދު، 27 ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ހުއްޓުމެއް ނެތި އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ.

މި ހާދިސާގައި ސަލާމަތްވި ދެ މީހުންގެ ތެރެއިން ފޭދޫ އިބްރާހީމް ނާއިފްއާ ސުވާލުކޮށް، އޭނާގެ ބަޔާން މިހާރު ނަގާފައިވާ ކަމަށް ވެ އެވެ.

ނަމަވެސް އެ ތަހުގީގާ ބެހޭ އެއްވެސް ތަފުސީލެއް ފުލުން އަދިއެއް ނުދެ އެވެ.

"ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރަމުން އަންނަނީ. ތަހުގީގު ކުރިއަށް ދާތީ މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް މި ވަގުތު އަދި ދެވޭކަށް ނެތް،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ސުމޭދާއި ނާއިފްއާ އެކު ދެން މަހަށް ދިޔައީ ފޭދޫ ފަހާގޭ ހުސައިން ސައީދު އެވެ.

ސުމޭދުމެން މަހަށް ދިޔަ ޑިންގީ ފެނުނު އިރު އޮތް ގޮތް.

އޭނާ "މިހާރު" އަށް ކިޔައި ދީފައިވާ ގޮތުގައި އެ މީހުން މަހަށް ދިޔަ 17 ފޫޓްގެ ޑިންގީ ބަންޑުން ޖަހާލީ، އެއަށް ނެގި ބޮޑު ރާޅަކާ އެކުގަ އެވެ.

މި ހާދިސާއާ ގުޅިގެން ސައީދާއި ނާއިފް ވަނީ އެ މީހުން މަސް ބާނަން ތިބި ސަރަހައްދާ ދިމާލުގައި އޮތް ފަޅު ރަށަކަށް އަރައިފަ އެވެ. އަދި ފަހުން އެ މީހުން ވަނީ ފަތާފައި ގޮސް ކައިރީގައި އޮތް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަށް އަރައިފަ އެވެ.

"ބަންޑުން ޖަހާލި" ޑިންގީ ފަޅު ރަށުން ފެނުނު އިރު، އޭގެ ތެރެއިން ޑިންގީގައި ހުރި ގިނަ ސާމާނުތައް ހުއްޓެވެ.

އެހެންވެ ސުމައިދުގެ އާއިލާ އިން ވަނީ ޑިންގީ ބަންޑުން ޖަހާލި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި ފުލުހުން ވެސް ބުނަނީ ޑިންގީ ބަންޑުން ޖަހާލިކަން ކަށަވަރު ނުވާ ކަމަށެވެ.