Roadha Mihaaru
ސުމޭދު ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފި

ސުމޭދު ހޯދުމަށްޓަކައި 127،500 އަކަ މީޓަރުގެ ސަރަހައްދެއް ބަލައިފި

08 ޖޫން 2017

މިދިޔަ އާދީއްތަދުވަހު ޑިންގީއެއްގައި އައްޑޫ ގަން ކަނޑަށް މަހަށް ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލިފައިވާ މުހައްމަދު ސުމޭދު ހޯދުމަށްޓަކައި މިހާތަނަށް 127،500 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އާދީއްތަދުވަހު ޑިންގީއެއްގައި އައްޑޫ ގަން ކަނޑަށް މަހަށް ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލިފައިވާ މުހައްމަދު ސުމޭދު ހޯދުމަށްޓަކައި މިހާތަނަށް 127،500 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ސުމޭދު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށާއި ކޯސްޓް ގާޑާއި ހެލިކޮޕްޓަރާއި އަދި އެމްއެންޑީއެފްގެ ޑައިވަރުން އަންނަނީ އެކަމުގައި ހަރަކާތްތެެރިވަމުން ކަމަށެވެ.

ސުމޭދު ހޯދަމުން އަންނަނިކޮށް، މިދިޔަ ހޯމަދުވަހު ވަނީ އޭނާގެ ފޯން ކަމަށް ބެލެވޭ ފޯނެއް އޭނާ ކަނޑަށް ވެއްޓި ގެއްލުނު ސަރަހައްދާ ކައިރީގައި އޮންނަ ޝަންގްރިއްލާ ރިސޯޓް ކައިރީގައި އޮންނަ ފަޅުރަށް، މަޑިހެރަ ކައިރިން ފެނިފަ އެވެ.

އެމްއެންޑީއެފުން ބުނީ ފުލުހުންގެ އެދުމުގެ މަތިން ފޯނު ފެނުނު ސަރަހައްދަށް މިއަދު އިތުރު ޑައިވްތަކެއްކޮށްގެން ވެސް ސުމޭދު ހޯދަމުން އަންނަ ކަމަށެވެ.

"މީގެ އިތުރުން ވައިގެ މަގުން ބެލުމަށް އައްޑޫ ފްލައިން ސްކޫލްގެ އެހީތެރިކަން ވެސް އަންނަނީ ހޯދަމުން،" އެމްއެންޑީއެފުން ބުންޏެވެ.

ހިތަދޫ އާބިން، ސުމޭދު، 27، އާ އެކު ޑިންގީގައި އިތުރު ދެ މީހަކު ވެސް ދިޔަ އެވެ. އެއީ ފޭދޫ ފަހާގޭ ހުސައިން ސައީދާއި ފޭދޫ ބެންހާގޭ އިބްރާހީމް ނާއިފެވެ.

އެ ދެ މީހުން ވަނީ ސަލާމަތްވެފައިވާއިރު، ކަނޑުވުމުން ހުސައިނާއި ނާއިފް ވަނީ ފަތާފައި މަޑިހެރަ އަށް އަރައިފަ އެވެ. އަދި ފަހުން އެ މީހުން ވަނީ ފަތާފައި ވިލިގިލި ރިސޯޓަށް ގޮސްފަ އެވެ.

ހުސައިން ބުނި ގޮތުގައި އެ މީހުން ކަނޑުވީ މަހަށް ދިޔަ 17 ފޫޓްގެ ޑިންގީ ބޮޑު ރާޅަކާ އެކު ބަންޑުން ޖަހާލުމުންނެވެ.

މި ހާދިސާ ހިނގިތާ ފަސް ދުވަސްވީ އިރު ވެސް ސުމޭދުގެ ހިލަމެއް އަދި ނުވެ އެވެ. އަދި މި ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް އައްޑޫގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.