Roadha Mihaaru
ކޮންޒަވެޓިވް ޕާޓީ އަށް އަޣުލަބިއްޔަތު ގެއްލިއްޖެ

ކޮންޒަވެޓިވް ޕާޓީ އަށް އަޣުލަބިއްޔަތު ގެއްލިއްޖެ

09 ޖޫން 2017

ލަންޑަން (ޖޫން 9) - އިނގިރޭސި ވިލާތުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި ވެރިކަން ކުރާ ކޮންޒަވެޓިވް ޕާޓީ އަށް އަޣުލަބިއްޔަތު ނުލިބޭނެކަން މިހާތަނަށް ސާފުކުރި ނަތީޖާތަކުން ދައްކައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖޫން 9) - އިނގިރޭސި ވިލާތުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި ވެރިކަން ކުރާ ކޮންޒަވެޓިވް ޕާޓީ އަށް އަޣުލަބިއްޔަތު ނުލިބޭނެކަން މިހާތަނަށް ސާފުކުރި ނަތީޖާތަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމުގެ މަސައްކަތް ކުރިއަށް ގެންދާ ސްޕީޑާ މެދު ރައްޔިތުން ހިތްހަމަޖެހި ބޮޑު ވަޒީރު ތެރޭސާ މެއިގެ މަގްބޫލްކަން ބޮޑުވެފައިވާ ކަމަށް ހީކޮށް އެކަމަނާ އަވަސް އިންތިޚާބެއް އިއުލާން ކުރެއްވުމުން ބޭއްވި އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ޕާލަމެންޓުގެ ސާފު އަޣުލަބިއްޔަތު ނުލިބުމުން ދެން އޮންނާނީ ހަންގު ޕާލަމެންޓެކެވެ. ނުވަތަ ވެރިކަން އުފައްދަން ކޯލީޝަނެއް ހެދުމެވެ.

ކޮންޒަވެޓިވުންނަށް ގޮނޑި މަދުވި އިރު އިދިކޮޅު ލޭބާ ޕާޓީ އަށް ލިބުނު ގޮނޑިތައް ވަނީ އިތުރުވެފަ އެވެ. ލޭބާ ލީޑަރު ޖެރެމީ ކޯބީން ވަނީ މެއި އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. ނަމަވެސް މެއި މިއަދު ވިދާޅުވީ ހުރިހާ ކަމަކަށް ވުރެ އެންމެ އިސްކަން މި ވަގުތު ދޭން ޖެހެނީ ގައުމުގެ ހަމަޖެހުމަށް ކަމަށެވެ.

އިންތިޚާބުގައި އެންމެ ބޮޑު ޝޮކަކަށްވީ ލިބެރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ނިކް ކްލެގަށް ގޮނޑި ގެއްލުމެވެ. އޭނާ ވަނީ 2010 އިން 2015 އަށް އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުގެ ނައިބްކަން ވެސް ކުރައްވައިފަ އެވެ.

ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދަން 650 ވެސްޓްމިންސްޓާ ގޮނޑީގެ ތެރޭން 326 ގޮނޑި ހޯދަން ޖެހެ އެވެ. މިހާތަނަށް ލަފާކޮށްފައިވާ ގޮތުން ކޮންޒަވެޓިވުންނަަށް ލިބޭނީ 42 ޕަސެންޓެވެ. ލޭބާ ޕާޓީ އަށް 40 އަދި ލިބެރަލް ޑިމޮކްރެޓިކުންނަށް ހަތް ޕަސެންޓެވެ. ހައުސް އޮފް ކޮމަންސްގެ އަޣުލަބިއްޔަތު ހޯދަން ކޮންޒަވެޓިވުންނަށް 12 ގޮނޑި މަދުވެ އެވެ. މި އިންތިޚާބުގައި އެ ޕާޓީ އަށް 15 ގޮނޑި ގެއްލޭނެ ކަމަށް ބެލެވެ އެވެ. ލޭބާ ޕާޓީ އަށް ވަނީ 30 ގޮނޑި އިތުރަށް ލިބިފަ އެވެ.