Roadha Mihaaru
ބަޔާނުން ސަންޗޭޒަށް ރެކޯޑް ބިޑެއް ކުރަނީ

ބަޔާނުން ސަންޗޭޒަށް ރެކޯޑް ބިޑެއް ކުރަނީ

09 ޖޫން 2017

މިއުނިކް (ޖޫން 9) - ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން އާސެނަލްގެ ޗިލީގެ ތަރި އަލެކްސިސް ސަންޗޭޒަށް ރެކޯޑް ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (ޖޫން 9) - ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން އާސެނަލްގެ ޗިލީގެ ތަރި އަލެކްސިސް ސަންޗޭޒަށް ރެކޯޑް ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ސީޒަންގެ ނިޔަލަށް ސަންޗޭޒް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. އާސެނަލް ކޯޗުކަމުގައި އާސެން ވެންގާ އިތުރު ދެ އަހަރު މަޑުކުރަން ނިންމާފައިވާއިރު، އެ ޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ސަންޗޭޒާއި މެސުޓް އޮޒިލްގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ސަންޒޭޗް ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ސިޓީން ވެސް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އާސެނަލުން އޭރު ބުނީ ސަންޗޭޒް އެ ޓީމު ދޫކޮށްލާނަމަ ވެސް އިނގިރޭސި އެހެން ކްލަބަކަށް އޭނާ ނުވިއްކާނެ ކަމަަަށެވެ.

އަންނަ ސީޒަނަށް ބަޔާން ވަރުގަދަ ކުރުމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ އެންމެ ބޭނުންވާ ކުޅުންތެރިއަކީ ސަންޗޭޒެވެ. ސަންޗޭޒް ހޯދުމަށް އާސެނަލުން އަންނަނީ އޭނާއާ އެއް ގައުމަކަށް ކުޅެމުން އަންނަ ބަޔާންގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލްގެ އެހީތެރިކަން ވެސް ހޯދަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ސަންޗޭޒް ހޯދުމަށް ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ބަޔާނުން 65 މިލިއަން ޔޫރޯގެ ބިޑެއް ކުރާނެ އެވެ. މިއީ ބަޔާނުން މިހާތަނަށް އެއް ކުޅުންތެރިއަކަށް ހުށަހަޅާ އެންމެ ބޮޑު އަގެވެ. ބަޔާނުން މިހާތަނަށް އެންމެ ބޮޑު އަގަކަށް ގަތް ކުޅުންތެރިއަކީ 2012 ވަނަ އަހަރު ހަވީ މާޓިނޭޒް އެވެ. މާޓިނޭޒް ގަންނަން އެ ފަަހަރު ބަޔާނުން ވަނީ 40 މިލިއަން ޔޫރޯ ދައްކައިފަ އެވެ.

އާސެނަލުން މިދިޔަ ސީޒަނުގައި ވަނީ ސަންޗޭޒްގެ އެއްބަސްވުން އާ ކުރަން އޭނާއާ މަޝްވަރާކޮށްފަ އެވެ. އެހެން ނަމަވެސް އާސެނަލްގެ ހުށަހެޅުންތަކަށް ސަންޗޭޒް ވަނީ ފުރަގަސްދީފަ އެވެ.