Roadha Mihaaru
މުސްލިމުން މަނާ ކުރުމުގެ އަމުރަށް އަމަލުކުރަން ފަށައިފި

މުސްލިމުން މަނާ ކުރުމުގެ އަމުރަށް އަމަލުކުރަން ފަށައިފި

30 ޖޫން 2017

ވޮޝިންޓަން (ޖޫން 30) - މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން ދިއުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ދެ ވަނަ އަމުރަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖޫން 30) - މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން ދިއުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ދެ ވަނަ އަމުރަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

ޓްރަމްޕުގެ ސިޔާސަތުގައި ހިމެނޭ މުހިންމު ބައެއް ކަމަށްވާ މުސްލިމް ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމުގެ އަމުރު ތަންފީޒު ކުރަން ފެށުމާ އެކު މުސްލިމް ހަ ގައުމުގެ މީހުންގެ ތެރޭން އެމެރިކާ ވިސާ ދެން ލިބޭނީ އެމެރިކާގައި ދިރިއުޅޭ މީހުންނާ އާއިލާ ގޮތުން ގާތް ނުވަތަ އެމެރިކާގައި ވިޔަފާރީގެ ގުޅުންތައް އޮތް މީހުންނަށް އެކަންޏެެވެ.

ޓްރަމްޕުގެ އަމުރަށް އަމަލު ކުރަން ފަށާފައި މި ވަނީ އެ އަމަރުގެ ބައެއް ބައިތައް ކުރިއަށް ގެންދެވޭނެ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން މި ހަފުތާގައި ނިންމި ވަގުތީ އަމުރާ ގުޅިގެންނެވެ. މި މައްސަލައިގެ ފަހުގެ ހުކުމް އިއްވާނީ އޮކްޓޯބަރު މަހު އެވެ. ނަމަވެސް އެހާތަަނަށް އަމުރުގެ މުއްދަތު ހަމަވާނެ އެވެ.

ރައީސް ޓްރަމްޕްގެ އަމުރު ތަންފީޒްކުރަން ސުޕްރީމް ކޯޓުން އޮތީ ވަކި ހައްދުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން އެމެރިކާގައި ދިރިއުޅޭ މީހަކާއި ނުވަތަ އެއްވެސް ކަހަލަ އިދާރާއަކާ ގުޅުމެއް އޮތް ބައެއް ނަމަ އެމެރިކާ އަށް އެތެރެވުން ނުހުއްޓުވޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، އެމެރިކާގައި ދިރިއުޅޭ މީހެއްގެ ތިމާގެ މީހުން އޭނާ ކައިރި އަށް ޒިޔާރަތްކުރުމާއި އެމެރިކާގެ ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންނާއި އެމެރިކާގެ ކުންފުނިތަކުގެ މުވައްޒަފުން އަދި އެމެރިކާގެ ބަޔަކަށް ލެކްޗާ ދޭން ދައުވަތު ލިބިގެން ޒިޔާރަތްކުރާ ލެކްޗަރާ އިންނެވެ. އެފަދަ މީހުން، އެ ނިންމުމުގެ ދަށުން، ރައީސްގެ އަމުރުން އިސްތިސްނާވާނެ އެވެ.

ޓްރަމްޕުގެ އަމުރާ ދެކޮޅަށް ނިއު ޔޯކުގައި އަޑު އުފުލަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ޓްރަމްޕުގެ އަމުރާ ދެކޮޅަށް ނިއު ޔޯކުގައި އަޑު އުފުލަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ތިމާގެ މީހުންގެ ގޮތުގައި ބަލާފައި ވަނީ ފިރިން/އަނބިން، މައިންބަފައިން، ދަރިން، އެއްބަނޑު އެއްބަފާ މީހުންނެވެ. އެމެރިކާ ސަރުކާރުން ފަހުން ވަނީ ލޯބިވެރިން ވެސް ތިމާގެ މީހުންގެ މާނައިގެ ތެރޭގައި ހިމަނައިފަ އެވެ. ނަމަވެސް މާމައިންނާއި ކާފައިން، ބޮޑުދައިތަ، ބޮޑުބޭބެ އަދި އެއްބަނޑު އެއްބަފާ މީހުންގެ ދަރިން ތިމާގެ މީހުންގެ ގޮތުގައި ނުހިމެނެ އެވެ.

މި އަމުރު ހިނގާނީ އީރާން، ލީބިއާ، ސީރިއާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުގެ މީހުންނަށެވެ. އަމުރުގައި ވަނީ މި ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން 90 ދުވަހަށް މަނާކޮށްފަ އެވެ. ޖެނުއަރީ މަހު ޓްރަމްޕް ނެރުއްވި ފުރަތަމަ އަމުރުގައި އިރާގު ހިމެނި ނަމަވެސް ފަހުގެ އަމުރުން އެ ގައުމު ވަނީ އުނިކޮށްފަ އެވެ. ޓްރަމްޕުގެ އަމުރުގައި ވަނީ އެމެރިކާގެ ރެފިއުޖީ ޕްރޮގްރާމް ވެސް 120 ދުވަހަށް ހުއްޓާލަން ނިންމައިފަ އެވެ. މި ބަޔަށް ސްޕްރީމް ކޯޓުން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެހެންވެ މިއަދުން ފެށިގެން އެމެރިކާ އަށް ރެފިއުޖީން އެތެރެވުން ވެސް މަނާވާނެ އެވެ.

އެމެރިކާގެ ދަށު ދެ ކޯޓަކުން ވަނީ ޓްރަމްޕް ޖެނުއަރީ މަހު ނެރުއްވި އަމުރާއި އޭގެ ފަހުން ބައެއް އިސްލާހުތަކާ އެކު މާޗު މަހު ނެރުއްވި އަމުރު ވެސް ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ބުނީ އަމުރު ތަންފީޒު ކުރުމަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ.