Roadha Mihaaru
އެލްޖީއޭގެ ބޯޑަށް ތިން ބޭފުޅަކު އައްޔަން ކުރަން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް ތިން ބޭފުޅަކު އައްޔަން ކުރަން މަޖިލިހުން ރުހުން ދީފި

13 ޖޫން 2017

ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވި ތިން ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވި ތިން ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

އެލްޖީއޭގެ ބޯޑަށް އައްޔަން ކުރަން ރުހުން ދިނީ ޖެންޑާ އިކުއަލިޓީގެ ދާއިރާ އިން ފ. ނިލަންދޫ، ހަތިކޮޅު، މިންނާ ރަޝީދާއި މަދަނީ ޖަމިއްޔާގެ މެމްބަރެއްގެ ހައިސިއްޔަތުން ސ. ހިތަދޫ ފަރުދާބަގީޗާގޭ އަހުމަދު ހަސަން (ޗާނދަލިޔާ އަހުމަދު) އަދި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ގއ. ކަނޑުހުޅުދޫ ހެޕީ ކޯނާ، އާމިރު އަލީ އެވެ. މިންނާ އަށާއި އާމިރު އަލީ އަށް 49 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވިއިރު، ޗާނދަލިޔާ އަހުމަދު އެ މަގާމަށް އައްޔަން ކުރަން 48 މެމްބަރުން ވޯޓު ދެއްވި އެވެ.

މީގެ ތެރެއިން ޗާނދަލިޔާ އަހުމަދާއި އާމިރަކީ ކުރިން އެލްޖީއޭ ބޯޑުގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. ޗާނދަލިޔާ އަހުމަދަކީ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅަކަށްވާ އިރު، މިންނާ އަކީ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލާ ދެބެންގެ ދެދަރި ބޭފުޅެކެވެ.

ގައުމީ ސަލާމަތުގެ ކޮމެޓީން ތިން ބޭފުޅުންގެ ނަން ދިރާސާ ކުރެއްވި އިރު، އެންމެ މަތިން މާކްސް ހޯއްދެވީ އާމިރެވެ. އޭނާ އަށް 94 މާކްސް ލިބިވަޑައިގެންނެވި އިރު، މިންނާ އާއި ހަސަނަށް ލިބިވަޑައިގެންނެވީ 92 މާކްސް ކަމަށް އެ ކޮމެޓީގެ ރިޕޯޓުގައިވެ އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފައި ވަނީ އެލްޖީއޭގެ ބޯޑު އެކުލަވައިލުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށެވެ.

މިހާރު އޮތް ގޮތުން އެލްޖީއޭ ބޯޑުގައި އެއްވެސް ކައުންސިލަަރަކު ނުހިމެނޭނެ އެވެ. ކުރިން އެލްޖީއޭގައި، ހަ ކައުންސިލަރުންނާ އެކު، ނުވަ މެމްބަރުން ތިބެ އެވެ. ނަމަވެސް އަލަށް ފާސް ކުރި ގާނޫނުގައި އޮންނަ ގޮތުން އެލްޖީއޭގެ ބޯޑުގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ.

އެއީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާގެ އަންހެން ތަޖުރިބާކާރަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ މީހެއްގެ އިތުރުން ޗީފް އެގްޒެކްޓިވް އޮފިސަރެވެ. އެކަމަކު މަޖިލިހަށް ރައީސް ޔާމީން ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ޗީފް އެގްޒެކްޓިވް އޮފިސަރަކަށް އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަމެއް ނެތެވެ.

އެ ގާނޫނު ތަސްދީގުކޮށް، އަމަލުކުރަން ފެށުމާ އެކު އެލްޖީއޭގެ މިހާރުގެ ބޯޑު އުވިގެންދާނެ އެވެ. އަދި އެލްޖީއޭގެ ބޯޑުގެ މެމްބަރުންނަށް ލިބޭ އިނާޔަތްތައް ކަނޑައަޅުއްވާނީ ވެސް، ގާނޫނުގައި ބުނާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އެވެ. މެންބަރުންގެ މުއްދަތަކީ ފަސް އަހަރެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި ގާނޫނަށް ގެނައި މި ބަދަލަކީ ރައްޔިތުން އިތުރަށް އަޅުވެތި ކުރަން ކުރި ކަމެކެވެ.