Roadha Mihaaru
އެލްޖީއޭގެ ބާރު ރައީސަށް ލިބޭ ގޮތަށް ބަދަލު ގެންނަނީ

ރައީސަށް ބާރު ލިބޭ ގޮތަށް އެލްޖީއޭގެ ބޯޑަށް ބަދަލު ގެންނަން ހުށަހަޅައިފި

11 އެޕްރީލް 2017

މުޅިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މީހުން ތިބޭ ގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ބަދަލުކުރަަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މުޅިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މީހުން ތިބޭ ގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ބަދަލުކުރަަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އުނގޫފުރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އިސްލާހު ފާސްވެއްޖެ ނަމަ އެލްޖީއޭގައި އެއްވެސް ކައުންސިލަރަަކު ވެސް ނުތިބޭނެ އެވެ. ބޯޑުގައި މުޅިން ވެސް ހިމެނޭނީ ރައީސް އައްޔަންކުރައްވާ ބައެކެވެ.

މިހާރު ބޯޑުގައި ނުވަ މެމްބަރުން ތިބިޔަސް އިސްލާހުގައި އޮތީ ފަސް މެމްބަރުންނަށް މަދުކުރާ ގޮތަށެވެ.

ޖައުފަރު ވިދާޅުވީ އޭގެ ބޭނުމަކީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އެލްޖީއޭގެ ބޯޑުގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިންގަން މަގުފަހިކޮށް ބޯޑުގެ ހިންގުން ހަރުދަނާ ކުރުމެވެ.

އެލްޖީއޭގައި މިހާރު ތިއްބަވަނީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި މާލެ ސިޓީ ކައުންސިލް މެމްބަރަކާއި އަތޮޅު ކައުންސިލްގެ ހަތަރު މެމްބަރަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި ސިޓީ ކައުންސިލް މެމްބަރެކެވެ.

ނަމަވެސް އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އެ ބޯޑުގައި ތިއްބަވާނީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ އަންހެން ބޭފުޅަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ ބޭފުޅަކާއި ޗީފް އެގްޒެކްޓިވް އޮފިސަރެވެ. މި ހުރިހާ ބޭފުޅުން ވެސް އައްޔަން ކުރުމުގެ ބާރު ދީފައި އޮތީ ރައީސަށެވެ. ނަމަވެސް ރައީސް އައްޔަން ކުރައްވާ މެމްބަރުންނަށް ރުހުން އޮތްތޯ މަޖިލިހަށް ހުށަހަޅަން ޖެހެ އެވެ.

ފަސް މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑައަޅުއްވާނީ ރައީސެވެ. މެންބަރުންގެ މުއްދަތަކީ ފަސް އަހަރެވެ.

ލާމަރުކަޒީ ގާނޫނުގައި މިހާރު އޮތް ގޮތުން އެލްޖީއޭގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އޮތޯރިޓީގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެކަމަކު އަލަށް ގެންނަ އިސްލާހުގައި ބުނަނީ އެލްޖީއޭގެ ރައީސް ވެސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެލްޖީއޭގެ ނައިބު ރައީސް އިންތިޚާބުކުރާނީ ކޮމިޓީގައި ހިމެނޭ، ޗީފް އެގްޒެކްޓިވް ފިޔަވައި، އެހެން މެމްބަރުން ވޯޓު ލައިގެންނެވެ.