Roadha Mihaaru
އެލްޖީއޭގެ ބާރު ރައީސަށް ދޭ އިސްލާހު ބަލައިގެންފި

އެލްޖީއޭ ބޯޑުގެ ބާރު ރައީސަށް ދޭ އިސްލާހު ބަލައިގަނެ، ކޮމެޓީ އަށް ފޮނުވައިފި

11 އެޕްރީލް 2017

ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުން ހަމައެކަނި ތިއްބަވާ ގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ބަދަލުކުރަަން ސަރުކާރުގެ ފަރާތުން ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެ، ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުން ހަމައެކަނި ތިއްބަވާ ގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ބަދަލުކުރަަން ސަރުކާރުގެ ފަރާތުން ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެ، ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އިސްލާހު މަޖިލިހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

ސަރުކާރުން ހުށަހެޅީ އެލްޖީއޭގެ ބޯޑު މިހާރު އޮތް ގޮތް ބަދަލުކޮށް، ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަަސް މެމްބަރަކު ތިބޭ ގޮތަށެވެ. މިހާރު އެލްޖީއޭގެ ބޯޑު ތިއްބަވަނީ ސިޓީ ކައުންސިލްތަކުން ދެ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން ހަތަރު މެމްބަރުން ތިބޭ ގޮތަށް، ނުވަ މެމްބަރުންނެވެ.

އިސްލާހުގައިވާ ގޮތުން އެލްޖީއޭގެ ބޯޑުގައި ތިއްބަވާނީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ އަންހެން ބޭފުޅަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ ބޭފުޅަކާއި ޗީފް އެގްޒެކްޓިވް އޮފިސަރެވެ. މި ހުރިހާ ބޭފުޅުން ވެސް އައްޔަން ކުރުމުގެ ބާރު ދީފައި އޮތީ ރައީސަށެވެ. ނަމަވެސް ރައީސް އައްޔަން ކުރައްވާ މެމްބަރުންނަށް ރުހުން އޮތްތޯ މަޖިލިހަށް ހުށަހަޅަން ޖެހެ އެވެ.

ފަސް މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑައަޅުއްވާނީ ރައީސެވެ. މެންބަރުންގެ މުއްދަތަކީ ފަސް އަހަރެވެ. ލާމަރުކަޒީ ގާނޫނުގައި މިހާރު އޮތް ގޮތުން އެލްޖީއޭގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެލްޖީއޭގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެކަމަކު އަލަށް ގެންނަ އިސްލާހުގައި ބުނަނީ އެލްޖީއޭގެ ރައީސް ވެސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެލްޖީއޭގެ ނައިބު ރައީސް އިންތިޚާބު ކުރާނީ ކޮމިޓީގައި ހިމެނޭ، ޗީފް އެގްޒެކްޓިވް ފިޔަވައި، އެހެން މެމްބަރުން ވޯޓު ލައިގެންނެވެ.

މަޖިލިހުގެ ޖަލްސާގައި ވަނީ އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު އެކަކާއި ދޭއްގައިވާ ގަވައިދުތަކަށް އަމަލު ކުރުމުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރު ކުރުމަށް ގަވާއިދު ކޮމެޓީން ނިންމި ނިންމުން މަޖިލިހުގެ 54 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ.

މީގެ އިތުރުން "ބޭން އެމެންޑްމަންޓް ޓު ދަ ބާޒަލް ކޮންވެންޝަން" އަށް ރާއްޖެއިން އަމަލުކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.