Roadha Mihaaru
ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކޮށްފި

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގަން ނިމްސް ހޮސްޕިޓަލާ ހަވާލުކޮށްފި

19 ޖޫން 2017

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގާ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގާ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

ދިވެހިން އާއްމުކޮށް ފަރުވާ ހޯދަމުން އަންނަ ނިމްސް ހޮސްޕިޓަލް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެ ކުންފުނިން އަންނަ މަހުގެ 10 ގައި ހޮސްޕިޓަލް ހިންގުމާ ރަސްމީކޮށް ހަވާލުވާނެ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ނޫރުލް އިސްލާމް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާން އެވެ.

އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަން:

- އެކި ދާއިރާތަކުން ސުޕެޝަލިސްޓު ޑޮކްޓަރުންނާއި ސުޕަސުޕެޝަލިސްޓު ޑޮކްޓަރުންގެ ހިދުމަތް ދިނުން.

- ޑައިގްނޯސްޓިކް ހިދުމަތްތައް/ ލެބޯޓްރީ ހިދުމަތާއި ސީޓީ ސްކޭން އަދި އެމްއާރުއައި ސްކޭންގެ ހިދުމަތް ދިނުން.

- އެއްބަސްވުމުގައި ސޮއިކުރާތާ އެއް އަހަރާއި ހަތަރު މަސް ތެރޭގައި 50 އެނދުން 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން.

- މަލްޓި ސުޕަޝަލިޓީގެ އިތުރުން ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާ އަށް ހާއްސަކުރުން. އޭގެތެރޭގައި ތެލެސީމިއާގެ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނުން.

ޒަމާނީ ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ހުރިހާ ޚަރަދެއް ވެސް ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ނޫރުލް އިސްލާމް ކުންފުނިންނެވެ.

ކުޅުދުއްފުށި ހޮސްޕިޓަލް: އަހަރެއްހާ ދުވަހުގެ ތެރޭގައި މިތަން 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރާ ގޮތަށް ވަނީ ނިންމާފައި. --ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

ކުޅުދުއްފުށި ހޮސްޕިޓަލް: އަހަރެއްހާ ދުވަހުގެ ތެރޭގައި މިތަން 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރާ ގޮތަށް ވަނީ ނިންމާފައި. --ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުން، ނިމްސް ހޮސްޕިޓަލާ ހަވާލުކުރީ، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ރައީސް އަބްދުﷲ ޔާމީން ގެންނަވާ ބަދަލުތަކުގެ ތެރޭގައި ހިމަނައިގެންނެވެ. ދިގު މުއްދަތަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުން އެ ކުންފުޏްޏަކާ ހަވާލުކުރީ، އެތަނުން ހުށަހެޅި ޕްރޮޕޯސަލް އަށް ސޯޝަލް ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރާނީ އެއްބަސްވުމުގައިވާ ގޮތަށް އެކި ފިޔަވަހިތަކަކަށް ބަހާލައި ތަފާތު ޚިދުމަތްތައް ތައާރަފްކުރެވިގެންދާ އުސޫލެއްގެ މަތިން. އަހަރެއްހާ ދުވަހުގެ ތެރޭގައި މި ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބަދަލުތަކާ އެކު އާސަންދަ މެދުވެރިކޮށް ދިވެހިން ނިމްސް ހޮސްޕިޓަލުން މިހާރު ވެސް ހޯދަމުން އަންނަ ޚިދުމަތްތައް އެ ފެންވަރުގައި ނުވަތަ އެއަށް ވުރެ ވެސް ފެންވަރު ރަނގަޅުކޮށް ކުޅުދުއްފުށިން ލިބޭނެ ކަމަށެވެ. އެ ހޮސްޕިޓަލް ހިންގުން ނިމްސްއާ ހަވާލުކުރިއަސް، ޚިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

"އާސަންދަ މެދުވެރިކޮށް މިހާރު ވެސް ޚިދުމަތް ހޯދަމުން އަންނަ އުސޫލުން ޚިދުމަތް ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުންޏާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުންޏާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެއްބަސްވުމުގެ ތަފްސީލުތައް ކުޅުދުއްފުށީގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އިއުލާންކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ނޫރުލް އިސްލާމް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް، ފެންވަރު ރަނގަޅު ޚިދުމަތްތައް ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބިގެންދާނެ ކަމަށެވެ. އޭގެތެރޭގައި، ކަށީގެ ބަލިތަކަށް ހާއްސަ ފަރުވާ އާއި އެމްއާރުއައި ހެދުމާއި ޖެނެޓިކް ބަލިތަކަށް ހާއްސަ ފަރުވާ އާއި އެ ނޫން ވެސް އެކި ދާއިރާތަކުން މަލްޓިސުޕަޝަލިސްޓުން ފަރުވާދެއްވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންނަ ބަދަލުތަކާ އެކު އެ ތަނަކީ ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސްފަރުވާ ލިބޭނެ ތަނަކަށް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވެވި އެވެ.