Roadha Mihaaru
އިރާގު ސިފައިން ދިޖްލަތު ކޯރު ހުރަސްކޮށްފި

އިރާގު ސިފައިން ދިޖްލަތު ކޯރު ހުރަސްކޮށް މޫސަލްގެ އެތެރެ އަށް

09 ޖެނުއަރީ 2017

އިރާގުގެ އުތުރުގައިވާ އެންމެ ބޮޑު ސަހަރު ކަމަށްވާ މޫސަލްގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ބަލިކޮށްލުމަށް ކުރަމުންދާ ހަނގުރާމައިގައި އިރާގު ސިފައިން ފުރަތަމަ ފަހަރަށް ދިޖްލަތު ކޯރު ހުރަސްކޮށް މޫސަލްގެ އަނެއް ފަޅި އަށް ހިނގައްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އިރާގުގެ އުތުރުގައިވާ އެންމެ ބޮޑު ސަހަރު ކަމަށްވާ މޫސަލްގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ބަލިކޮށްލުމަށް ކުރަމުންދާ ހަނގުރާމައިގައި އިރާގު ސިފައިން ފުރަތަމަ ފަހަރަށް ދިޖްލަތު ކޯރު ހުރަސްކޮށް މޫސަލްގެ އަނެއް ފަޅި އަށް ހިނގައްޖެ އެވެ.

އިރާގު ސަރުކާރުން ބުނާ ގޮތުގައި އިރާގު ސަރުކާރުގެ ސިފައިން ދިޖްލަތު ކޯރު ހުރަސްކޮށް އިރުމަތީ އައްސޭރި އަށް ފޯރީ، އައިއެސްގެ ހަނގުރާމަވެރިން ހަލާކު ކޮށްލާފައިވާ ބްރިޖެއްގެ މަތިންނެވެ. މުސަލް ހިފުމަށް އަމާޒުކޮށްގެން އިރާގު ސިފައިން ހަމަލާތައް ދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

އިރާގު ސިފައިން މިހާރު ދަނީ މޫސަލްގެ އަވަށަކަށް ފަހު އަވަށަކަށް އަރައި އައިއެސްގެ ހަނގުރާމަވެރިން ބަލުކުރަމުން ކަމަށް އިރާގު ސަރުކާރުން ބުނެ އެވެ. މޫސަލްގެ ތެރެއަށް އިރާގު ސިފައިން ވަންނަމުން ދަނީ މައިގަނޑު ދެ ދިމާލަކުންނެވެ. އޭގެ ތެރެއިން އެއް ދިމާލަކުން އައިއެސްގެ ހަނގުރާމަވެރިން ވަނީ ވަރަށް ވަރުގަދަ ރައްދު ހަމަލާތަކެއް ވެސް ދީފަ އެވެ.

އިރާގުގެ މޫސަލް ސަރަހައްދު ދައްކައިދޭ ޗާޓެއް. ގޮޓޯ ގޫގުލް

އިރާގުގެ މޫސަލް ސަރަހައްދު ދައްކައިދޭ ޗާޓެއް. ގޮޓޯ ގޫގުލް

އިރާގު ސިފައިން އެއްގަމު މަގުން ހަމަލާތައް ދެމުންދާ އިރު، އެމެރިކާއާ ގުޅިފައިވާ ލަޝްކަރުން ދަނީ ވައިގެ މަގުން ވެސް އައިއެސްގެ އަމާޒުތަކަށް ހަމަލާ ދެމުންނެވެ. އައިއެސްގެ ހަނގުރާމަވެރިން މިހާރު އެންމެ ގިނައިން ތިބީ ފަރުބަދަތަކުގެ ތެރޭގައި ކަމަށްވާތީ، އެ ތަންތަން ފާހަގަކޮށް، ގުޅިފައިވާ ލަޝްކަރުން ދަނީ ހަމަލާ ދެމުންނެވެ.

އިރާގު ސިފައިންނަށް ދިޖްލަތު ކޯރު ހުރަސްކޮށް އަނެއް ފަރާތަށް މި ދެވުނީ، މޫސަލްގެ މައި އަވަށެއް ކަމަށްވާ މުސާނާ ހިފުމަށް ދެ ދުވަސް ވަންދެން ކުރި ހަނގުރާމަ ކާމިޔާބު ކުރެވުމުންނެވެ. އަދި މިހާތަނަށް ކުރެވުނު ހަނގުރާމައިގެ ސަބަބުން އިރުމަތީ މޫސަލްގެ ތިން ބައިކުޅަ ދެ ބައި ހިފިފައިވާ ކަމަށް އިރާގު ސިފައިން ބުނެ އެވެ.

އައިއެސްގެ ހަނގުރާމަވެރިން މޫސަލް ހިފީ މީގެ ދެ އަހަރު ކުރިންނެވެ. އޭގެ ފަހުން އިރާގުގެ އުތުރާއި ހުޅަނގުގެ ބޮޑު ބައެއް އޮތީ އެ ޖަމާއަތުގެ ބާރުގެ ދަށުގަ އެވެ.

މޫސަލް ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި އިރާގު ސިފައިންނާ އެކު ބައިވެރިވަނީ، ކުރުދީންގެ ޕެޝްމެރްގާ ހަނގުރާމަވެރިންނާއި ސުންނީ އަރަބި ގަބީލާތަކުގެ މީހުންނާއި ޝީއީ ހަނގުރާމަވެރި ޖަމާއަތްތަކެވެ. މި ކަމުގައި އެމެރިކާއާ ގުޅިފައިވާ ލަޝްކަރުން ވައިގެ މަގުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.