Roadha Mihaaru
"އިއުލާން ނުކޮށް ރަށް ދީގެން އަގު ނުކުރެވޭ ގެއްލުން"

އިއުލާން ނުކޮށް ރަށްތައް ދިނުމުން އަގު ނުކުރެވޭ ގެއްލުން ލިބޭނެ: އަދާލަތު

22 ޖޫން 2016

ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، ކުރިން އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރާ ގޮތަށް ސަރުކާރުން ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، ކުރިން އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރާ ގޮތަށް ސަރުކާރުން ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި މި އިސްލާހު އިއްޔެ ވަނީ މަޖިލީހަށް ބަލައިގަނެފަ އެވެ.

އަދާލަތުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ކުރިއަރާފައިވާ ޓޫރިޒަމް ސިނާއަތާ މެދު ވިޔަފާރިވެރިންގެ އިތުބާރު ގެއްލި، ވިޔަފާރީގެ ވާދަވެރިކަން ގެއްލި އަދި ވަކި ބައެއްގެ މުށުތެރެ އަށް މި ސިނާއަތުގެ ކޮންޓްރޯލް ވެއްޓޭނެ އެވެ. އޭގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ބޮޑު ނިކަމެތިކަމެއް ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

މީގެ އިތުރުން، ބަލައިލި ކޮންމެ ދިމާއަކުން ވެސް ކޮރަޕްޝަން ފެންނަން އޮތް ދަނޑިވަޅެއްގައި މިފަދަ ބިލަކީ ކޮރަޕްޝަނަށް ހުޅުވިގެންދާނެ ބިޔަ ދޮރެއްގެ ގޮތުގައި އަދާލަތުން ސިފަކުރި އެވެ. އެ ޕާޓީން މި ބިލް ސިފަ ކުރީ "ހީލަތްތެރި" ބިލެއްގެ ގޮތުގަ އެވެ. އަދި މި ބިލްގެ ބޭނުމަކީ، އެ ޕާޓީން ތުހުމަތުކުރި ގޮތުގައި، ސަރުކާރުން ބޭނުންވާ ބަޔަކަށް ރާއްޖޭގެ ބިންތަކާއި ފަޅުތަކާއި ރަށްތައް ދިނުމެވެ.

"ސަރުކާރުން ހަމަ މިކަން އެހެން މަގަކުން ކުރަން އުޅުމަކީ އަދާލަތު ޕާޓީން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމެކެވެ،" އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަ އަށް އިޝާރާތްކޮށް އަދާލަތުގެ ބަޔާނުގައިވެ އެވެ.

އަދާލަތުން ވަނީ މި ބިލް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އެއާ އެކު، ރަށްތަކާއި ފަޅުތަކާއި ބިންތައް ދިނުމުގައި ހުޅުވާލެވިފައިވާ ވާދަވެރި ބީލަމަކަށް ގޮސް، ދެ ފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ވެސް އެ ޕާޓީން ގޮވާލި އެވެ.

"އަދި ކޮރަޕްޝަނަށް ދޮރު ހުޅުވޭ ގޮތަށް ގާނޫނުތައް ފަރުމާ ނުކުރުމަށާއި އަމަލުތައް ނުބެހެއްޓުމަށް ރައީސް [އަބްދުﷲ] ޔާމީނުގެ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

އަދާލަތުން މިހެން ބުނިއިރު، އިއްޔެގެ ޖަލްސާގައި މި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވެސް ވިދާޅުވެފައި ވަނީ ބިޑު ކުރުމަކާ ނުލާ ތަންތަން ކުއްޔަށް ދޫކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރަށްރަށާއި ބިން އަދި ފަޅުތައް ދޫކުރަން ވެގެން ކަމަށެވެ. އެހެންވެ، ގިނަ މެމްބަރުން ވަނީ ކޮމެޓީ މަރުހަލާގައި މި އިސްލާހު އިތުރަށް ދިރާސާ ކުރުމަށް ގޮވާލައްވާފަ އެވެ. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށް ވެސް ބައެއް މެމްބަރުން ގޮވާލެއްވި އެވެ.