އައްޑޫގައި މި ދުވަސްކޮޅު ވަރަށް ބޮޑަށް އެކްސިޑެންޓްތައް އިތުރުވެ، ލިބޭ ބޮޑެތި ގެއްލުންތަކަށް ފަރުވާ ދޭން މާލެ ފޮނުވާލަން ޖެހޭތީ، ހޮސްޕިޓަލަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން މިއަދު ބުނެފި އެވެ.
24 ޖޫން 2017
އައްޑޫގައި މި ދުވަސްކޮޅު ވަރަށް ބޮޑަށް އެކްސިޑެންޓްތައް އިތުރުވެ، ލިބޭ ބޮޑެތި ގެއްލުންތަކަށް ފަރުވާ ދޭން މާލެ ފޮނުވާލަން ޖެހޭތީ، ހޮސްޕިޓަލަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ ސީނިއާ ޕަބްލިކް ހެލްތު އޮފިސަރު މުހައްމަދު ނަޖީބް "މިހާރު" ވިދާޅުވީ ނުރައްކާތެރި ބޮޑެތި އެކްސިޑެންތައްވެ، ފަރުވާ އަށް މާލެ ގެންދަން ޖެހުމުން މެޑިކަލް އޮފިސަރުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމަށެވެ.
އެގޮތުން ބަލި މީހުންނާ އެކު ޑޮކްޓަރުން މާލެ ފޮނުވާލަން ޖެހޭތީ، ހޮސްޕިޓަލްގެ އޯޕީޑީ އަށް ދަތިވާ ކަމަށް ވިދާޅުވި އެވެ.
"މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން ވެސް އެއް ފަހަރާ ދެ މީހުން އިމަޖެންސީގައި މާލެ ފޮނުވާލަން ޖެހުނީ ވެސް ދެ ޑޮކްޓަރުންނާ އެކު. އޭގެ ސަބަބުން ހަގީގަތުގައި ހޮސްޕިޓަލްގެ އޯޕީޑީ އަށް ވަރަށް ބޮޑަށް ބޫރު އެބަ އަރާ. ޑޮކްޓަރުން ވަރަށް މަދުކޮޅެއް އުޅޭ އިރު މިކަހަލަ ކޭސްތައް ގިނަވުމަކީ ވަރަށް ގޮންޖެހުމެއް،" ނަޖީބް ވިދާޅުވި އެވެ. "ޑޮކްޓަރުންގެ ދަތިކަން ހުއްޓަސް ނަރުހުންގެ ދަތި ކަމެއް ނެތް."
ބުރާސްފަތި ދުވަހު ހިތޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމް ޒުވާނެއް. ފޮޓޯ: ކިޔުންތެރިއެއް
މީގެ އިތުރުން ހޮސްޕިޓަލް އެމްއާރް ސްކޭން ހެދެން ނެތުމަކީ ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދައްޗެކެވެ.
"އެކްސިޑެންޓްތަކުގެ ނުވަދިހަ ފަސް ޕަސަންޓަކީ ހެޑް އިންޖަރީޒްތައް. އެކަމަކު މިކޮޅުން ސްކޭނާއި ބައެއް މުހިއްމު އެހެން ޓެސްޓްތައް ވެސް ހެދޭނެ ވަސީލަތްތަކެއް ނެތުމުން މާލެ ފޮނުވާލަން މި ޖެހެނީ. އަދި އާސަންދައިގެ ދަށުން ފޮނުވާ އިރު، ބައެއް ކޭސްތަކުގައި އެބަ ޖެހޭ ފްލައިޓް ޗާޓަރުކޮށްގެން ފޮނުވާލަން،" ނަޖީބް ވިދާޅުވި އެވެ. "މިއީ ހަގީގަތުގައި ކުރަން ޖެހޭ ވަރަށް ބޮޑު ހަރަދެއް."
މި ރޯދަ މަހުގެ ފަހު ހަފުތާ އަށް އެޅުނު އިރު، އައްޑޫގައި ވަނީ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަރަދޫފޭދޫގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ވަނީ ޒުވާނަކު މަރު ވެސް ވެފަ އެވެ.
ނަޖީބް ވިދާޅުވީ އައްޑޫގެ އެކްސިޑެންޓްތުގެ ރެކޯޑްތަކަށް ބަލާ އިރު، ބޮލަށް ލިބޭ ސީރިއަސް ގެއްލުންތައް ބޮޑު ކަމަށެވެ. އެހެންވެ ސައިކަލް ފަދަ ވެހިކަލްތައް ދުއްވާ އިރު ހެލްމެޓް އަޅަން ސަމާލުކަން ދިނުމަށް ހޮސްޕިޓަލުން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފަ އެވެ.
އައްޑޫގައި ލިންކް ރޯޑްގައި ދުއްވާ އުރު ހެލްމެޓް އެޅުމަކީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ލާޒިމް ވެސްކޮށްފައިވާ ކަމެކެވެ. އެހެން ނަމަވެސް މި ފަހުންގެ ގުޅިފައިވާ އަވަށްތަކުގެ މަގުތަކުގައި ތާރު އަޅައިގެން ހެދި ފަހުން، އެ މަގުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ އިތުރުވެގެން ގޮސްފަ އެވެ.
ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގާފައި.
"ދުއްވާ މީހުން އެބަ ޖެހޭ ރައްކާތެރި ކަމަށް ވަަރަށް ސަމާލުކަން ދީގެން ދުއްވަން. ހާއްސަކޮށް އައްޑޫގެ މަގުތަކުގައި ދުއްވާ އިރު ހެލްމެޓް އެޅުމަކީ މިހާރު ވަރަށް މުހިއްމު ކަމެއް،" ނަޖީބް ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް ހެލްމެޓް އަޅައިގެން ދުއްވުމަކީ."
އައްޑޫގައި އެކްސިޑެންޓްތައް މަދު ކުރުމަށް ފުލުހުން އަންނަނީ ރޯދަ މަސް ފެށުމުގެ ކުރިން ވެސް އެކި ވަގުތުތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ. ހާއްސަކޮށް ވެހިކަލްތަކުގެ ކާރޫބާރޫ ބޮޑެތި މަގުތަކުގަ އެވެ.
އައްޑޫ އެކްސިޑެންޓްވި ކާރު ދުއްވި މީހާ ހައްޔަރުކޮށްފި
ހިތަދޫ އެކްސިޑެންޓްގައި ޒަޚަމްވި މީހާ މާލެ ފޮނުވާލައިފި
ހިތަދޫގައި އެކްސިޑެންޓްވި މީހެއްގެ ލޮލަށް ގެއްލުންތަކެއް
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
ވެލި ފުންޏަކަށް އަރައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި
އައްޑޫގައި ހެލްމެޓް ގަވައިދު ތަންފީޒުކުރަން ފަށަނީ
އެކްސިޑެންޓެއްގައި ދުވަސްވީ މީހަކަށް އަނިޔާވެއްޖެ
އައްޑޫގައި އެކްސިޑެންޓުވި މީހާގެ ހާލަތަށް ބަދަލެއް ނާދޭ
ސައިކަލަކުން ވެއްޓި އަނިޔާވި މީހަކު އައިސީޔޫގައި