Roadha Mihaaru
އައިއެސްގެ ހަމަލާތަކެއްގައި އިރާގުގެ 16 ފުލުހުން މަރު

އައިއެސްގެ ހަމަލާތަކެއްގައި އިރާގުގެ 16 ފުލުހުން މަރާލައިފި

06 ސެޕްޓެމްބަރ 2021

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންގެ ބަޔަކު އިރާގުގެ އުތުރުގައި އިއްޔެ ދިން ދެ ހަމަލާއެއްގައި އިރާގު ސިފައިންނާއި ފުލުހުންގެ 16 މީހަކު މަރާލައިފި އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންގެ ބަޔަކު އިރާގުގެ އުތުރުގައި އިއްޔެ ދިން ދެ ހަމަލާއެއްގައި އިރާގު ސިފައިންނާއި ފުލުހުންގެ 16 މީހަކު މަރާލައިފި އެވެ.

އިރާގުގެ ދާހިލީ ވުޒާރާ އިން ބުނި ގޮތުގައި އޭގެ ތެރެއިން ގިނަ މީހުން މަރުވީ، ކިރްކޫކްގެ ރަށްބޭރު ސަރަހައްދުގައި ހުރި ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ހަމަލާގަ އެވެ. މި ހަމަލާގައި ފުލުހުންގެ 13 މީހަކު މަރުވެ އިތުރު ފަސް މީހަކު ޒަހަމްވި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކިރްކޫކްގެ ހުޅަނގު ދެކުނުގައި އޮންނަ އައްރަޝާދު ކިޔާ ސަރަހައްދުގައި ހުރި ފުލުހުންގެ ޗެކް ޕޮއިންޓަކަށް އައިއެސްގެ ހަނގުރާމަވެރިން ހަމަލާ ދޭން ފެށީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އެ ހަމަލާތައް ދެ ގަޑިއިރަށް ދެމިގެން ދިޔަ އިރު، ފުލުހުންގެ ތިން އުޅަނދެއް ހަލާކުވި އެވެ.

އޭގެ އިތުރުން، މޫސަލް އިރު ދެކުނުން އޮންނަ މަޚްމޫރު އަވަށުގައި ހުރި ސިފައިންގެ ޗެކްޕޮއިންޓަކަށް އައިއެސްގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ސިފައިންގެ ތިން މީހަކު މަރުވި އެވެ. އަދި އިތުރު އެކަކު ޒަހަމްވި އެވެ.

މިއަހަރު ނިމޭއިރު، އެމެރިކާ ސިފައިން އިރާގުން ފައިބާނެ ކަން އިއުލާންކުރުމާ އެކު، އައިއެސްގެ ހަނގުރާމަވެރިންގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެހެންކަމުން، އެމެރިކާ ސިފައިން ފޭބުމަށް ފަހު، އިރާގުގެ ސަލާމަތީ ކަންތައް، އިރާގުގެ ސިފައިންނާއި ފުލުހުންނަށް ބެލެހެއްޓިދާނެކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އިރާގުގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ގުޅިފައިވާ ލަޝްކަރުގެ 3500 އަށް ވުރެ ގިނަ ސިފައިން އިރާގުގައި އެބަތިއްބެވެ. އޭގެ ތެރޭގައި އެމެރިކާގެ 2500 ސިފައިން ހިމެނެ އެވެ. އިރާގުގައި މީގެ ކުރިން އެމެރިކާގެ 5000 ސިފައިން ތިބުމަށް ފަހު، އެ އަދަދު ދަށް ކުރަން ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

އައިއެސްގެ ހަނގުރާމަވެރިން އިރާގާއި ސީރިޔާގައި ހަމަލާތައް ވަރުގަދަކޮށް، 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް، އެ ދެ ގައުމުގެ ތިން ބައިކުޅަ އެއްބައި، އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތެވެ. ނަމަވެސް އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުގެ ސިފައިން ވައިގެ މަގުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން، އައިއެސްގެ ބާރު ވަރަށް ބޮޑަށް އެ ދެ ގައުމުން ކެނޑިގެން ދިޔަ އެވެ.

ނަމަވެސް އޭގެ ހަތަރު އަހަރު ފަހުން، އަނެއްކާ ވެސް އައިއެސްގެ ހަމަލާތައް އަންނަނީ އިރާގާއި ސީރިޔާގައި ގިނަވަމުން ވަރުގަދަވަމުންނެވެ. މިއަހަރުގެ މިހާތަނަށް އިރާގުގައި އައިއެސްގެ ހަމަލާތައް އެންމެ ގިނައިން ދީފައިވަނީ، ކިރްކޫކްގެ ރަށްބޭރު ސަރަހައްދުގަ އެވެ.

ވެރިރަށް ބަގުދާދުގެ ތަޔަރާން މައިދާނުގައި، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި މަދުވެގެން 30 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ. އެ ހަމަލާގެ ޒިންމާ އުފުލީ އައިއެސް ޖަމާއަތުންނެވެ.

އޭގެ ހަ މަސް ފަހުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ސަދްރު ސިޓީގެ މަގުމަތީ ބާޒާރެއްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 32 މީހަކު މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. އެ ހަމަލާގެ ޒިންމާވެސް އުފުލީ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.