Roadha Mihaaru
މެއިގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 8.7 ބިލިއަން

މެއިގެ ނިޔަލަށް އާމްދަނީ 8.7 ބިލިއަން، ހަރަދު 7 ބިލިއަން ރުފިޔާ!

02 ޖުލައި 2017

މިދިޔަ މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބުނު އިރު ކުރި ހަރަދު ހަތް ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިދިޔަ މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބުނު އިރު ކުރި ހަރަދު ހަތް ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން ދާދި ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ލިބުނު އާމްދަނީން ކުރި ހަރަދު ކެނޑުމުން 1.7 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެގޮތުން ޖުމްލަ 5.5 ބިލިއަން ހަރަދު ކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ މިނިސްޓްރީން މަހަކު އެއް ފަހަރު އާއްމުކުރާ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު އެކަނި ވެސް މުސާރަ އާއި އިނާޔަތާއި ޕެންޝަނުގެ ގޮތުގައި 788 މިލިއަން ރުފިޔާ ހޭދަ ކުރި އިރު ހިންގުމާއި އެހެނިހެން ހަރަދުތަކަށް 441 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެގޮތުން ޖުމްލަ 1.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ޖުމްލަ 260.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ފިނޭންސް އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު ދައުލަތަށް 1.7 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު ހަރަދުގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓްގައިވަނީ އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ހަރަދުގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.