Roadha Mihaaru
18 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކޮށްފިން: ތޯރިގް

18 ރަށެއްގައި ނަރުދަމާ، 16 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: ތޯރިގް

03 ޖުލައި 2017

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 18 ރަށެއްގައި ނަރުދަމާގެ ނިޒާމު، 16 ރަށެއްގައި ފެނުގެ ނިޒާމުގެ ގާއިމުކޮށް ނިމިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 18 ރަށެއްގައި ނަރުދަމާގެ ނިޒާމު، 16 ރަށެއްގައި ފެނުގެ ނިޒާމުގެ ގާއިމުކޮށް ނިމިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވޭނެ ދުވަހެއް ސާފު ކުރަން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލުގެ ޖަވާބުގައި ތޯރިގް ވިދާޅުވި ގޮތުގައި މިހާރު ވެސް 21 ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރި އަށް އެބަދެ އެވެ. އަދި 20 ރަށެއްގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރާ އިރު، ކުރިމަގުގައި ހަ ރަށުގެ ފެނުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އުސޫލުތަކުގެ ތެރޭގައި ރަށުގެ އާބާދީ އާއި ރަށެއްގައި އިދާރީ މަސައްކަތްތައް ހިނގާ ނިސްބަތާއި އާބާދީ ތޮއްޖެހިފައި އޮންނަ މިންވަރާއި ރަށެއްގެ ބިމުގައި ހުންނަ ފެނުގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ.

ރިޔާޒް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

ރިޔާޒް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، 30 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވިފައި އޮތް އިރު، ހަ ރަށެއްގައި ފެނުގެ ނިޒާމު ގާއިމު ކުރެވިފައި އޮތެވެ.

"އަޅުގަނޑު ދަންނަވާނީ މިހާތަނަށް ރާއްޖޭގެ އެއްވެސް ރައީސަކު ނުކުރައްވާ ވަރަށް ފެނާއި ނަރުދަމާގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން މިވަގުތު އެ ކުރައްވަނީ. ރާއްޖޭގެ ތާރީހުގައި މިވަރުގެ ބޮޑު މަސައްކަތެއް ކުރައްވާފައި ނުވާ ވާހަކަ ދަންނަވަން،" ތޯރިގް ވިދާޅުވި އެވެ.

ތ. އަތޮޅު ކިނބިދޫ، ހިރިލަންދޫ، ވަންދޫ، އޮމަދޫ އަދި ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު މަސައްކަތް ނުފެށޭތީ އެކަމާ ގުޅޭ ގޮތުން ރިޔާޒް ކުރެއްވި ސުވާލުގެ ޖަވާބުގައި ތޯރިގް ވިދާޅުވީ ބަޖެޓުގައި ފައިސާ ހިމެނިއްޖެނަމަ، އެ ރަށްތަކުގައި މަސައްކަތް ފަށާނެ ކަމަށެވެ.

މީގެ އިތުރުން މަޖިލިހުގައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު މުހައްމަދު ޒާހިދު، ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަން ކުރަން ރައީސް ޔާމީން މަޖިލިހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.