Roadha Mihaaru
ބޯފެން ރައްކާކުރަން 133 މިލިއަން ރުފިޔާގެ މަޝްރޫއެއް

32 ރަށެއްގައި ބޯފެން ރައްކާ ކުރުމަށް 133 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް

20 ސެޕްޓެމްބަރ 2018

ރާއްޖޭގެ 32 ރަށަކަށް ބޯފެން ރައްކާ ކޮށްދިނުމަށްޓަކައި 133 މިިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު މަޝްރޫއެއްގައި އެންވަޔަރްމެންޓް މިނިސްޓްރީ އާއި ދުބާއީގެ ކުންފުންޏަކާ އެކު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ 32 ރަށަކަށް ބޯފެން ރައްކާ ކޮށްދިނުމަށްޓަކައި 133 މިިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު މަޝްރޫއެއްގައި އެންވަޔަރްމެންޓް މިނިސްޓްރީ އާއި ދުބާއީގެ ކުންފުންޏަކާ އެކު ސޮއިކޮށްފި އެވެ.

ދައުލަތުގެ ބަޖެޓުންނާއި ލޯނުގެ އެހީގައި ހިންގާ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރެއްވީ، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ދުބާއީގެ ވޯޓާ އިންޖީނިއަރިން ސާވިސަސް އެފްޒެޑްއީގެ ޑިރެކްޓަރު މުހައްމަދު އަބްދުލް ކަރީމް މުހައްމަދު އަލް ދުޝްތީ އެވެ.

އެ މަޝްރޫއުގެ ދަށުން 25 ރަށެއްގައި ބޯފެނުގެ ވަސީލަތްތައް ގާއިމު ކުރަން ހަމަޖައްސާފައި ވަނީ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގަ އެވެ. ބާކީ ހަތް ރަށުގައި ބޯފެނުގެ ވަސީލަތްތައް ގާއިމް ކުރަނީ އޮފިޑްގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.

ސާފު ބޯފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

ސާފު ބޯފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގައި، ޖުމުލަ 104 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ހޭދަކުރާނެ އެވެ. އެ ފަންޑުން އެހީތެރިވަނީ އއ. ހިމަންދޫ، އއ. ބޮޑުފޮޅުދޫ، އއ. މަތިވެރި، އދ. ކުނބުރުދޫ، އދ. ދިގުރަށް، ދ. ބަނޑިދޫ، ދ. މީދޫ، ދ. ހުޅުދެލި، ތ. ވަންދޫ، ތ. ގާދިއްފުށި، ތ. އޮމަދޫ، ތ. ކަނޑޫދޫ، .ތ. ކިނބިދޫ، ތ. ދިޔަމިގިލި، މ. ރަތްމަންދޫ، މ. ވޭވަށް، މ. ނާލާފުށި، ގއ. ނިލަންދޫ، ގއ. މާމެންދޫ، ގއ. ކޮނޑޭ، ގދ. ނަޑެއްލާ، ގދ. ހޯޑެއްދޫ، ގދ. ފިޔޯރީ، ގދ. ރަތަފަންދޫ އަދި ގދ. ފަރެސްމާތޮޑާ އަށެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ ރަށްރަށުގައި ވާރޭ ފެން ރައްކާކުރާ ޓޭންކުތަކާއި ފިލްޓާކޮށް ޑިސްއިންފެކްޓް ކުރާ ޔުނިޓުތަކާއި އެ ޔުނިޓުތައް ބޭނުން ކޮށްގެން ސާފުކުރެވޭ ފެން ރައްކާކުރެވޭ ޓޭންކުތައް ގާއިމްކުރާނެ އެވެ.

އޮފިޑުގެ ލޯނުއެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ސާފު ބޯފެން ހޯދައި ދިނުމުގެ ވަސީލަތްތައް ގާއިމް ކުރާނީ ހދ. ކުމުންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ހދ. މަކުނުދޫ، ނ. ހޮޅުދޫ، އ. އިނގުރައިދޫ އަދި ރ. މާކުރަތުގަ އެވެ. އެ ރަށްރަށުގައި ބަހައްޓަން ނިންމާފައި ވަނީ ލޮނުފެން މީރުފެނަށް ހަދާ ޕްލާންޓާއި ފެން ރައްކާކުރާ ތާނގިއާއި އެއާ ގުޅުން ހުރި އެހެން ވަސީލަތްތަކެވެ.