Roadha Mihaaru
މަސީހް ވަކިކުރުމުގެ މައްސަލަ ހޯމަ ދުވަހު

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހަށް އެޖެންޑާކޮށްފި

18 ޖުލައި 2017

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އެ ޕާޓީގެ މަޖިލިސް މެމްބަރުންނަށް މިއަދު އަންގަވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އެ ޕާޓީގެ މަޖިލިސް މެމްބަރުންނަށް މިއަދު އަންގަވައިފި އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި ނިހާން ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަދުވަހަށް ތާވަލު ކޮށްފި ކަމަށާއި އަންނަ ބުރާސްފަތި ދުވަހު ހުރިހާ މެމްބަރުން ވެސް މާލޭގައި ވަޑައިގެން ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް، 45 މެމްބަރުންގެ ސޮޔާއެކު މި މަހުގެ ތިންވަނަ ދުވަހު މަޖިލިހަށް ވެއްދި މި މައްސަލަ ހޯމަ ދުވަހަށް އެޖެންޑާކުރިކަން މަޖިލިހުގެ އިދާރާ އިން އަދި މެމްބަރުންނަށް ރަސްމީކޮށް އެންގި ކަމެއް ނޭނގެ އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މި މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާނަށާއި މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން ފޮނުވާފައިވީ ނަމަވެސް، އެކަމާ ގުޅޭ ޖަލްސާ ބާއްވާނެ ދުވަހެއް އޭރަކު ނާންގަ އެވެ.

މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އެ މަނިކުފާނަށް ދެއްވާނެ ވަގުތު ކަނޑައެޅުމަށް އާންމު ކޮމެޓީގެ ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ. މަސީހަށް ޖަވާބުދާރީވުމަށް ދޭނެ ވަގުތާއި އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މެމްބަރުން ބަހުސް ކުރާނެ ވަގުތު އެ ދުވަހުގެ ބައްދަލުވުމުގައި ކަނޑައަޅާނެ އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހު ބާއްވާއިރު، އެ މައްސަލަ މަޖިލިހަށް ވެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި، ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވަނީ މިއަދު ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ މަސީހްގެ ވޯޓަށް 42 މެމްބަރުން ހަމަކުރުމުގައި ނުފޫޒާއި ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގަ އެވެ.

މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނީ، އެ މައްސަލައިގެ ނޯޓިސް މެމްބަރުންނަށް ފޮނުވާ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ބޭނުންނަމަ، ސަބަބު ބަޔާންކޮށް 42 މެމްބަރުންގެ ސޮޔާއެކު ލިޔުމަކުން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދިި އެ މައްސަލައެއް މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި މެމްބަރުންނަށް ނޯޓިސް ފޮނުވަން ވާނެ އެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުމަށް ފަހު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގައި ނޫނީ، މަޖިލިހަށް ހުށަހެޅިފައިވާ އެހެން އެއްވެސް މައްސަލައަކާ މެދު އެ ޖަލްސާގައި ބަހުސެއް ނުކުރެވޭނެ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ބަހުސް ތިން ގަޑި އިރަށް ވުރެ ދިގުވެގެން ނުވާނެ އެވެ. މަޖިލީހުގެ ރައީސާ ދެކޮޅު މައްސަލައިގެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ހައްގު ވެސް ގަވައިދުން އެ މަނިކުފާނަށް ވަނީ ފަހިކޮށްދީފަ އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގެ ރިއާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.