Roadha Mihaaru
ރަޝީދު ހުށަހެޅުއްވި ސޮއިގެ މައްސަލާގައި ގޮތެއް ނުނިންމާ

މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ސޮއިގެ މައްސަލާގައި އަދި ގޮތެއް ނުނިންމާ: އަމީން އާންމު

05 ޖުލައި 2017

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ވެއްދި މައްސަލައިގެ ލިޔުމުގައި ސައްހަ ނޫން ސޮޔެއް ކޮށްފައިވާ ކަމަށް ވިދާޅުވެ، އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ) ހުށަހެޅުއްވި މައްސަލާގައި އަދި ގޮތެއް ނުނިންމާ ކަމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ވެއްދި މައްސަލައިގެ ލިޔުމުގައި ސައްހަ ނޫން ސޮޔެއް ކޮށްފައިވާ ކަމަށް ވިދާޅުވެ، އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ) ހުށަހެޅުއްވި މައްސަލާގައި އަދި ގޮތެއް ނުނިންމާ ކަމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަހުމަދު ރަޝީދު ހުށަހެޅުއްވި މައްސަލައިގެ ސިޓީ މަޖިލީހަށް ވަނީ ލިބިފަ އެވެ. އެކަމަކު އެ މައްސަލަ ބެލުމަށް ކޮމެޓީއަކަށް ފޮނުވުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އަމީން އާންމު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާތާ ތިން ދުވަސް ތެރޭގައި އެކަމުގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ދޭންވާނެ އެވެ. އޭގެ މާނަ އަކީ 45 މެމްބަރުންގެ ސޮޔާއެކު މަސީހް މަގާމުން ވަކިކުރުމަށް މަޖިލީހަށް ވެއްދި މައްސަލައިގެ ނޯޓިސް މާދަމާ ދޭން ޖެހޭނެ އެވެ.

މަޖިލިހުގެ ރައީސް ކަމުން މަސީހު ބޭރު ކުރުމަށް ހުށަހެޅި ލިސްޓުގައި ސޮއި ނުކުރައްވާ ކަމަށް މެމްބަރު އަހުމަދު ރަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން ކުރި ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވައި ދެއްވުމަށް ވެސް އޭނާ މަޖިލިހުގައި ވަނީ އެދިވަޑައިގެންފަ އެވެ.

ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން އަހުމަދު ރަޝީދު ވިދާޅުވީ އޭނާގެ ސޮއި އޮތީ ފޯޖްކޮށްފައި ކަމަށެވެ. އެކަމަކު ސޮއި ފޯޗްކޮށްފައިވާ ކަމަށް ވިދާޅުވާ މައްސަލަ ބަލައިދިނުމަށް އަހުމަދު ރަޝީދު ފުލުހުންނަށް މައްސަލަ ހުށަހެއް ނާޅުއްވަ އެވެ.

ލިސްޓުގައި ސޮއި ނުކުރައްވާ ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއިރު، އޭނާ ލިސްޓުގައި ސޮއި ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން ވަނީ އާންމުކޮށްފަ އެވެ. އެކަމާ ގުޅިގެން އަހުމަދު ރަޝީދު އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޕީޕީއެމްގެ 10 މެމްބަރުންނާ އެކު ޖުމްލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސާ ދެކޮޅަށް މައްސަލަ ހުށަހެޅުމާ އެކު ޕީޕީއެމުން ބުނެފައި ވަނީ އޭގެތެރޭގައި ވަގު ސޮއި ހިމެނޭ ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބު ނުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕީޕީއެމުން ބުނެ އެވެ.