Roadha Mihaaru
ދަތިކުރިއަސް ގަތަރުގެ ބަނދަރަށް ގެންނަ މުދާ މަދެއް ނުވޭ

ދަތިކުރުމުގެ ފިޔަވަޅު އެޅިއަސް ގަތަރުގެ ބަނދަރަށް ގެންނަ މުދާ މަދެއް ނުވޭ

09 ޖުލައި 2017

ދޯހާ (ޖުލައި 9) - ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އެ ގައުމުގެ ބަނދަރަށް ގެންނަ މުދާ މަދު ނުވާ ކަމަށް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދޯހާ (ޖުލައި 9) - ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އެ ގައުމުގެ ބަނދަރަށް ގެންނަ މުދާ މަދު ނުވާ ކަމަށް ބުނެފި އެވެ.

ގަތަރުގެ ހަމަދު ޕޯޓުގެ ޑިރެކްޓަރު އަބްދުލް އަޒީޒް ނާސިރު އަލް ޔާފީ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުން އައި ބަދަލަކީ ކުރިން ޔޫއޭއީގެ ޖަބަލް އަލީ ބަނދަރުގައި ޓްރާންސިޓްކޮށްފައި ގެންނަ މުދާ އޮމާނުގެ ދެ ބަނދަރެއް މެދުވެރިކޮށް ދޯހާ އަށް ގެނައުން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސައުދީން ގެންނަ މުދާ ހުއްޓުވި ފަހުން ގަތަރަށް ގެންނަ މުދާ އިތުރުވެފައި ނުވާ ކަމަށެވެ.

"ބަދަލަކަށް ފާހަގަ ކުރެވެނީ ދުބާއީގެ ޖަބަލް އަލީ ބަނދަރުން ކުރިން ގެންނަ މުދާ އޮމާނުގެ ބަނދަރު މެދުވެރިކޮށް ގެނައުން. އެކަމަށްޓަކައި އޮމާނުގައި ތިބި އަޚުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އަލް ޔާފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަނދަރަށް ގެންނަ މުދާ އިތުރު ކުރުމަށް ޕްލޭންތައް އެބަހުރި ކަމަށެވެ.

ގަތަރުގެ ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ބޭނުންވާ ތަކެތި ހޯދަނީ މުދާ އިމްޕޯޓްކޮށްގެންނެވެ. އެ ގައުމަށް ކުރިން އެތެރެ ކުރި މުދަލުގެ 40 ޕަސެންޓް ހިއްސާ ކުރަނީ ސައުދީ އެވެ. ނަމަވެސް ސައުދީގެ އެއްގަމާއި ވައިގެ ބަނދަރުތައް ވަނީ ގަތަރަށް ބަންދުކޮށްފަ އެވެ. އެބައި ފޫބެއްދުމަށް ގަތަރުން ވަނީ އީރާން، ތުރުކީ އަދި ޗައިނާ އިން މުދާ އެތެރެ ކުރަން ފަށައިފަ އެވެ.

މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ހަމަދު ބަނދަރަށް ފަސް ބޯޓު ލަފައިފަ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ އިން ގެނައި ކަންބަޅި ޝިޕްމަންޓަކާއި ތުރުކީން ގެނައި ކާނާގެ ޝިޕްމަންޓަކާއި ސައުތު އެފްރިކާ އިން ގެނައި ކާރު ޝިޕްމެންޓެއް ހިމެނެ އެވެ.

ހަމަދު ބަނދަރުގެ އޮފިޝަލުން ބުނީ ޖޫން މަހު އެކަނިވެސް 212 ބޯޓު ބަނދަރަށް ލަފާފައިވާ ކަމަށެވެ.