ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި މިރޭ ގަތަރަށް ފުރާވަޑައިގެންފި އެވެ.
11 މެއި 2024
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި މިރޭ ގަތަރަށް ފުރާވަޑައިގެންފި އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިނިސްޓަރު ޒަމީރު ގަތަރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ފޮރިން މިނިސްޓްރީން ބުނީ އަންނަ ހޯމަ ދުވަހާ ހަމައަށް ކުރައްވާ މި ދަތުރުގައި ގަތަރުގެ ބޮޑުވަޒީރާއި ހާރިޖީ ވަޒީރު ޝައިހު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްތާނީއާ އެކު މަތީ ފަންތީގެ މަޝްވަރާތައް ޒަމީރު ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް އޮޅުން ފިލުއްވައި ގަތަރުގެ ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފުރުސަތުތައް ހޯދުމުގެ މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި ގަތަރުން ސިޔާސީ ގުޅުން ގާއިމްކުރިތާ މި އަހަރު 40 އަހަރު ފުރޭނެ އެވެ.
ޒަމީރުގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި އެމްބެސެޑާ އެޓް ލާޖް އަދި ރާއްޖެ އިން ޗައިނާ އަށް އެންމެ ފަހުން ކަނޑައެޅި އާ ސަފީރު ޑރ. ފަޒީލް ނަޖީބާއި ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ލަމްހާ ސަލީމް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރަސްމީ ދަތުރެއްގައި ޒަމީރު ވަނީ މިދިޔަ ހަފުތާގައި އިންޑިއާ އަށް ވެސް ވަޑައިގެންފަ އެވެ. އެއީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޒަމީރު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ. އެ ދަތުރުގައި ޒަމީރު ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭ މަޝްވަރާތައް ބާއްވަވައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ގަތަރުގެ ޑިޕްލޮމެޓިކް ގުޅުން ޖޫން 5، 2017 ގައި ކަނޑާލި އެވެ. އެއީ ސައޫދީން ގަތަރާ އެކު ގުޅުން ކަނޑައިލުމާ އެކު ރާއްޖެ އިން ކުއްލި ގޮތަކަށް ނިންމި ނިންމުމެކެވެ. އެ ނިންމުން ބަދަލުކޮށް، ރާއްޖެ އިން ގަތަރާ އެކު އަލުން ގުޅުން ގާއިމްކުރަން ދިވެހި ސަރުކާރުން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖެނުއަރީ 5، 2021 ގަ އެވެ.
ރާއްޖެ އިން ދެ ވަނަ ފަަހަރަށް ގަތަރާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރީ ސައޫދީން ވެސް ދޫދީ، ގަތަރާ ގުޅުން ބަދަހި ކުރަން ނިންމި ހިސާބުންނެވެ.
ގަތަރާއެކު، ރާއްޖެ އިން ގާއިމުކޮށްފައިވާ ސިޔާސީ ގުޅުން ޔާމީންގެ ވެރިކަމުގައި ކަނޑާލީ ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅު ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ބުނެ އެވެ. ނަމަވެސް އެ ނިންމުން އޭރު އައީ ޔާމީންގެ ސަރުކާރާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފައި އޮތް ސައޫދީން އިސްވެ، ގަތަރާ ގުޅުން ކަނޑާލުމާ އެކު އެވެ. އެ ލިސްޓުގައި ރާއްޖޭގެ އިތުރުން ޔޫއޭއީ އާއި ބަހްރެއިނާއި ލީބިއާ އަދި މިސްރު ފަދަ ގައުމުތައް ހިމެނެ އެވެ.
ޒަމީރު، ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ގަތަރާ ގުޅުން ކަނޑާލީ އެރި ފޯރިއެއްގައި: ޝާހިދު
ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟
ގަތަރުގެ ރައްޔިތުން ރާއްޖެ އައުމަށް ހުރަހެއް ނެތް: މިނިސްޓްރީ
މިނިވަންކަމެއް ނެތް، ރާއްޖެ މިއޮތީ "އަޅުވެތި"ވެފައި!
ގަތަރާ ގުޅުން ކަނޑާލީ ވަކި ގައުމެއްގެ ނުފޫޒަކުން ނޫން
ބޭރުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު