Roadha Mihaaru
ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފި

ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފި

11 ޖުލައި 2017

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް ފެމިލީ ކޯޓަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބަދަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް ފެމިލީ ކޯޓަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބަދަލުކޮށްފި އެވެ.

ޖޭއެސްސީން ބުނިގޮތުގައި ބާރީ އާއި ޝަކީލް ދެ ކޯޓަކަށް ބަދަލުކުރުމަށް، މިރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމީ، އެކަމަށް އެދި ސުޕްރީމް ކޯޓުން ހުށަހެޅި ހުށަހެޅުމަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

ބާރީ އާއި ޝަކީލް ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރެއްވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތްތަކުގެ ބެންޗުގައި ވެސް އެ ދެ ބޭފުޅުން ތިއްބަވަ އެވެ. ބާރީ އާއި ޝަކީލްގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން އިންނަވަނީ ގާޒީ އާދަމް އާރިފް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން މިރޭ 7:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލުކުރި ނަމަވެސް ޝަރީއަތުގެ އެ މަޖިލީހަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ ވަކީލުން ހާޒިރުނުވެގެން ވަނީ އެ މައްސަލަތައް ކޯޓުން ބޭރުކޮށްލައިފަ އެވެ. އެކަމަކު ޕީޖީގެ އޮފީހުން ފަހުން މީޑީއާގައި ބުނީ ގާސިމްގެ އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މާދަމާ އަށް ފަސްކޮށްދޭން އެދިފައި ވަނިކޮށް ކަމަށެވެ.

މައްސަލަ ބޭރުކޮށްލަން ނިންމިކަން އިއުލާން ކުރަމުން ކޯޓުން ބުނި ގޮތުގައި ޕީޖީ ވަކީލުން ކޯޓަށް ހާޒިރުވާން ވަނީ ދެކޮޅު ހަދައިފަ އެވެ.

ބާރީ ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ހަ މަސް ވަންދެން ކުރައްވައިފަ އެވެ. އެކަމަކު އޭގެ ކުރިން ދުވަސްކޮޅެއް ވަންދެން އޭނާ ވަނީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުމުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ފެމިލީ ކޯޓަށް ބަދަލުކުރުމާ ގުޅިގެންނެވެ.