Roadha Mihaaru
ހުމާމްގެ މައްސަލަ ބަލަމުންދަނިކޮށް މަރާލައިގެންނުވާނެ

ހުމާމްގެ މައްސަލަ ބަލަމުންދަނިކޮށް މަރާނުލަން އދ. އިން އަންގައިފި

21 ޖުލައި 2017

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް ހުކުމް ދެމެހެއްޓި ނަމަވެސް އޭނާ މަރާނުލަން އދ. ގެ އޮފީސް އޮފް ދި ހިއުމަން ރައިޓްސް އިން ދިވެހި ސަރުކާރަށް އިއްޔެ އަންގައިފި އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް ހުކުމް ދެމެހެއްޓި ނަމަވެސް އޭނާ މަރާނުލަން އދ. ގެ އޮފީސް އޮފް ދި ހިއުމަން ރައިޓްސް އިން ދިވެހި ސަރުކާރަށް އިއްޔެ އަންގައިފި އެވެ.

އދ. ރެޕަޓުއާއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އެ އޮފީހަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ކޮމިޓީގެ ޗީފް ހިއުމަން ރައިޓްސް އިބްރާހިމް ސަލަމާ ދެއްވި ޖަވާބުގައި ވަނީ ހުމާމްގެ މައްސަލަ އެ ކޮމިޓީން ބަލަމުންދަނިކޮށް މަރާނުލަން މިއަދު އަންގާފައިވާނެ ކަމަށެވެ.

އދ. ގެ ހިއުމަން ރައިޓްސް އިން އެގޮތަށް އެންގިއިރު މިހަފުތާގެ ބަންދާ ދިމާކޮށް ހުމާމް މަރާލަން ސަރުކާރުން ރާވާފައިވާ ކަމަށް އަޑު ފަތުރާފައިވެ އެވެ. ނަމަވެސް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން މިދިޔަ ބުދަ ދުވަހު ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ތައްޔާރީތައް އަދިވެސް ވަމުން އަންނަ ކަމަށާއި އެކަމަކު އެކަން ކުރެވޭނެ ދުވަހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް، ހުކުމް ދަމަހައްޓައި ވަނީ މިދިޔަ އަހަރުގެ ޖޫން 24 ވަނަ ދުވަހު އެވެ.

އދ. ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ހުމާމް މަރަން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކޮށް، އޭނާގެ ޝަރީއަތާ ގުޅޭ ގޮތުން ހަ މަސްދުވަހުގެ ތެރޭގައި ޖަވާބުދާރީ ވާން ރާއްޖެ އަށް މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު އަންގާފަ އެވެ. ހުމާމްގެ ވަކީލުން ވިދާޅުވެފައި ވަނީ އދ. އިން ނެރުނީ ވަގުތީ އަމުރެއް ކަމަށާއި އެ އަށް އަމަލުކުރުން ސަރުކާރަށް ލާޒިމް ވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމަށް ދިނީ ކޮން ޖަވާބެއް ކަމެއް މިހާތަނަށް ނޭނގެ އެވެ.

ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތުމަށް ފަހު އެކަން ކުރަން އުޅޭތީ ބޭރުގެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ހުމާމްގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށް ބުނެ، އޭނާ މެރުމާ ދެކޮޅަށް އޮކްސްފޯޑް ޔުނިވަސީޓީގެ ދީނީ އިލްމުވެރިޔާ ތޯރިގު ރަމަޟާން އާއި ރާއްޖޭގެ ޖަމިއްޔާތަކުން ވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ފަށާނެ ކަމަށް މިދިޔަ އޭޕްރީލް މަހު ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު ބުނާގޮތުން މަރުގެ އަދަބު ދެވޭނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަންޖައްސައިގެންނެވެ. އެ ގަވާއިދު ބުނާގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފް މަރުހަލާ ނިމި އަދި މަރުވި މީހާގެ ވާރިސުން އެންމެ ފަހު ވަގުތު ވެސް ގާތިލަށް މައާފް ނުދީފި ނަމަ އެވެ.

ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓައި، އިސްތިއުނާފްގެ މަރުހަލާ ނިމިފައިވާ ތިން މީހަކު ރާއްޖޭގައި އެބަ ތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދުގެ މުއްރަތާއި އަދި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލެވެ.